ބަރެސްދޫ ޕްރޮޖެކްޓުގެ ފައިސާ ބޭނުން ކުރީ ހިޔާނާތުގެ އެކި ކަންކަމަށް: ރާއިދު

ބަރެސްދޫ ޕްރޮޖެކްޓުން ލިބުނު ފައިސާ ބޭނުންކުރީ ހިޔާނާތުގެ އެކި ކަންކަމަށް ކަމަށާއި ބުކިން ފީ އަށް ލިބުނު ހުރިހާ ފައިސާއެއް ހުސްވެފައިވާ ކަމަށް މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރާއިދު ވިދާޅުވެއްޖެ އެވެ.


މިދިޔަ އާދިއްތަ ދުވަހު "މިހާރު" އަށް ދެއްވި އިންޓަވިއުގައި ރާއިދު ވިދާޅުވީ، އެމްއައިޓީޑީސީ އަށް ބުކިން ފީގެ ގޮތުގައި ލިބުނު ފައިސާ އިން، އޭރު ވެރިކަން ކުރި ޕާޓީ ޕީޕީއެމްގެ އޮފީސް ހިންގުމަށް ވެސް ބޭނުން ކުރި ކަމަށެވެ. އެ މައްސަލަ އޭސީސީން އަންނަނީ ތަހުގީގު ކުރަމުންނެވެ.

އެމްއައިޓީޑީސީ އަށް 3.5 މިލިއަން ޑޮލަރު ލިބުނެވެ. ބުކިން ފީތަކެއް ލިބިފައިވީ ނަމަވެސް، ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ކުރިއަށް ނުދާތީ، އެ ފައިސާ ދެއްކި މީހުން އެ ހޯދަން އެދެމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ތެރެއިން މިހާތަނަށް ހަ ލައްކަ ޑޮލަރު ރީފަންޑު ކޮށްދީފައިވެ އެވެ. ބަރެސްދޫގައި ޓޫރިސްޓުންނަށް ހިދުމަތް ދޭ ތަންތަން ކުއްޔަށް ނަގަން 40 ފަރާތަކުން ބުކިން ފީ ދެއްކި އިރު މިހާތަނަށް 10 ފަރާތަކުން ފީ އަނބުރާ ހޯދާފައިވެ އެވެ.

އިއްޔެ އޮތް، ރައްޔިތުންގެ މަޖިލީހުބެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީގައި ރާއިދު ވިދާޅުވީ، ބަރެސްދޫން ދޫކޮށްފައިވާ ބިންތައް ކުރީގެ ސަރުކާރުގެ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނާއި އެ ބޭފުޅުންގެ މަސްލަހަތު ހިމެނޭ ކުންފުނިތަކާއި އެ ސަރުކާރުގެ ބައެއް ވަޒީރުންނަށް ވެސް ދޫކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން، ކުރިން އެ ކުންފުނީގެ ބޯޑު މެންބަރެއްގެ ގޮތުގައި ހުންނެވި އާއިލާ މެމްބަރަކަށް ވެސް ބަރެސްދޫން ބިން ދޫކޮށްފައިވާ ކަމަށެވެ.