ވޭތުވެދިޔަ ދެ އަހަރު 73 ޕަސެންޓަށް ދަރަނި އިތުރުވި

ވޭތުވެދިޔަ ދެ އަހަރު ދުވަހު ރާއްޖޭގެ ދަރަނި 73 ޕަސެންޓަށް އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފި އެވެ.


ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ މިދިޔަ އަހަރުގެ ފަހު ކުއާޓާގެ ޑެޓް ބުލެޓިންގައި ބަޔާންކޮށްފައިވާ ގޮތުގައި 2016 އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހަށް ދައުލަތުގެ ދަރަނި 18 ބިލިއަން ރުފިޔާ ވަނީ އިތުރުވެފަ އެވެ. މި މުއްދަތުގައި އެތެރޭގެ ދަރަނި ވަނީ ފަސް ޕަސެންޓް އިތުރުވެފަ އެވެ.

ސަރުކާރުން މި މުއްދަތުގައި ވަނީ ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކަކުން ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ހިންގުމަށް ނެގި ލޯނުތަކަށް ގެރެންޓީ ދީފަ އެވެ. މިއާ އެކު މިދިޔަ ދެ އަހަރުގެ ތެރޭގައި ސަރުކާރުން ގެރެންޓީ ދިން މިންވަރު ވަނީ 267 ޕަސެންޓު އިތުރުވެފަ އެވެ.

މިދިޔަ 2018 ވަނަ އަހަރު ނިމުނު އިރު ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި ހުރީ 72 ޕަސެންޓުގަ އެވެ. މިއީ 2017 އަހަރާއި 2016 ވަނަ އަހަރާ އަޅާ ބަލާއިރު 11 ޕަސެންޓުގެ އިތުރުވުމެކެވެ. އެ ދެ އަހަރު އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި ހުރީ 61 ޕަސެންޓުގަ އެވެ.

ދަރަނީގެ މިންވަރު އިތުރުވެފައިވާ އިރު ރާއްޖެއިން ބޭރުގެ ދަރަނި ވަނީ އެއް އަހަރުގެ ތެރޭ 22 ޕަސެންޓު އިތުރުވެފަ އެވެ. ރާއްޖެއިން ބޭރުގެ ދަރަނި 20 ބިލިއަން ރުފިޔާގައި ހުރި އިރު މީގެ 60 ޕަސެންޓު ނިސްބަތް ވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ އިމާރާތަށް ނަގާފައިވާ ލޯނާއި އެއާޕޯޓު ތަރައްގީ ކުރުމަށް ނަގާފައިވާ ލޯނަށެވެ.

ރާއްޖޭގެ ދަރަނި އިންތިހާ އަށް އިތުރުވެފައިވާ އިރު 2018 އަހަރު ދަރަނި އަނބުރާދެއްކުމަށް 1.6 ބިލިއަން ރުފިޔާ ހޭދަކޮށްފައި ވެ އެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު 20 ޕަސެންޓުގެ އިތުރުވުމެކެވެ. މީގެ ތެރެއިން 68 ޕަސެންޓަކީ ލޯނު އަނބުރާ ދެއްކުމަށް ދެއްކި ފައިސާ އެވެ. އަދި ބާކީ ފައިސާއަކީ އިންޓްރެސްޓަށް ދެއްކި ފައިސާ އެވެ. ބޭރުގެ ދަރަނި ވަރަށް ބޮޑަށް އިތުރުވެފައިވާ އިރު ދައުލަތަށް ލިބުނު އާމްދަނީގެ އަށް ޕަސެންޓު ބޭރުގެ ދަރަނި ދެއްކުމަށް ހޭދަކުރި އެވެ.

ބޭރުގެ ދަރަނި ދެއްކުމަށް ހޭދަކުރި މިންވަރު އިތުރުވި ނަމަވެސް އެތެރޭގެ ދަރަނި ދެއްކުމަށް ހޭދަކުރި މިންވަރު ވަނީ 44 ޕަސެންޓު ދަށްވެފަ އެވެ. މީގެ އެންމެ ބޮޑު ސަބަބަކީ ބޭންކް އޮފް މޯލްޑިވްސް އިން ސަރުކާރުން ނަގާފައިވާ ޝޯޓް ޓާމް ލޯނެއް 2017 ވަނަ އަހަރު އެއްކޮށްދެއްކުމެވެ.