ދިރާގު ޕޭ ބޭނުންކޮށްގެން ތަފާތު އެކި ކަހަލަ ވިޔަފާރި ކުރެވޭ-- ފޮޓޯ: މިހާރު
07 އޮކްޓޯބަރ 2019 - 22:08
ޑިޖިޓަލް ވޮލެޓުގެ ހިދުމަތްތައް ފުޅާ ކުރުމުގެ ގޮތުން، ދިރާގު ޕޭ އަށް އަމިއްލަ އަށް ފައިސާ ޖަމާ ކުރެވޭ ގޮތް ހަދައިފި އެވެ.
މީގެ ކުރިން އޭޖެންޓުން ނުވަތަ ތާޑް ޕާޓީ އެޕްލިކޭޝަނެއް ބޭނުންކޮށްގެން، ޑިޖިޓަލް ވޮލެޓުގެ ގޮތުގައި ބޭނުންކުރާ ދިރާގު ޕޭ އަށް ފައިސާ ޖަމާކުރަން ޖެހުނު ނަމަވެސް މިހާރު ދިރާގު ޕޭ އެޕްލިކޭޝަނާއި ދިރާގު ވެބްސައިޓް މެދުވެރިކޮށް ފައިސާ ޖަމާ ކުރެވޭނެ އެވެ. މިއީ ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު ފައިސާގެ މުއާމަލާތް ކުރުމުގެ ފުރުސަތު ދިނުމުގެ ބޭނުމުގައި ގެނައި ބަދަލެއް ކަމަށް ދިރާގުން ބުންޏެވެ.
ދިރާގުން ބުނީ ފަސޭހަ އިން ފައިސާ ޖަމާކުރެވުމުގެ އިތުރުން، އިތުރު ފީޗާތައް ވެސް ދިރާގު ޕޭ އެޕަށް ގެނެސްފައިވާ ކަމަށެވެ. އެގޮތުން އެ އެޕް ބޭނުންކޮށްގެން އެ ކުންފުނީގެ މާޗަންޓުންނާއި އެޖެންޓުން ހޯދާލެވޭނެ ކަމަށް ދިރާގުން ބުންޏެވެ. ދިރާގު ޕޭ އެޕުގައި އަތޮޅާއި ރަށް ފިލްޓާ ކޮށްގެން ނުވަތަ އެޖެންޓުންނާއި މާޗަންޓުންގެ ނަން ޖަހައިގެން މި ހިދުމަތް ހޯދޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ދިރާގު ޕޭ އެޕް މެދުވެރިކޮށް އެންއެފްސީ ކާޑު ގުޅުވާދެވޭ ނިޒާމެއް ވެސް މިހާރު ވަނީ ގާއިމު ކޮށްފަ އެވެ. އެގޮތުން މިހާރު ކޮންމެ ދިރާގު ޕޭ ޑިޖިޓަލް ވޮލެޓަކަށް ތިން އެންއެފްސީ ކާޑު ނުވަތަ ސްޓިކާ ރަޖިސްޓާކޮށް ގުޅުވާ ލެވޭނެ އެވެ. ކޮންމެ ކާޑަކަށް ވޮލެޓްގެ ވެރިފަރާތް ބޭނުންވާ ނަމެއް ކަނޑައަޅައި، ބޭނުންވާ ޓްރާންސެކްޝަން ލިމިޓެއް ކަނޑައެޅުމުގެ ފުރުސަތު ވެސް މިހާރު ލިބޭނެ އެވެ. މި ކާޑުތައް ބޭނުންކޮށްގެން ހިންގާ ހުރިހާ ފައިސާގެ މުއާމަލާތްތަކުގެ ތަފްސީލް ފަސޭހަކަމާ އެކު ދިރާގު ޕޭ އެޕް އަދި އެސްއެމްއެސްގެ ޒަރިއްޔާއިން ވަގުތުން ބަލައިލެވޭނެ ކަމަށް ދިރާގުން ބުންޏެވެ.
ދިރާގުގެ ޑިޖިޓަލް ވޮލެޓަކީ ޖީބުގައި ފައިސާ އަދި ޕްލާސްޓިކް ކާޑު ގެންގުޅުމުގެ ބަދަލުގައި ވިޔަފާރީގެ އެކި މުއާމަލާތް ހިންގުމަށް ބޭނުންކުރާ ޑިޖިޓަލް ވޮލެޓެކެވެ. މި ވޮލެޓް ބޭނުންކުރެވޭނީ ދިރާގު ޕޭ އެޕް މެދުވެރިކޮށްގެން ކަމަށްވާއިރު ރާއްޖޭގެ ހުރިހާ ނެޓްވޯކެއްގެ ކަސްޓަމަރުންނަށް ވެސް މި އެޕްލިކޭޝަން ބޭނުން ކުރެވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy