އަލިބާބާގެ ޗެއާމަންގެ މަގާމުން އިސްތިއުފާ ދެއްވި ޖެކް މާ. --ފޮޓޯ:އޭއެފްޕީ
10 ސެޕްޓެމްބަރ 2019 - 14:08
ބެއިޖިން (ސެޕްޓެމްބަރު 10) - އާދައިގެ ވިޔަފާރިއަކުން ފައްޓަވައިގެން 41.8 ބިލިއަން ޑޮލަރު މިލްކިއްޔާތަށް ޖަމާކުރެއްވުމަށް ފަހު އަލިބާބާ ގްރޫޕް ހޯލްޑިން ލިމިޓެޑުގެ ޗެއާމަންގެ މަގާމުން ޖެކް މާ މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ޗައިނާގެ އެންމެ ބޮޑު ކުންފުނީގެ އެގްޒެކެޓިވް ޗެއާމަންކަން ކުރީގެ އިނގިރޭސި ޓީޗަރު ދޫކޮއްލެއްވީ އޭނާގެ 55 ވަނަ ދުވަހު އެވެ.
ވޭތުވެދިޔަ ވިއްސަކަށް އަހަރު ތެރޭ ޖެކް މާ އާއި ކުންފުނީގެ ކޯ-ފައުންޑަރުން ވަނީ އަލިބާބާގެ އަގު 460 ބިލިއަން ޑޮލަރަށް އަރުވައިފަ އެވެ.
އަލިބާބާގެ ޗެއާމަން ޖެކް މާ: އިސްތިއުފާ ދެއްވީ 55 ވަނަ އުފަން ދުވަހު. --ފޮޓޯ:އޭއެފްޕީ
ޖެކް މާ ވަނީ އޭޝިއާގެ އެންމެ މުއްސަނދި މީހާގެ ޝަރަފް 2016 ވަނަ އަހަރު ހޯއްދަވައިފަ އެވެ. ކުރިން އެ މަގާމު އޮތީ ޗައިނާގެ ދާލިއަން ގްރޫޕުގެ ޗެއާމަން ވަންގް ޖިއަންލިންގެ އަތުގަ އެވެ. އޭޝިއާގެ މިހާރުގެ އެންމެ ބޮޑު މަހުޖަނަކީ އިންޑިއާގެ ރިލަޔަންސް އިންޑަސްޓްރީގެ ޗެއާމަން މުކޭޝް އަމްބާނީ އެވެ. އޭނާގެ މިލްކިއްޔާތުގެ އަގު 47.4 ބިލިއަން ޑޮލަރަށް އަރަ އެވެ.
ޖެކް މާ ވަކިވެވަޑައިގަތުމަށް ފަހު ކުންފުނި ހަވާލު ކުރައްވާފައި ވަނީ ސީއީއޯ ޑެނިއަލް ޒަންގް، 47، އަށެވެ. އަލިބާބާގައި ޖެކް މާ ދެން އަދާކުރައްވާނީ އެޑްވައިޒަރީ ރޯލެކެވެ. އޭނާ ވިދާޅުވެފައި ވަނީ މުއްސަނދިކަން ހޭދަކުރައްވާނީ ތައުލީމް ފޯރުކޮށްދިނުން ފަދަ ފައިދާ ހުރި މަސައްކަތްތަކަށް ކަމަށެވެ. ޖެކް މާ ވިދާޅުވެފައި ވަނީ މައިކްރޯސޮފްޓުގެ ޗެއާމަން ބިލް ގޭޓްސް މިސާލަކަށް ނަންގަވައިގެން އުޅުއްވަން ބޭނުންވާ ކަމަށެވެ.
ޗައިނާގެ ހެންގްޒޫ ސިޓީގެ ޔުނިވާސިޓީގައި އިނގިރޭސި ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ޖެކް މާ، އަލިބާބާގެ ވިޔަފާރި، ރަހުމަތްތެރިންތަކަކާ އެކު 60،000 ޑޮލަރުން ފެއްޓެވީ އޭނާގެ އަމިއްލަ ފްލެޓުގައި ވަރަށް އާދައިގެ ގޮތަކަށެވެ. އެކަމަކު 1999 ވަނަ އަހަރު ޖެކް މާ އުފެއްދެވި އަލިބާބާ އަކީ މިހާރު ދުނިޔޭގައި އެންމެ ބޮޑު އީ-ކޮމާސް ކުންފުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލަގަން
11 September 2019
ޗެކްމާ؟
ޏ އައިކު
10 September 2019
ޗައިނާގެ އެންމެ ބޮޑު ކުންފުނީގެ އެގްޒެކެޓިވް ޗެއާމަންކަން ކުރީގެ އިނގިރޭސި ޓީޗަރު ދޫކޮއްލެއްވީ އޭނާގެ 55 ވަނަ ދުވަހު
އަސްލު ހަގީގަތް
10 September 2019
މިއީ ހަގީގީ ލެޖެންޑުންނަކީ. ސިކުނޑީގެ ބޭނުންކޮށްގެން ކުރިޔަށްދިޔަ މީހެއް މިއީ. މިހާރުގެ ޖީލަށް އިންސްޕިރޭޝަނެއް. ހަމަގައިމުވެސް ޖެކް މާގެ މޯރޓިވޭޝަނަލް ސްޕީޗްތަކުން އަހަރެންގެ ލައިފަށް ވަރަށް ބޮޑު އަސަރެއްކުރި.
ކަނޑުލުހިތި ގާސިމް
10 September 2019
ގާސިމް ރިޓަޔަރ ކުރާކަށްނުޖެހޭނެ. ގާސިމްގެ ނަމުގައި ހުރި އެއްވެސް ވިޔަފާރިއެއް މިހާރު ނެތް. ރިޓަޔަރކުރަންޏާ ކުރަންވީ ސިޔާސީ ދާއިރާއިން. ޖެކްމާގެ ސަލާމް ގާސިމްއަށް
ހަޑިގިއްލާ
10 September 2019
ޖެކްމާ އަކީ ބަހާއި އަމަލާ ދިމާކުރި ވިޔަފާރިވެރިއެއް. މީ މަދު މީހެއްގެ ހުންނަ ސިފައެއް....
މަހޭބެ
10 September 2019
ކޮންއިރަކުންބާ ގާސިމް ރިޓަޔަރ ކުރަނީ؟
ބަބުރަންޖީ ހާޖީ
10 September 2019
ޖެކް މާ ރާއްޖެއަށް ކައިރިކޮށްލަބަލަ. މީ ވަރަށް ސަޅިތަނެކޭ.
ގަޑުބަޑު
11 September 2019
އޭނަ ރާއްޖެ އައިސްފި، ގިނަ މީހުނަކަށް އޭނަ ނޭންގޭ.