މުޅި ރާއްޖެ ޑިޖިޓަލް ކުރުމުގެ ޕްރޮގްރާމުގެ ދަށުން މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ޕާކުތަކުގައި ދިރާގުން ހިލޭ ވައިފައި ދޭން ހޮޓްސްޕޮޓްތައް ގާއިމުކޮށްފި އެވެ.
މިއަދު މި ހިދުމަތް އިފްތިތާހު ކުރުމަށް ރަސްރަނި ބަގީޗާގައި ބޭއްވި ރަސްމިއްޔާތުގައި މާލޭގެ މޭޔަރު ޝިފާ މުހައްމަދާއ ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދުގެ އިތުރުން ދިރާގުގެ އިސް ބައެއް ބޭފުޅުން ބައިވެރިވެ ވަޑައިގަތެވެ.
މި ރަސްމިއްޔާތުގައި ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ވިދާޅުވީ އިންޓަނެޓަކީ މިހާރު ކޮންމެ މީހަކު ވެސް ބޭނުންކުރާ ހިދުމަތަކަށް ވާތީ އެ ކުންފުނީގެ ބޭނުމަކީ ރައްޔިތުންގެ އެ ބޭނުން ފުއްދައި ދިނުން ކަމަށެވެ. އެގޮތުން މާލެ އާއި ހުޅުމާލޭގެ އިތުރުން ވިލިމާލޭގައި މީހުން ގިނައިން އެއްވާ ތަންތަނުގައި ވައިފައި ހޮޓްސްޕޮޓްތައް ބަހައްޓައި މިހާރު ހިދުމަތް ދޭން ފަށާފައިވާ ކަމަށް ވިދާޅުވި އެވެ.
"އެންމެ ގިނައިން މީހުން ޖަމާވާ ޕާކުތައް ބަލައި އެ ޕާކުތަކުގައި މިހާރު ހުންނާނީ ދިރާގު ވައިފައި ހޮޓްސްޕޮޓްތައް ބަހައްޓާފައި. އަދި މި ހިދުމަތުގެ ސަބަބުން ފޯނުގައި ކްރެޑިޓް ނެތް ނަމަވެސް ހިލޭ ވައިފައި ބޭނުން ކުރެވޭނެ،" އިސްމާއިލް ވިދާޅުވި އެވެ.
މޭޔަރު ޝިފާ ވިދާޅުވީ އިންޓަނެޓަކީ ދިވެހިން އެކަކު އަނެކަކާ ގުޅުވާލަދޭ ހިދުމަތެއް ކަމަށާއި މި ހިދުމަތުގެ ބޭނުން ބޮޑު ކަމަށެވެ.
ޕާކުތަކަކީ ގިނައިން ސްކޫލް ކުދިން އައިސް އުޅޭ ތަންތަނަށް ވާއިރު އެ ހިދުމަތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށް ޝިފާ އިލްތިމާސްކުރެއްވި އެވެ.
"ހާއްސަ ގޮތެއްގައި ސްކޫލް ކުދިންގެ ތެރެއިން ގިނަ އަދަދެއްގެ ސްކޫލް ކުދިން މި ޕާކުތަކަށް ޒިޔާރަތް ކުރޭ. އެހެންވީމާ އެކުދިން ކިޔެވުމަށާއި ފީލްޑް ޓްރިޕްތަކަށް ޕާކަށް އަންނައިރު މި ހިދުމަތުގެ ބޭނުން ހެޔޮގޮތުގައި ބޭނުން ކުރަން ވާނެ،" ޝިފާ ވިދާޅުުވި އެވެ.
ދިރާގުން މިއަދު ފަށާފައިވާ މި ހިދުމަތުގެ ދަށުން ދިރާގު ވައިފައި ހޮޓް ސްޕޮޓް ބޯޑު ހުންނަ ކޮންމެ ޕާކަކުން 30 މިނެޓަށް ހިލޭ ވައިފައި ބޭނުން ކުރެވޭނެ އެވެ. އަދި އޭގެ އިތުރަށް އިންޓަނެޓް ބޭނުންކުރަން އެޑްއޮންތައް ވެސް ލިބޭނެ އެވެ.