ރާއްޖޭގެ އެންމެ ތަފާތު، ލަގްޒަރީ ރިސޯޓުތައް އެނގޭތަ؟

މުޅި ދުނިޔެ އަށް ދިވެހިރާއްޖެ މަޝްހޫރުވެފައި އޮންނަނީ ލަގްޒަރީ ޓޫރިޒަމް ވިއްކާ ގައުމެއްގެ ގޮތުގަ އެވެ. އަޖައިބެއް ފަދަ ގުދުރަތީ ރީތިކަން ލިބިފައިވާ މި ގައުމުގެ ރިސޯޓުތަކަށް އެތައް ބިލިއަން ޑޮލަރެއް ވަންނަ އިރު ދުނިޔޭގެ އެންމެ މަތީ ފަންތީގެ މެހެމާންދާރީ ދެމުންދެ އެވެ.


މި ރިސޯޓުތަކުން ދޭ ފުރިހަމަ ހިދުމަތްތަކާއި ރިސޯޓުތަކުގެ ޑިޒައިންތަކާއި ވިލާތައް ތަރުތީބު ކުރެވިފައިވާ ފުރިހަމަކަން ވަނީ މުޅި ދުނިޔެ އަށް މަޝްހޫރުވެފަ އެވެ. މިކަންކަމުގެ ތެރެއިން ވެސް ހުދު ދޮންވެލީގެ ގޮޑުދޮށްތަކާއި ސާފު މޫދުތަކާއި ކަނޑުއަޑީގެ ރީތި ކަމަކީ ވެސް ރާއްޖޭގެ ރީތިކަން އިތުރަށް ފުރިހަމަކޮށްދޭ ކަންކަމަށެވެ. ދުނިޔޭގެ އެންމެ މަޝްހޫރު އެއް މެގަޒިން އެއް ކަމުގައިވާ ފޯބްސް އިން ވަނީ ރާއްޖޭގެ އެންމެ ފާހަގަކޮށްލެވޭ ހަތް ރިސޯޓު ހާމަކޮށްފަ އެވެ.

ޝެވަލް ބްލާންކް ރަންދެލި

ޝެވަލް ބްލާންކް ރަންދެލި ރިސޯޓިގެ ޕޫލް އޭރިއާ-- ފޮޓޯ: ޓެލެގްރާފް

ރާއްޖޭގެ ރިސޯޓެއްގައި އުޅޭ އިރު އަލްމާންޑް ކްރޮސޯންޓެއް މަތިން ހަނދާން ކުރުމަކީ އެހާ އާންމު ކަމަކަށް ނުވާނެ އެވެ. އެކަމަކު މި ރިސޯޓުގެ މީރު ޕޭސްޓްރީތަކުގެ ރަހަ ބަލައި ނަމަ، މި ކްރޮސޯންޓް މަތިން ހަނދާން ނުކޮށް ނުހުރެވޭނެ އެވެ. މީގެ އިތުރުން ވިލާތުގެ ރަހަތަކާއި އިރުމަތީ އޭޝިއާ އާއި ޖަޕާނާއި އިޓަލީ އާއި ދިވެހި ރަހަތައް ވަރަށް ފުރިހަމަ އަށް މި ރިސޯޓުގެ ރެސްޓޯރެންޓްތަކުން ލިބޭނެ އެވެ.

ކެޔުންތަކުގެ ފުރިހަމަ ކަމުގެ އިތުރަށް ހުދުކުލައިން ޒީނަތްތެރި ކުރެވިފައިވާ މި ރިސޯޓުގެ ލަކުޑި ފަރުނީޗަރުތަކާއި ސޯފާތަކުގައި ބަހައްޓާފައި ހުންނަ ރީނދޫ ކުލައިގެން ކުޝަންތަކުން ރިސޯޓުގެ ބޮޑެތި ވިލާތަކަށް އިތުރު ފުރިހަމަކަން ލިބެ އެވެ.

ޝެވަލް ބްލާންކް ރަންދެލި ރިސޯޓް-- ފޮޓޯ:ޓެލެ ގްރާފް

އެ ރިސޯޓުގައި ހުންނަ 45 ވިލާގައި ޗުއްޓީ ހޭދަކޮށްލާ ކޮންމެ ބަޔަކަށް ވެސް އެންމެ ފުރިހަމަ އަށް ބޭނުންވާ ޕްރައިވެސީ ލިބޭނެ އެވެ. ރިސޯޓުގައި އޮންނަ 82 ފޫޓު ދިގު ޕޫލަކީ ރަށަށް އަރާ ޓޫރިސްޓުންނަށް އެންމެ ބޮޑަށް ފާހަގަވާނެ އެއް ތަނެވެ.

ވަލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި

މި ރިސޯޓަކީ މި ސަރަހައްދުގައި ވެސް އެންމެ ފާހަގަކޮށްލެއްވޭ އެއް ރިސޯޓެކެވެ. ތިން ރަށް ގުޅުވާލައިގެން ހަދާފައިވާ އެ ރިސޯޓުގައި 122 ވިލާ ހިމެނެ އެވެ. ހުރިހާ ވިލާއެއްގައި ޕްރައިވެޓް ޕޫލް ހުރެ އެވެ. މި ރިސޯޓުގައި ދުނިޔޭގެ 11 ސަރަހައްދެއްގެ ކެޔުން ލިބޭ އިރު އެ ރިސޯޓުން ތަފާތު ކުޅިވަރުތައް ކުޅެވޭނެ އެވެ. މި ރިސޯޓުގައި ކުޑަކުދިންނަށް ހާއްސަ ކިޑްސް ކްލަބެއް ވެސް ހިމެނެ އެވެ.

ވަލްޑޯފް އެސްޓޯރިއާ އިތާފުށި ރިސޯޓުގެ މަތިން ފޮޓޯއެއް-- ފޮޓޯ:ޕިންޓްރެސްޓް

މި ރިސޯޓުގެ އެންމެ ހާއްސަ އެއް ކަމަކީ ޓްރީޓޮޕް ރެސްޓޯރެންޓުންނެވެ. އޮނުން ހަދާފައިވާ ވައް ބޯޅަތަކެއް ހެން ހުންނަ މި ރެސްޓޯރެންޓެންޓްގެ އުސްކަން ރަށުގެ މަލަމަތިން ވަރަށް ސާފުކޮށް ފެންނާނެ އެވެ. މި ރިސޯޓު ވަނީ ދުނިޔޭގެ މަޝްހޫރު އެއް ޓްރެވަލް މެގަޒިނެއް ކަމުގައިވާ ކޮންޑެ ނަސްޓް ޓްރެވަލާ މިޑުލް އީސްޓްގެ ކަވާ ޕޭޖަށް އަރާފަ އެވެ. އަދި ސީއެންއެން އިން ހޮވި ދުނިޔޭގެ އެންމެ ފާހަގަކޮށްލެވޭ ރެސްޓޯރެންޓްތަކުގެ ލިސްޓުގައި އެ ރިސޯޓުގެ ޓްރީޓޮޕް ރެސްޓޯރެންޓް ހިމެނިފައިވެ އެވެ.

ފޯ ސީޒަންސް ލަނޑާ ގިރާވަރު

ވޯވަށް ޕްރައިވެޓް އައިލެންޑްގެ ރޫމެއް--ފޮޓޯ:ފޯ ސީޒަންސް

މި ރިސޯޓުގެ 103 ވިލާ ހިމެނޭ އިރު ރަށުގެ ކޮންމެ ތަނަކަށް ވެސް ހުސްފަޔާ ފަސޭހަ ކަމާ އެކު ހިނގާލެވޭނެ އެވެ. މި ރިސޯޓުގެ ރީތި ވިލާތަކުގެ އިތުރުން ކައިރީގައި އޮންނަ ޕްރައިވެޓް އައިލެންޑް ވޯވަކުގެ ރީތިކަމަކީ އެންމެ ފާހަގަކޮށްލެވޭ އެއް ކަމެވެ. ބ. އަތޮޅުގެ ޔުނެސްކޯ ބަޔޯސްފިއާ ރިޒާވްގައި އޮންނަ މި ރިސޯޓުގައި ހުރެ ކަނޑުއަޑީގެ ރީތިކަން ބަލައިލުމަށް ތިން މީހުންނަށް ދަތުރު ކުރެވޭ ސަބްމެރިންގައި ދަތުރު ކުރުމުގެ ފުރުސަތު ލިބޭނެ އެވެ. މި ރިސޯޓުގައި ހުރެ މަންޓާ ރޭ ބަލައިލުމަށް ހާއްސަ ދަތުރުތައް ވެސް ކޮށްލެވޭނެ އެވެ.

ލަންޑާ ގިރާވަރު ކައިރީ އޮންނަ ވޯވައް ޕްރައިވެޓް އައިލެންޑް--ފޮޓޯ:ފޯ ސީޒަންސް

ލަންޑާ ގިރާވަރުގައި ހުރެ ހިތްފަސޭހަކޮށްލުމުގެ އިތުރަށް ތިމާވެށި ރައްކާތެރި ކުރުމުގައި އެހީތެރިކަން ވެސް ފޯރުކޮށްދެވޭނެ އެވެ. އެގޮތުން މުރަކަ އާލާ ކުރުމުގައި ވެލާ ރައްކާތެރި ކުރުމަށްޓަކާއި ހާއްސަ ސެންޓަރެއް އެ ރަށުގައި ހުރެ އެވެ. އެކަންކަމުގައި ރިސޯޓަށް އަންނަ ޓޫރިސްޓުންނަށް ވެސް އެހީތެރިކަން ފޯރުކޮށްދެވޭނެ އެވެ. މި ރިސޯޓުން މެދު އިރުމަތީގެ ރަހަތައް ކަމުގައިވާ ލުބުނާނާއި މޮރޮކޯ ކެޔުންތައް ލިބޭނެ އެވެ.

ސެއިންޓް ރެޖިސް ވޮއްމުލި ރިސޯޓް

އާންމު ގޮތެއްގައި ރާއްޖޭގެ ރިސޯޓުތަކުގައި ހުންނަނީ އެއްގޮތް ސިފަތަކެކެވެ. އެހެން ނަމަވެސް މިހާރަކަށް އައިސް ތަފާތު ޑިޒައިންތައް ފެންނަ ރިސޯޓުތައް އަންނަނީ ހުޅުވަމުންނެވެ. ސެއިންޓް ރެޖިސް ވޮއްމުލި ރިސޯޓަކީ އެފަދަ ތަފާތު ރިސޯޓެކެވެ. ރިސޯޓުގައި ހިނގާލާފައި ދާ އިރު ފެންނަނީ ކަނޑުއަޑީގެ ދިރުންތައް ސިފަވާ ވިލާތަކެވެ. ރިސޯޓުގެ ވިލާތައް ޑިޒައިންކޮށްފައވަނީ ބޮޑު މަހުގެ ސިފަ ފެންނަ ގޮތަށެވެ. އަދި ސްޕާގެ ހިދުމަތް ފޯރުކޮށްދޭ ވިލާ އިން އިއްސެއްގެ ސިފަ ފެނިގެންދާނެ އެވެ.

ވޮއްމުލި ރިސޯޓުގެ ބީޗް ވިލާއެއް. މި ރިސޯޓުގައި ތިން ކޮޓަރި ހިމެނޭ ވިލާތައް ހުރޭ--ފޮޓޯ:ބުކިން.ކޮމް

ވޮއްމުލި ރިސޯޓުގައި 77 ވިލާ ހިމެނޭ އިރު މި ރިސޯޓުގައި ތިން ކޮޓަރި ހުންނަ ވިލާތައް ހިމެނެ އެވެ. މި ރިސޯޓުގައި ހަ ރެސްޓޯރެންޓް ހިމެނެ އެވެ. މީގެ ތެރޭގައި އޭޝިއާގެ ކެޔުންތަކަށް ހާއްސަ ރެސްޓޯރެންޓަކާއި ޕިއްޒާ ކެފޭއެއް ވެސް ހިމެނެ އެވެ.

ކޯމޯ މާލިފުށި

ކޯމޯ މާލިފުށި ރިސޯޓު ބީޗް ސަރަހައްދުގައި ގުދުރަތީ ރީތިކަން ދައްކުވާދޭ ގޮތަށް ހަދާފައިވާ ސަރަހައްދު--ފޮޓޯ:ކޯމޯ

ކޯމޯ ހޮޓެލްސް އެންޑް ރިސޯޓްސްގެ މާލިފުއްޓަކީ، މެޑިޓޭޝަނާއި ސްޓެސް ފިލުވާލުމަށް އެންމެ ރަނގަޅު އެއް މަންޒިލެވެ. ތައިލެންޑާއި އިންޑޮނޭޝިއާ އާއި އިންޑިޔާގެ އެންމެ ފާހަގަކޮށްލެވޭ މަސާޖުތައް ކޮށްލަން އޮންނަ އިރު، އެ ރަށުގެ މޫދުގެ ހިތްގައިމު ކަމާއި ކަނޑުން ޖެހޭ ފިނި ވައި އިހުސާސް ކޮށްލެވޭނެ އެވެ. މި ރިސޯޓުގައި 65 ވިލާ ހިމެނޭ އިރު، މުޅި ރިސޯޓު ވެސް ޑިޒައިންކޮށްފައި ވަނީ ގުދުރަތީ ރީތިކަން ސިފަވާނެ ގޮތަށެވެ.

ސޮނޭވާ ޖާނީ

މި ރިސޯޓުގެ ދެބައި ކުޅަ އެއް ބަޔަށް ވުރެ ގިނަ ވިލާތައް ހުންނަނީ މޫދުގަ އެވެ. އެ ރިސޯޓުގެ 26 ވިލާގެ ތެރޭގައި 17 ވޯޓާ ވިލާ ހިމެނެ އެވެ. ޒުވާނުންނަށް ހާއްސަކޮށްފައިވާ މި ރިސޯޓުގައި ތަފާތު މޫދުގެ ކުޅިވަރުތައް އޮވެ އެވެ.

ސޮނޭވާ ޖާނީގެ ވިލާއެއް.މި ރިސޯޓުގައި 26 ވިލާ ހިމެނޭ--ފޮޓޯ: ސޮނޭވާ

މި ރިސޯޓުގެ އެންމެ ހާއްސަ ކަމަކީ ތަރިތައް ބަލައިލުމަށް ހަދާފައިވާ ތަނެވެ. ޕްރޮފެޝަނަލް ޓެލެސްކޯޕަކުން އުޑު ބަލައިލެވޭ އިރު އައުޓްޑޯ ސިނަމާއިން އެންމެ މަޝްހޫރު ފިލްމުތައް ބަލައިލެވޭނެ އެވެ.

ބެގްލިއޯނީ ރިސޯޓް

ބެގްލިއޯނީގެ ބީޗް ވިލާއެއް: މި ރިސޯޓުގައި ޖުމްލަ 96 ވިލާ ހުރޭ- ފޮޓޯ: ބެގްލިއޯނީ

ދ އަތޮޅުގައި އޮންނަ މި ރިސޯޓު ޑިޒައިންކޮށްފައި ވަނީ އިޓާލިއަން ސްޓައިލަށެވެ. އިޓަލިއަން ހޮޓެލް ގްރޫޕަކަށް ނިސްބަތްވާ މި ރިސޯޓުން އިޓަލީގެ އެންމެ މަޝްހޫރު ކެޔުންތައް ލިބެ އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން 40 މިނިޓް ތެރޭގައި ދެވޭ މި ރިސޯޓުގައި 96 ވިލާ ހުރެ އެވެ. މީގެ ތެރޭގައި ޕްރެޒިޑެންޝިއަލް ވޯޓާ ވިލާއަކާއި 45 ބީޗް ވިލާގެ އިތުރުން 42 ވޯޓާ ވިލާ އަދި އަށް ބަގީޗާ ވިލާ ހިމެނެ އެވެ

މި މަހު ހުޅުވި މި ރިސޯޓުގެ ސްޕާ އަކީ ތަފާތު އެކި ޓްރީޓްމަންޓްތަކަށް ހާއްސަކޮށްގެން ހަދާފައިވާ ސްޕާ އެކެވެ. މި ސްޕާގައި މުޅިން ވެސް ބޭނުންކުރަނީ އިޓަލީގެ އުފެއްދުންތަކެވެ. އެއީ އެއްވެސް ކަހަލަ ކެމިކަލަކާ ނުލައި ގުދުރަތީ ފަތްޕިލާވެލިން ތައްޔާރުކޮށްފައިވާ އުފެއްދުންތަކެވެ.