ކަންކަމުގެ ހައްލަކީ ބާރުތައް ދޫކުރުން: އަލީ ވަހީދު

ކޮންމެ ކަމަކަށް ވެސް ހައްލު ލިބޭނީ ބާރުތައް ދޫކޮށްގެން ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.


ގެސްޓް ހައުސް އިންސްޕެކްޝަނާ ގުޅޭގޮތުން ކައުންސިލްތަކުގެ ސިވިލް ސާވިސް މުވައްޒަފުން ތަމްރީން ކުރުމަށް މިއަދު ބޭއްވި ޕްރޮގްރާމް ނިއްމުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ލާމަރުކަޒީ ނިޒާމެއް ފުރިހަމައަށް ގާއިމް ކުރެވޭނީ މާލީ ގޮތުންނާއި އެނޫންވެސް ގޮތްގޮތުން ކައުންސިލްތައް ބާރުވެރި ކުރުވައިގެން ކަމަށެވެ.

މިއަދު ކުރިއަށްދިޔަ ޕްރޮގްރާމުގެ ސަބަބުން ރާއްޖޭގެ ރަށްތަކުގައި ޓޫރިޒަމް ކުރިއެރުވުމުގައި އިތުރު ފަސޭހަތަކެއް ވާނެ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ. އަދި މީގެ ސަބަބުން ގެސްޓް ހައުސްތައް އިންސްޕެކްޓް ކުރުން މިހާރަށްވުރެ އަވަސް ވެގެންދާނެ ކަމަށް ވިދާޅުވި އެވެ.

"ރާއްޖޭގެ ދުރު ސަރަހައްދުތަކުގައި ގެސްޓް ހައުސް އެޅުމަށްފަހު މި މިނިސްޓްރީން އެތަން އިންސްޕެކްޓް ކުރަން ދެވޭއިރު އެމީހާ އަތުން ބޮޑު ހަރަދެއް ދޭ. މިއީ މިކަން ކުރަން ޖެހޭ ގޮތް ކަމުގައި އަޅުގަނޑުމެން ނުދެކެން. މި ބާރު ކައުންސިލަށް ދިނުމުން ހަރަދު ކުޑަވެފައި އަވަހަށް އިންސްޕެކްޝަން ނިމޭނެ،" އަލީ ވަހީދު ވިދާޅުވި އެވެ.

ކައުންސިލްތަކަށް ހާއްސަކޮށްގެން ކުރިއަށްގެންދިޔަ ޓްރޭނިން ނިންމާލުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު އަލީ ވަހީދު (ވ-3) އާއި މެމްބަރު އަލީ ނިޔާޒު (މ) ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

މިނިސްޓަރު ވިދާޅުވީ ކައުންސިލްތަކަށް ބާރު ދިން ނަމަވެސް ރަށްރަށުގެ ކަންތައްތައް ނިންމުމުގައި ރައްޔިތުންގެ ހިޔާލު ހޯދަން ޖެހޭނެ ކަމަށެވެ. މިހާރުގެ ސަރުކާރުން މިކަމަށް ވަރަށް ބޮޑަށް ބާރު އަޅާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑު ދެކޭގޮތުގައި ސަރުކާރެއްގައި އަޅުގަނޑުމެން ތިބޭއިރު އަދި ކައުންސިލެއްގައި ތިބޭއިރު ވެސް އަބަދުވެސް ހަނދާން ކުރަން ޖެހޭ ކަމަކީ އަޅުގަނޑުމެން މި ތިބެނީ ރައްޔިތުންގެ މަގާމުތަކެއްގައި ކަން. އެހެންކަމުން މި ހިދުމަތް ދިނުމުގައި އެމީހުންނާ ބައިވެރިވެގެން ހިދުމަތް ދިނުމަކީ މުހިންމު ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.

ކައުންސިލް މުވައްޒަފުންނަށް ހާއްސަކޮށްގެން އެއްދުވަހުގެ މުއްދަތަށް ބޭއްވި ޕްރޮގްރާމުގައި 152 ކައުންސިލަކުން ވަނީ ބައިވެރިވެފަ އެވެ. މި ޕްރޮގްރާމުގައި ޓޫރިޒަމްގެ އެކި ދާއިރާތަކުގެ ބޭފުޅުން ވަނީ މައުލޫމާތު ހިއްސާކޮށްފަ އެވެ.

ކައުންސިލްތަކުން ގެސްޓްހައުސްތައް އިންސެޕެކްޓް ކުރަން ފެށުމުން ގެސްޓް ހައުސް ހަދާ މީހުން ޓޫރިޒަމް މިނިސްޓްރީ އަށް ފޯމު ހުށަހެޅުމުން އެ މިނިސްޓްރީން އެ ރަށެއްގެ ކައުންސިލާ އެ ގެސްޓް ހައުސްއެއްގެ ކަންތައް ބެލުމަށް ހަވާލު ކުރާނެ އެވެ. އަދި ކައުންސިލްގެ ރިޕޯޓަށް ބެލުމަށްފަހު އެ މިނިސްޓްރީން ގެސްޓް ހައުސް ހިންގުމުގެ ހުއްދަ ދޭނެ އެވެ.