އައްޑޫގައި ގެސްޓްހައުސް އަޅާ ބިން ހޯދަން ހުޅުވާލައިފި

އައްޑޫގައި ގެސްޓްހައުސް އާއި ސިޓީ ހޮޓާ ތަރައްގީކުރާނެ ބިން ހޯދަން ސިޓީ ކައުންސިލުން ހުޅުވާލައިފި އެވެ.


އެ ކައުންސިލުން އިއްޔެ ކުރި އިއުލާނުގައި ބުނީ ދިވެހިންނާއި ބޭރުގެ ފަރާތްތައް ވެސް ހިމެނޭ ގޮތަށް ޓޫރިޒަމް ޒޯނުގައި ގެސްޓްހައުސް އަޅަން ހުޅުވާލާފައިވާ ކަމަށެވެ.

ބިޑް ވިއްކާނީ މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 13 ވަނަ ދުވަހާ ހަމައަށް ހެނދުނު 9:00 އިން މެންދުރުފަހު 12:00 އަށް ސިޓީ ކައުންސިލުންނެވެ. ބިޑް ޑޮކިއުމެންޓެއް ވިއްކާ އަގަކީ ދިވެއްސެއް ނަމަ 2000ރ. އަދި ބޭރު މީހެއް ނަމަ 300 ޑޮލަރެވެ.

އެކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބާއްވާ ޕްރީބިޑް ބައްދަލުވުން އަންނަ މަހުގެ ހައެއްގައި އީކުއެޓާ ވިލެޖުގައި އޮންނައރު ބިޑް ބަލައިގަންނަން ހަމަޖައްސާފައިވަނީ އަންނަ ޑިސެމްބަރު 11 ވަނަ ދުވަހުގެ 11:00 ގައި އީކުއެޓާ ވިލެޖުގަ އެވެ.

އައްޑޫގައި 4000 އެނދު ތަރައްގީކުރަން ބޭނުންވާ ބިން ހޯދަން ހުޅުވާލިއިރު، އެ ބިންތަކުގައި ކުދި އަދި މެދުފަންތީގެ ގެސްޓްހައުސް ހިންގަން ބޭނުންވާ މީހުންނަށް އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށް 80 މިލިއަން ރުފިޔާގެ ލޯނު ދޫކުރަން ސަރުކާރުން އެއްބަސްވެފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވަނީ ވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވީ ހަމައެކަނި ފުރުސަތު އޮތީ ބޮޑެތި ވިޔަފާރިވެރިންނަށް ނޫން ކަމަށާއި ޓޫރިޒަމް ފުޅާ ކުރުމުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ވެސް ބައިވެރިވި ކުރާނެ ކަމަށެވެ.

ސޯބެ ވިދާޅުވީ، މިހާރު އޮތް ގަވައިދުގެ ތެރެއިން ގެސްޓްހައުސްތަކަށް ބިން ދޫކުރެވެނީ 5،000 އަކަފޫޓު ކަމަށާއި ސިޓީ ހޮޓާ ތަރައްގީ ކުރާނަމަ 10،000 އަކަފޫޓް ދޫކުރާނެ ކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި ދޫކުރާ ބިމުގެ އަދަދު އެނގޭނީ އިންވެސްޓްމެންޓަށް ބެލުމަށް ފަހު ކަމަށެވެ.

މިދިޔަ ޖުލައި 29 ވަނަ ދުވަހު ޓޫރިޒަމްގެ މާސްޓާ ޕްލޭން އެކުލަވާލުން އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ރާއްޖޭގެ 11 ރަށަކުން ގެސްޓްހައުސް ތަރައްގީ ކުރުމަށް ކަނޑައަޅާފައިވާކަން އިއުލާނުކުރައްވައިފަ އެވެ. އޭގެ ތެރޭގައި އައްޑޫގެ ހަ ރަށެއް ވެސް ހިމެނެ އެވެ.