ފިންލެންޑުގެ ތައުލީމީ ދާއިރާގެ އިސް ވަފުދެއް މާދަމާ ރާއްޖެ އަންނަނީ

ފިންލޭންޑުގެ ތައުލީމީ ދާއިރާގެ އިސް ވަފުދެއް މާދަމާ ރާއްޖެ އަންނަން ނިންމައިފި އެވެ.


އޭޝިޔާ ސަރަހައްދުގައި ފިންލޭންޑުގެ ސްކޫލު ހިންގާ ހަމައެކަނި ކުންފުނި، އައިލެންޑާސް އެޑިއުކޭޝަންގެ ޑިރެކްޓަރު އަދްލީ ރަޝީދު ވިދާޅުވީ އެ ވަފުދު އަންނަނީ، މާލޭގައި ހުންނަ ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލު ރަސްމީކޮށް ހުޅުވުމަށް ކަމަށެވެ.

އެ ވަފުދުންގެ ތެރޭގައި ފިންލޭންޑުން ސައުތު އޭޝިޔާއަށް ކަނޑައަޅާފައި ހުންނަވާ އެމްބެސެޑަރު ހެރި ކަމަރައިނެން އާއި ފިންލެންޑުގެ އެންމެ ބޮޑު ޔުނިވާސިޓީގެ ތެރޭގައި ހިމެނޭ ޖީވަސްކީލަ ޔުނިވާސިޓީގެ ޑީން ޑރ. އަންނަ ޕޮކިއުސް އާއި ޖީވަސްކީލަ ޔުނިވާސިޓީގެ ސީނިއާ އެޑިއުކޭޝަން އެކްސްޕާޓް އެންޑް ލެކްޗަރާ ޕަސި އިކޮނެންނެވެ.

ފިންލެންޑު އިންޓަނޭޝަނަލް ސްކޫލުގެ ދަރިވަރުންތަކެއް، ޓިޗަރާއެކު ވާހަކައެއް ދައްކާލަނީ.-- ފޮޓޯ: ފިންލެންޑު އިންޓަނޭޝަނަލް ސްކޫލް

ހެންވޭރުގައި ހުންނަ ޑްރީމް ކެމްޕަހުގައި ހަދާފައިވާ ފިންލޭންޑު ސްކޫލުގައި ދިރާސީ އާ އަހަރާއެކު ވަނީ ކިޔަަވައިދޭން ފަށައިފަ އެވެ. އެ ސްކޫލުގައި މިހާރު ކިޔަވައިދެނީ ގްރޭޑު 1-5 އަށެވެ. ނަމަވެސް ކޮންމެ އަހަރަކު ވެސް ގްރޭޑުތައް އިތުރުކުރާނެ ކަމަށް އައިލެންޑާސް އިން ބުންޏެވެ.

ފިންލޭންޑުގެ ކަރިކިއުލަމަށް ކިޔަވައިދިނަސް އެއީ ރާއްޖޭގެ ސަގާފަތާއި ތަރިކައާ އިސްލާމް ދީނާ ގުޅޭނެ މަންހަޖެއް ކަމަށް އެތަނުން ބުންޏެވެ.

ކޮންމެ ކްލާހެއްގައި ފިންލެންޑުގެ ޔުނިވާސިޓީން މާސްޓާސް ހަދާފައިވާ ތަޖުރިބާކާރު ޓީޗަރެއް މަސައްކަތް ކުރާނެ ކަމަށާއި ދިވެހި ޓީޗަރުން މަސައްކަތްކުރާނީ އެ ޓީޗަރުންނާއެކު ކަމަށް ބުންޏެވެ.