ޒަމާނީ ޓެކްނޮލޮޖީގެ އާ ރާޑާ ސިސްޓަމެއް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ބަހައްޓައިފި އެވެ.
ވީއައިއޭ ހިންގަމުން އަންނަ އެމްއޭސީއެލުން ބުނީ މޯޑް-އެސް ރާޑަރުގެ ސަބަބުން ފްލައިޓުތައް ދެނެގަތުމާއި އެއާ ސްޕޭސްގެ މައުލޫމާތާއި އެއާ ޓްރެފިކް ކޮންޓްރޯލަށް އަންނަ ބަދަލުތައް ޒަމާނީ އެންމެ ފަހުގެ ޓެކްނޮލޮޖީގެ ތެރެއިން އެނގިގެންދާނެ ކަމަށެވެ.
ހުޅުލެ އާއި ހުޅުމާލޭ ލިންކް ރޯޑާ ޖެހިގެން ހުޅަނގު ފަރާތުގައި ހަދާފައިވާ ޓަވަރެއްގެ މަތީގައި، ބޮޑު ހުދު ބޯޅައެއްގެ ސިފާގައި ހުރި ރާޑަރު މިހާރު ވަނީ ބަހައްޓައިފަ އެވެ. އަދި އޭގެ އެހެން މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށް ދާ ކަމަށް، އެމްއޭސީއެލުން ބުނެ އެވެ.
ރާއްޖޭގެ އެންމެ ބޮޑު އެއާޕޯޓްގައި އާ ރާޑަރެއް މި ބެހެއްޓީ ވީއައިއޭގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ދުވަސްވަރެއްގަ އެވެ.
އެގޮތުން އާ ރަންވޭގެ މަސައްކަތް މިހާރު ވަނީ ގާތްގަނޑަކަށް ނިމިފަ އެވެ. އޭގެ އިތުރުން އާ ފިއުލް ފާމަކާއި ކާގޯ ޓާމިނަލާއި، ސީ ޕްލޭންތަކަށް ހާއްސަ ޓާމިނަލްގެ މަސައްކަތް ދަނީ ކުރިއަށެވެ. އަދި އާ ޓާމިނަލްގެ ބޮޑު މަޝްރޫއު ވެސް ވަނީ ފަށައިފަ އެވެ.