ސިއްހީ ފަރުވާ ހޯދަން ކޮޗިން އަށް ދާ މީހުންނަށް އިންޑިގޯ އިން ހާއްސަ އަގުތަކެއް ކަނޑައަޅައިފި އެވެ.
އިންޑިގޯ އިން ފެށި މި މެޑިކަލް ފެއާގެ ދަށުން މި މަހުގެ 30 ވަނަ ދުވަހާ ހަމަޔަށް ޓިކެޓް ނެގޭނެ އެވެ. މި ފެއާގެ ދަށުން އަންނަ އަހަރުގެ މާޗް މަހަށް ޓިކެޓް ނެގޭނެ އެވެ.
މި ފެއާގައި ޓިކެޓުތަކު އަގުން 700 ރުޕީސް ނުވަތަ 150 ރުފިޔާ އަގުހެޔޮވާނެ އެވެ.
މި ފެއާ އިން ޓިކެޓް ނަގަން ބޭނުންވާ މީހުންނަށް ޓްރެވެލް އޭޖެންސީ، ވިލާ ޓްރެވެލްސް އިން ޑިސްކައުންޓް އަގުތަކުގައި ޓިކެޓް ނެގޭނެ އެވެ.
މިފެއާގެ ދަށުން ޓިކެޓް ނެގުމަށް ފަހު، ދަތުރުކުރާ ތާރީހް ބަދަލުކުރުމުގެ ފުރުސަތު ވެސް ކަސްޓަމަރަށް އޮންނާނެ އެވެ.
އިންޑިގޯ އިން ރާއްޖެ އަށް ދަތުރުތައް ފަށާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު 15، ގަ އެވެ. ރާއްޖެ އަށް އިންޑިއާގެ ގިނަ އެއާލައިންތަކަކުން ދަތުރުތައް ކުރަމުން އަންނަ އިރު އެ ގައުމަކީ ރާއްޖެއަށް ދެވަނަ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމެވެ. މިދިޔަ ޖުލައި މަހުގެ ނިޔަލަށް އެގައުމުން 93،175 ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފަ އެވެ.