ރ. ހުރުވަޅީގައި ތަރައްގީކޮށްފައިވާ ކާޕޭ ޑިއެމް ބީޗް ރިސޯޓް އެންޑް ސްޕާގެ ނަން "ދަ ސްޓޭންޑާޑް ހުރުވަޅި މޯލްޑިވްސް" އަށް ބަދަލުކޮށް އަލުން ހުޅުވަން ތައްޔާރުވެއްޖެ އެވެ.
ކާޕޭ ޑިއެމްގެ ނަން ބަދަލުކުރީ އެ ރިސޯޓު ހިންގުމާ އަލަށް ހަވާލުވި "ދަ ސްޓޭންޑާޑް" ކުންފުނިންނެވެ. މިއީ އެމެރިކާގެ ކުންފުންޏެކެވެ. މިއީ އެ ކުންފުނިން އޭޝިއާގައި ހުޅުވާ ފުރަތަމަ ރިސޯޓެވެ. މި ރިސޯޓު ހުޅުވަން ހަމަޖެހިފައިވަނީ މި އަހަރުގެ ފަހު ކުއާޓާގަ އެވެ.
މި ރިސޯޓުގައި 115 ޕްރައިވެޓް ވިލާ ހުރެ އެވެ. މިއިން ކޮންމެ ވިލާއެއްގައި ވެސް ޕޫލަކާއި ލައުންޖެއް ހުރެ އެވެ.
މި ރިސޯޓުގައި ހަ ރެސްޓޯރަންޓު ހުންނައިރު ތަފާތު ވައްތަރުގެ ކާބޯތަކެތި ލިބެން ހުންނާނެ އެވެ. މީގެ ތެރޭގައި ސީފުޑް ބާބަކިއު އާއި ދިވެހި ކާނާގެ ބާވާތްތައް ލިބެން ހުންނާނެ އެވެ. މި ރިސޯޓުގައި ތައްޔާރުކުރާ ދިވެހި ކާނާގެ ބާވަތްތަކަކީ ރިސޯޓުގައި ހައްދާ ތަކެތި ބޭނުންކޮށްގެން ތައްޔާރުކުރާ ބާވަތްތަކެވެ.
ދަ ސްޓޭންޑާޑް ސްޕާގެ ނަމުގައި މި ރިސޯޓުގައި ހުޅުވާއިރު ސްޕާގައި އެންމެ ފަހުގެ ޓްރީޓްމަންޓުތައް ލިބެން ހުންނާނެ އެވެ. އެގޮތުން ވަރުބަލިކަން ފިލުވައިދިނުމަށް މޮރޮކޯގެ މަޝްހޫރު "ކޮމިއުނަލް ހައްމަމް" ޓްރީޓްމަންޓާއި އަރޯމާ ހިމެނެ އެވެ. މި ސްޕާގައި ޓްރީޓްމަންޓްތައް ހައްދަން ނުވަ ޕްރައިވެޓް ކޮޓަރި ހުންނަ އިރު ޔޯގާ އާއި ސޯނާގެ ހިދުމަތް ވެސް ލިބޭނެ އެވެ.
މީގެ އިތުރުން މި ރިސޯޓަށް އަންނަ ޓޫރިސްޓުންނަށް ލިބޭނެ ބައެއް ހިދުމަތްތަކުގެ ތެރޭގައިރި ރިސޯޓާ ކައިރި ރަށްރަށުގެ ކަނޑުއަޑީގެ ރީތިކަން ތަޖުރިބާކޮށްލުމަށް ގައިޑެޑް ސްނޯކްލިން އާއި މަސް ދަތުރުތަކާއި ނައޮތް ކްލަބްގެ އިތުރުން ޑެސްޓިނޭޝަން ޑައިިން ފަދަ ހިދުމަތްތައް ހިމެނެ އެވެ.