ޖީއެމްއާރް މައްސަލައިގައި ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ މައްސަލަ ބަލަން މާލިއްޔަތު ކޮމިޓީން މިއަދު ނިންމައިފި އެވެ.
މާލިއްޔަތު ކޮމިޓީއަށް މައްސަލަ ހުށަހެޅުއްވީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު އެވެ.
އޭނާ ވިދާޅުވީ ޖީއެމްއާރް މައްސަލަ ބަލާ އިހުމާލުވާ މީހުންނަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ. ގަފޫރުގެ ހުށައެޅުއްވުމަށް ތާއީދުކުރެއްވީ ވިލުފުށީގެ ދާއިރާގެ މެންބަރު ހަސަން އަފީފެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ޖީއެމްއާރާ ހަވާލުކޮށްފައި އެމްޑީޕީގެ ސަރުކާރުގައި، ޖޫން 28، 2010 ގަ އެވެ. އެކަމަކު އޭރުގެ އިދިކޮޅު ޕާޓީ ޑީއާރުޕީގެ ކޮންޓްރޯލް އޮތް ރައްޔިތުންގެ މަޖިލިހާއި އިދިކޮޅު ސަޕޯޓަރުންގެ ދެކޮޅުވެރިކަން އަމާޒުވި އެއްބަސްވުން 2012 ގައި، ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުން އުވާލި އެވެ.
އޭގެ ފަހުން އެއާޕޯޓް ހިންގަމުން އަންނަނީ، ކުރިން ވެސް އެ އެއާޕޯޓް ހިންގި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީންނެވެ. މިހާރު އެ ކުންފުންޏަކީ ސަރުކާރުގެ އެންމެ ބޮޑު އަދި އެންމެ ފައިދާ ވެސް ބޮޑު ކުންފުންޏެވެ.
އެގްރީމަންޓް ބާތިލްކުރުމުން ސިންގަޕޫރުގެ އާބިޓްރޭޝަނުން ނިންމީ ބަދަލެއްގެ ގޮތުން ޖީއެމްއާރަށް 271 މިލިއަން ޑޮލަރު (4.1 ބިލިއަން ރުފިޔާ) ދެއްކުމަށެވެ. އެ ފައިސާ ވަގުތުން، އޭރުގެ ރައީސް އަދި ފުރަތަމަ ދުވަހުން ފެށިިގެން ޖީއެމްއާރުގެ އެއްބަސްވުމާ ދެކޮޅުހެއްދެވި، އަބްދުﷲ ޔާމީންގެ ސަރުކާރުން ދެއްކި އެވެ.
މިހާރުގެ ސަރުކާރުން ދީބާޖާ އަށާއި ނޫމަޑިއަށް ބޮޑު ބަދަލުތަކެއް ދިނުމުން އާންމުންގެ ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ. އެ ބަދަލުތައް ދޭން ޖެހުނީ ކުރީގެ ސަރުކާރުތަކުން، އެ ދެ ކުންފުންޏާ އެކު ވީ އެއްބަސްވުންތައް، ތަފާތު ސަބަބުތަކާ ހެދި، އުވާލުމުންނެވެ.