މާފަރު އިންޓަނޭޝަނަލް އެއާޕޯޓާ އެކު އެތަނުގައި ޕައިލެޓުންނަށް ތަމްރީނު ދިނުމަށްޓަކައި ޓްރޭނިން ފެސިލިޓީއެއް ހަދާނެ ކަމަށް އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ މިއަދު ވިދާޅުވެއްޖެ އެވެ.
މިއީ އައިލެންޑް އޭވިއޭޝަނުން ހިންގާ ފުރަތަމަ އިންޓަނޭޝަނަލް އެއާޕޯޓެވެ. ރިޒްވީ ވިދާޅުވީ، ޕައިލެޓުންގެ އިތުރުން އިންޖިނިއަރުންނަށް ވެސް ތަމްރީނުތައް ދެވޭނެ އިންތިޒާމުތައް އެ އެއާޕޯޓުގައި ހަމަޖައްސާނެ ކަމަަށެވެ.
އޭނާ ވިދާޅުވީ، އެއާޕޯޓާ އެކު ސީ ޕްލޭން ކަނެކްޓިވިޓީ ވެސް އިތުރަށް ރަނގަޅު ކުރާނެ ކަމަށެވެ.
"އަޅުގަނޑުމެން އޮޕޭޓުކުރާ 320 މަރުކާގެ ބޯޓުތަކަށް މިތަނަށް ޖެއްސޭނެ. ޕްރައިވެޓް ޖެޓްތަކަށް ވެސް ޖެއްސޭނެ. ހަމައެކަނި ވައިޑް ބޮޑީ ބޯޓުތަކަށް، މިސާލަކަށް އެއާބަސް 330 ޖެއްސުމަށް އިތުރު ކިލޯމީޓަރެއްް ބޮޑު ކުރަން ޖެހޭ،" މާފަރުގައި ހުންނަވާ ރިޒްވީ ވިދާޅިވި އެވެ.
އިންޓަނޭޝަނަލް ފެންވަރަކަށް ހުޅުވި މި އެއާޕޯޓު އިތުރަށް ބޮޑު ކުރުމަށް ސަރުކާރައި އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) އާ އެކު ވަނީ އެއްބަސްވެފަ އެވެ. މި އެއާޕޯޓު ތަރައްގީ ކުރީ އޭޑީއެފްޑީ އިން 60 މިލިއަން ޑޮލަރު ހޭދަކޮށްގެންނެވެ.
ކޮމާޝަލް ދަތުރުތައް ފެށުމާ އެކު މޯލްޑިވިއަން އިން ކޮންމެ ދުވަހަކު ތިން ދަތުރު މާފަރަށް ކުރާނެ އެވެ. އަދި ދެ ހަފްތާ ފަހުން ދުވާލަކު ހަ ދަތުރަށް އިތުރު ކުރުމަށް ހަމަޖެހިފައިވެ އެވެ.
އެއާޕޯޓުގެ ދަތުރުތައް ފެށުމާ އެކު ޕްރައިވެޓް ޖެޓްތައް ޖެއްސުމަށް ރިކުއެސްޓްތައް އައިސްފައިވާ ކަމަށް ރިޒްވީ ވިދާޅުވި އެވެ. އަދި ޖެޓްތަކަށް ބޭނުންވާ ހިދުމަތްތައް ގާއިމް ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.