ދިރާގު
20 އެޕްރީލް 2019 - 16:31
ދުނިޔޭގެ އެންމެ ވަރުގަދަ ސްޓާޓްއަޕް ވޯކްޝޮޕް "ލީން ސްޓާޓްއަޕް މެޝިން" ދިރާގާއި ސްޕާކްހަބް ގުޅިގެން ފަށައިފި އެވެ.
އިއްޔެ ފެށި މި ވޯކްޝޮޕް ކުރިއަށްދާނީ މާދަމާގެ ނިޔަލަށެވެ. ލީން ސްޓާޓްއަޕް މެޝިނަކީ ސްޓާޓްއަޕް ވިޔަފާރިތަކަށް އަމާޒުކޮށްގެން ދުނިޔޭގެ 150 ސަރަހައްދެއްގައި ކާމިޔާބުކަމާ އެކު ބާއްވަމުން އަންނަ ތިން ދުވަހުގެ ވޯކްޝޮޕެކެވެ. މިއީ ރާއްޖޭގައި ބާއްވާ މީގެ ފުރަތަމަ ޕްރޮގްރާމެވެ.
މި ޕްރޮގްރާމުން، އާ އީޖާދެއް ނުވަތަ އާ ހިޔާލެއް ތަރައްގީކުރުމުގެ ކުރިން އަޅަން ޖެހޭ މުހިންމު ފިޔަވަޅުތަކަކީ ކޮބައިކަން ދެނެގަނޭވެނެ އެވެ. އެގޮތުން ކަސްޓަމާ ވެލިޑޭޝަނާއި ޕްރޮޑަކްޓާއި ބިޒްނަސް މޮޑެލް ޑިވެލޮޕްމެންޓް ފްރޭމްވޯކްތައް ކިޔައިދޭނެ އެވެ.
މި ވޯކްޝޮޕްގެ ބައިވެރިންނަށް، އަލަށް ވިޔަފާރިއެއް ފެށުމުގެ ކުރިން އެ ވިޔަފާރީގެ ހިޔާލާ މެދު ވިސްނައި އެކަމަށް ތައްޔާރުވާނެ ގޮތްތައް ވެސް ކިޔައިދޭނެ އެވެ. އަދި ވިޔަފާރި އާއި ކަސްޓަމަރުންނާ އޮތް ގުޅުން ދެނެގަނެ ވިޔަފާރި ތަރައްގީކުރުމުގެ މަސައްކަތް ވެސް ދަސްކޮށްދިނުމަށް ހަމަޖެހިފައިވެ އެވެ. މީގެ އިތުރުން ވިޔަފާރީގެ އެކި ހިޔާލުތަކާއި ކޮންސެޕްޓްތައް ޓެސްޓުކުރުމުގެ ފުރުސަތު ވެސް ލިބިގެންދާނެ އެވެ.
ލީން ސްޓާޓްއަޕް މެޝިން މޯލްޑިވްސް ހުޅުވުމުގެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނުގެ ގޮތުގައި މިނިސްޓަ އޮފް ހަޔަ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަން ބައިވެރިވެވަޑައިގަތެވެ. އަދި މި ރަސްމިއްޔާތުގައި ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރޔ އިސްމާއިލް ރަޝީދު، ދިރާގުގެ މެނޭޖްމަންޓް އަދި ސްޕާކްހަބްގެ ސީއީއޯ ހުސެއިން ޖިނާން އަދި މެނޭޖްމަންޓުން ވެސް ބައިވެރިވި އެވެ.
ލީން ސްޓާޓްއަޕް މެޝިން މޯލްޑިވްސް ކުރިއަށް ދާނީ ލީން ސެޓިފައިޑް ފެސިލިޓޭޓަރުން މެދުވެރިކޮށެވެ. މިގޮތުން ލީން ސްޓާޓްއަޕް މެޝިންގެ ރީޖަނަލް ޕާޓްނަރު ކޯޑް އާމީ، މެލޭޝިއާގެ ސީއީއޯ ޒަފަރުލްއަޒްހަރު ބިން ނޫރައްދީނާއި ސީއޯއޯ އަލީޒާ އެލިޒަބަތްގެ އިތުރުން ލީން ޕްރެޓްޓިޝަނާ ދާނިޝް އާތިފް ހަރަކާތްތެރިވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy