19 އޯގަސްޓް 2019 - 08:08
ޔޫޓިއުބްގެ އޮރިޖިނަލް ކޮންޓެންޓް މިހާރު ބެލެނީ ފީ ދައްކައިގެން ޕްރިމިއަމް ޕެކެޖެއްގެ ދަށުން ކަމަށް ވިޔަސް، އެ ކޮންޓެންޓް ޔޫޓިއުބް ބޭނުން ކުރާ ހުރިހާ އެންމެންނަށް ވެސް ހިލޭ ބަލައިލެވޭ ގޮތަށް ހަދަން ނިންމައިފި އެވެ.
މި ފުރުސަތު ޔޫޓިއުބުން ހުޅުވާލާނީ އަންނަ މަހުގެ 24 އިން ފެށިގެންނެވެ. މީގެ މާނަ އަކީ ޔޫޓިއުބްގެ އޮރިޖިނަލް ފިލްމުތަކާއި ސީރީޒްތަކާއި އަދި އެ ނޫން ވެސް އުފެއްދުންތައް ސަބްކްރިޕްޝަނަކާ ނުލައި ކޮންމެ މީހަކަށް ވެސް ބަލައިލެވުމެވެ.
އެކަމަކު ސަބްސްރައިބްކޮށްގެން ޕްރިމިއަމް ޕެކެޖް ބޭނުން ކުރާ ކަސްޓަމަރުންނާ ހިލާފަށް ހިލޭ ބެލޭ އުފެއްދުންތައް ގެނެސްދޭނީ އިޝްތިހާރުތަކާ އެކީގަ އެވެ. އަދި ބޭނުން ކޮންމެ ވަގުތެއްގައި ބަލައިލެވޭނީ ހޮވައިލެވޭ ބައެއް އުފެއްދުންތަކެވެ.
ޔޫޓިއުބުން ބުނި ގޮތުގައި އޮރިޖިނަލް ކޮންޓެންޓްތައް ހިލޭ ބަލައިލެވޭ ގޮތަށް ދޫކޮށްލި ނަމަވެސް، ފީ ދައްކައިގެން ޔޫޓިއުބް ބޭނުން ކުރާ މީހުންނަށް ލިބޭ އިނާޔަތްތަކުގައި ހާއްސަ ކަންކަން އެކުލެވޭނެ އެވެ.
އޭގެ ތެރެއިން އެއް ކަމަކީ އިޝްތިހާރުތަކާ ނުލައި ޝޯތައް ބަލައިލެވުމެވެ. މީގެ އިތުރުން ކުރީގެ ހުރީހާ ކޮންޓެންޓްތަކަށް އެކްސެސްވުމާއި ޕްރިމިއާ ކުރާ ހުރިހާ އާ އުފެއްދުންތަކަށް ބަލައިލެވުމާއި ޑައުންލޯޑް ކުރެވުމާއި އުފެއްދުންތަކުގެ ބޯނަސް މެޓީރިއަލް ވެސް ބަލައިލެވުން ހިމެނެ އެވެ.
ޔޫޓިއުބްގެ ޕްރިމިއަމް ޕެކެޖްގެ މަހު ފީ އަކީ 11.99 ޑޮލަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy