ކޮކަ ކޯލާގެ އާ ދެ ރަހައެއް އަންނަ މަހު ނެރެނީ

ގިނަ ބައެއްގެ މެދުގައި އެންމެ މަގުބޫލު އެއް ބުއިން ކަމަށްވާ ކޮކަ ކޯލާ އިން އިތުރު އާ ދެ ރަހައެއް ނެރެން ނިންމައިފި އެވެ.


އަންނަ މަހުގެ 30 ގައި ނެރެން ނިންމާފައި ވަނީ ސިނަމަން (ފޮނިތޮށި) އާއި ކޮކާ ކޯލާގެ ދަށުން ނެރޭ ސްޕްރައިޓްގެ ވިންޓަ ސްޕައިސްޑް ކްރޭންބެރީ ފްލެވާ އެވެ. މި ދެ ރަހަ އުފައްދާކަން ކޮކަ ކޯލާ ކުންފުނިން ކަށަވަރުކޮށް ދިން ނަމަވެސް އެއްވެސް ތަފުސީލެއް ހާމައެއް ނުކުރެ އެވެ.

މީގެ ކުރިން ވެސް އެކި ފަހަރު މަތިން ކޮކަ ކޯލާ އިން އެކި ރަހަތަކުގެ ކޯކް ނެރެފައިވެ އެވެ. މީގެ ތެރެއިން ބައެއް ރަހަތަކަށް ކަސްޓަމަރުންގެ ބޮޑު ތަރުހީބެއް ލިބުނު ނަމަވެސް، ބައެއް ރަހަތައް އެހާ ކަމުދާ އެއްޗަކަށް ނުވުމުން އުފެއްދުން ހުއްޓާލާފައި ވެސް ވެ އެވެ.

ކޮކަ ކޯލާ އަކީ އެކި މުނާސަބަތުތަކާ ދިމާކޮށް ވެސް ހާއްސަ ރަހަތައް ނެރެމުން އަންނަ ކުންފުންޏެކެވެ.

ބައެއް މީޑިއާތަކުން ބުނި ގޮތުގައި ލިމިޓެޑް އެޑިޝަނެއްގެ ގޮތުގައި ނެރޭ ސިނަމަން އާއި ސްޕައިސްޑް ކްރޭންބެރީ އެންމެ ފުރަތަމަ ނެރޭނީ އެމެރިކާގެ ބާޒާރަށެވެ.