ނޫމަޑީގެ އެގްރީމެންޓް ބާތިލްކުރި މައްސަލައިގައި އިހުމާލުވި މީހުންނަށް ފިޔަވަޅު އަޅަން ނިންމައިފި

ސެޓްލްމެންޓް އެގްރީމެންޓް ހަދައި ދައުލަތުން ނޫމަޑިއަށް 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ދޭން ޖެހުނު މައްސަލައިގައި އިހުމާލުވި މީހުންނާ މެދު ފިޔަވަޅު އަޅައި، ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެއްވެސް ކަހަލަ މާލީ މަންފާއެއް ހޯއްދަވާފައިވޭތޯ ބަލަން، ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީން މިއަދު ނިންމައިފި އެވެ.


މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު ވިދާޅުވީ ނޫމަޑި އެގްރީމެންޓް ބާތިލުކުރަން ޖެހުމުން ދައުލަތަށް އިޔާދަނުކުރެވޭ ގެއްލުމެއް ލިބިފައިވާ ކަމަށެވެ. އެހެންކަމުން އެ މައްސަލާގައި އިހުމާލުވެފައިވާ މީހުންނަށް ދައުވާ ކުރަން އޭނާ ހުށައެޅުއްވި އެވެ.

ނޫމަޑީގެ މައްސަލާގައި ޑރ. މުއިއްޒު މާލިއްޔަތު ކޮމިޓީ އަށް ވަޑައިގެން އިތުރުފުޅު ހެއްދެވުމާއި ސަރުކާރަށް ގެއްލުންވާ ގޮތަށް ބަޔާން ދެއްވި މައްސަލަ ތަހުގީގު ކުރަން ވެސް ހުށަހަޅާފައިވެ އެވެ. އެ ފިޔަވަޅުތައް އަޅަން ކޮމިޓީގެ ހުރިހާ މެންބަރުންގެ އަގުލަބިއްޔަތުން މިއަދު ފާސްކުރި އެވެ.

ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވީ އާބިޓްރޭޝަނަށް ޑރ. މުއިއްޒު ބަޔާން ދެއްވީ ކޮން ހައިސިއްޔަތުން ކަމާ މެދު ތަކުރާރުކޮށް އޭނާ އެ ދުވަހު ސުވާލުކުރެއްވުމުން ވެސް ޖަވާބު ދެއްވާފައި ނުވާ ކަމަށެވެ.

އާބިޓްރޭޝަނަށް ކުރިން ދެއްވި ބަޔާން ފަހުން ބަދަލުކުރެއްވި ކަމަށް، ކޮމިޓީގައި ޑރ. މުއިއްޒު ވިދާޅުވި އެވެ.

އިލްޔާސް ވިދާޅުވީ އެގޮތަށް ޖަވާބުތައް ދެއްވާފައިވާތީ ނޫމަޑިއާ ގުޅިގެން އޭނާ އަށް ކޮންމެވެސް ކަހަލަ ނާޖާއިޒް ފައިދާއެއް ލިބިވަޑައިގަންނަވާނެ ކަމަށް ގަބޫލުކުރެއްވޭ ކަމަށެވެ.

"އަޅުގަނޑަށް ތުހުމަތު ކުރެވެނީ ނާޖާއިޒް ފައިދާއެއް މީގެ ތެރެއިން ނެގެން އޮތް ކަމަށް. އަދި އެކަން އެގޮތަށް ދެކިގެން ނާޖާއިޒް ފައިދާ ނެގުމަށް އެބޭފުޅާ [މުއިއްޒު] މަސައްކަތް ކުރައްވާފައިވާ ކަމަށް. އެހެންވީމަ އެ ބޭފުޅާ އަށް މާލީ ފައިދާއެއްވިތޯ، މުދަލެއް ދިންތޯ ބަލަން ޖެހޭ،" އިލްޔާސް ވިދާޅުވި އެވެ.

އެކަން ބަލަން ވެސް ކޮމިޓީން ފާސްކުރި އެވެ.

ގަފޫރު ވިދާޅުވީ ނޫމަޑީގެ މައްސަލަ ނިމިފައި އޮތަސް ކަން ހިނގައިދިޔަ ގޮތް ބަލަން އޭސީސީ އާއި އޮޑިޓް އޮފީސް އަދި ފުލުހުން ގުޅިގެން ތަހުގީގީ ޓީމެއް ހަދަން ޖެހޭ ކަމަށެވެ.

"މުއިއްޒުގެ މައްސަލަ ބެލެން ޖެހޭނެ. އޭރު އެގްރީމެންޓް ޓާމިނޭޓް ކުރި ފަރާތް މުއިއްޒު މިއީ. ނޫމަޑިއާ އެއްކޮޅަށް ހެކިބަސްދީގެން ސަރުކާރަށް މި ކޭސް ގެއްލުނީ. އެހެންވީމަ ދައުލަތަށް މި ފައިސާ ހޯދުމަށްޓަކައި އިންވެސްޓިގޭޝަނެއް ހަދާ އިހުމާލުވާ ފަރާތްތަކުގެ އަތުން މި ފައިސާ ހޯދަން ހުށަހަޅަން،" ގަފޫރު ވިދާޅުވި އެވެ.