މާލޭގައި މިނީ ބަހުގެ ހިދުމަތް ދިނުމަށް ޓަކައި ބެޓެރީން ދުއްވާ ބަސްތަކެއް ގެންނަން ރާވާފައިވާ ކަމަށް އެމްޓީސީސީން ބުނެފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޓީސީސީގެ ސީއޯއޯ ޝާހިދު ހުސައިން މޫސާ ވިދާޅުވީ މިނީ ބަހުގެ ހިދުމަތް ދިނުމަށް ޓަކައި ދިރާސާތައް ނިންމައި، ޓްރާންސްޕޯޓް މިނިސްޓްރީ އަށް މިހާރު ފޮނުވާފައިވާ ކަމަށެވެ. އެގޮތުން މާލޭގެ ދަތުރުތަކަށް އިލެކްޓްރިކް ބަސްތައް ގެނައުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މާލޭގެ މިނީ ބަސް ޕްރޮޖެކްޓުގެ މަސައްކަތް މިހާރު ވަނީ ދިރާސާތައް ކުރެވި މިނިސްޓްރީއާ ހާވާލު ކުރެވިފައި. އެގޮތުން ދިރާސާކޮށް އަޅުގަނޑުމެން ވަނީ އިލެކްޓްރިކް ބަސްތަކެއް ގެނެސް ހުޅުމާލޭގައި އެ ޗާޖުކޮށް މާލެ ގެނެސް ހިދުމަތް ދިނުމަށް ރާވާފައި،" ޝާހިދު ވިދާޅުވި އެވެ.
އެމްޓީސީސީގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރު މުހައްމަދު ނާޒިމް ވިދާޅުވީ އިލެކްޓްރިކް ބަސް ގެންނަން ނިންމާފައިވަނީ ތިމާވެއްޓާ ރައްޓެހި ބަސްތަކެއް މާލޭގައި ދުއްވުމުގެ މަގްސަދުގައި ކަމަށެވެ. މާލޭގެ މަގުތައް ހުންނަ ގޮތުގެ ސަބަބުން، ގެންނަ ބަސްތަކުގެ ދިގުމިނުގައި ހުންނާނީ 20 ފޫޓު ކަމަށާއި ބަހެއްގައި ދަތުރުކުރެވޭނީ 16 ފަސިންޖަރުންނަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ބަހުގެ ހިދުމަތް ފެށުމުގެ ކުރިން މާލޭގެ ޓްރެފިކަށާއި ޕާކިން ސްޕޭސްތަކަށް ބަދަލުތައް ގެންނަން ޖެހޭނެ ކަމަށް ވެސް މުހައްމަދު ނާޒިމް ވިދާޅުވި އެވެ.
"ސަރުކާރުން އެދިފައި ވަނީ ތިމާވެއްޓާ ރައްޓެހި އުޅަނދުތައް ހޯދަން. އެހެންވެ އަޅުގަނޑުމެން ނިންމީ އިލެކްޓްރިކް ބަސްތައް ގެންނަން. މާލޭގައި ވަރަށް ހަނި މަގުތަކެއް މި ހުންނަނީ، އެހެންކަމުން މި މަގުތަކުގައި އޮޕްރޭޓް ކުރުމަށް ހަ މީޓަރު ނުވަތަ 20 ފޫޓުގެ ބަސް އަޅުގަނޑުމެން މި ގެންނަން ޖެހެނީ. މި ބަސްތަކުގައި ދަތުރު ކުރެވޭނީ ކޮންމެ ބަހެއްގައި ވެސް އެއްފަހަރާ 16 ފަސިންޖަރުންނަށް،" މުހައްމަދު ނާޒިމް ވިދާޅުވި އެވެ.
މާލޭގައި މިނީ ބަހުގެ ހިދުމަތް ދިނުމަށް ޓްރާންސްޕޯޓް މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ މާލެ އަށް ދިމާވެފައިވާ ޓްރެފިކް މައްސަލަ އަށް ހައްލު ހޯދުމުގެ ގޮތުންނެވެ. މި ޕްރޮޖެކްޓް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ މި އަހަރުގެ ފެބްރުއަރީ މަހުގަ އެވެ.