ހިއްސާއަކަށް 11.91ރ. ބަހަން ދިރާގުން ނިންމައިފި

ހިއްސާއަކަށް 11.91ރ. ބަަހަން ދިރާގުގެ އަހަރީ އާންމު ޖަލްސާގައި ނިންމައިފި އެވެ.


މިރޭ ކުރުނބާ މޯލްޑިވްސްގެ ކޮންވެންޝަން ހޯލުގައި ބޭއްވި އަހަރީ އާންމު ޖަލްސާގައި މިގޮތަށް ނިންމާފައިވާ އިރު އެ ކުންފުންޏަށް މިދިޔަ އަހަރު ފައިދާގެ ގޮތުގައި 905 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މިިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 2.7 ބިލިއަން ރުފިޔާ ލިބިފައިވާ އިރު މިއީ އޭގެ ކުރީ އަހަރަށްވުރެ 5.4 ޕަސެންޓުގެ ކުރިއެރުމެކެވެ.

ދިރާގުގެ ފައިދާ ބަހަނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. އެގޮތުން، އިންޓެރިމް ޑިވިޑެންޓުގެ ގޮތުގައި 452 މިލިއަން ރުފިޔާ ކަނޑައަޅާފައިވާ އިރު އެ ފައިސާ އިން ހިއްސާ އަކަށް 5.96 ރުފިޔާ ބަހަން ނިންމާފައިވެ އެވެ. ފައިނަލް ޑިވިޑެންޓުގެ ގޮތުގައި ލިބިފައިވާ 452 މިލިއަން ރުފިޔާ އިން ހިއްސާއަކަށް 5.95 ރ. ބެހުމަށް ނިންމާފައިވެ އެވެ.

އަހަރީ އާންމު ޖަލްސާގައިވަނީ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓާއި މާލީ ރިޕޯޓު ފާސްކޮށްފަ އެވެ. އަދި އެކުންފުނީގެ އެކްސްޓާނަލް އޮޑިޓަރުގެ ގޮތުގައި ކޭޕީއެމްޖީ ހަމަޖެއްސުމަށް ފާސްކޮށްފައިވެ އެވެ. އެކްސްޓާނަލް އޮޑިޓަރަށް ފީއެއްގެ ގޮތުގައި 45،000 ޑޮލަރު ނުވަތަ 693،900ރ. ދިނުމަށް ވަނީ ކަނޑައަޅާފަ އެވެ.

ދިރާގުގެ 30 ވަނަ އަހަރީ އާންމު ޖަލްސާގައި އެކުންފުނީގެ 84 ހިއްސާދާރުން ބައިވެރިވެފައިވެ އެވެ.

ދިރާގުގެ 52 ޕަސެންޓް ހިއްސާއަކީ ބަހުރެއިންގެ ކުންފުންޏެއް ކަމުގައިވާ ބަޓެލްކޯ އެވެ. އަދި 41 ޕަސެންޓް ހިއްސާވަނީ ދިވެހި ސަރުކާރެވެ. ބާކީ ހަތް ޕަސެންޓް ނިސްބަތްވަނީ އާންމު ހިއްސާދާރުންނަށެވެ.