ފްލޯޓިން ސޯލާ ޕަވަ ސިސްޓަމެއް ރާއްޖޭގެ ރިސޯޓެއް ކަމަށްވާ ލަކްސް ސައުތު އަރި އެޓޮލް ގައި ބަހައްޓައިފި އެވެ. މިއީ ކަނޑުގައި ގާއިމުކުރި މިފަދަ އެންމެ ބޮޑު ސިސްޓަމެވެ.
"ސޯލާ ސީ"ގެ ނަމުގައި ކުރިއަށްގެންދިޔަ މި ޕްރޮޖެކްޓަކީ އަވިން ކަރަންޓު އުފައްދައި މުޅި ރިސޯޓަށް އެ ކަރަންޓު ފޯރުކޮށްދިނުމުގެ ބޭނުމުގައި ކުރިއަށްގެންދިޔަ ޕްރޮޖެކްޓެކެވެ. އަދި މިއީ ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކަރަންޓު ފޯރުކޮށްދިނުމަށް އެ ރިސޯޓުން ކުރަމުން އަންނަ މަސައްކަތުގެ ބައެކެވެ.
ލަކްސް ރިސޯޓު ކައިރިން މޫދުގައި ބަހައްޓާފައިވާ މި ސޯލާ ޕަވަ ސިސްޓަމަކީ ކަނޑުގެ ރާޅުތަކާއި ލޮނުގެ އަސަރުން ރައްކާތެރި ވާނެހެން ބަހައްޓާފައިވާ ސިސްޓަމެކެވެ. މި ހަދާފައިވަނީ އޮސްޓްރި އާއި ރާއްޖެއަށް ނިސްބަތްވާ ކުންފުންޏެއް ކަމަށްވާ ސްވިމްސޯލް އިންނެވެ.
ލަކްސް ސައުތު އަރި އެޓޮލްގެ ޖެނެރަލް މެނޭޖަރު ޖޯނަސް އެމްސްޓެޑާ ހަވާލާދީ އެ ރިސޯޓުން ބުނީ އެ ރިސޯޓަކީ ރާއްޖޭގެ އެންމެ ބޮޑު އެއް ރިސޯޓަށް ވެފައި އަބަދުވެސް އިކޯ ޓޫރިޒަމަށާއި ކަނޑުގެ ދިރުން ރައްކާތެރިކުރުމަށް އިސްކަން ދޭނެ ކަމަށެވެ. އެގޮތުން ދެމެހެއްޓެނިވި ގޮތެއްގައި މިފަދަ ކަންތައްތައް ވާނީ އާ އީޖާދުތަކުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
މި ރިސޯޓުގައި މީގެ ކުރިން ވެސް ސޯލާ ޕަވަ ސިސްޓަމްތައް ބަހައްޓާފައިވެ އެވެ. އެގޮތުން ފުރާޅުމަތީގައި ބަހައްޓަމުން ގެންދިޔަ މި ސިސްޓަމްތައް ކަނޑަށް ބަދަލުކުރަން ނިންމީ ޖާގައިގެ ދަތިކަމުންނެވެ. މި ސިސްޓަމްތަކުން މިހާރު އެ ރިސޯޓުގެ ހުރިހާ ގެސްޓް ވިލާތަކަކަށް އަވީގެ ހަކަތައިން ކަރަންޓު ފޯރު ކޮށްދެވޭނެ އެވެ.