އެމްޓީސީސީ "ކަށަވަރު" ޕްރޮމޯޝަން ފަށައިފި

އެމްޓީސީސީން ކޮންމެ އަހަރަކު ކުރިއަށްގެންދާ "ކަށަވަރު" ޕްރޮމޯޝަން މިއަދު ފަށައިފި އެވެ.


އެމްޓީސީސީ ކަށަވަރު ޝޯރޫމުގައި ބޭއްވި ރަސްމިއްޔާތުގައި މި ޕްރޮމޯޝަން ފައްޓަވައިދެއްވީ އެ ކުންފުނީގެ މާކެޓިން އެންޑް ބިޒްނަސް ޑެވެލޮޕްމަންޓް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރު ޝިފާއު އަލީ އެވެ.

އަންނަ އަހަރުގެ 10 ޖެނުއަރީގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަނުގައި އެމްޓީސީސީ ކަށަވަރު ޝޯރޫމުން ވިއްކާ ހުރިހާ ސާމާނަކުން ބޮޑެތި ޑިސްކައުންޓް ލިބޭނެ އެވެ. މީގެ ތެރޭގައި ސުޒުކީ އިންޖީނާއި ޔަންމާ އަދި ސުޒުކީ ސްޕެއާ ޕާޓުތަކާއި، އިންޑަސްޓްރިއަލް ގޭހުގެ އިތުރުން ޕީޕީ މެރިން ކޯޓިން އާއި އޮޑި ދޯނިފަހަރަށް ބޭނުންވާ ތަފާތު ސާމާނު ހިމެނެ އެވެ.

އެމްޓީސީސީން ބުނީ މި ޕްރޮމޯޝަނަކީ އެ ކުންފުނީގެ ކޭޝް ކަސްޓަމަރުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ޕްރޮމޯޝަނެއް ކަމަށެވެ. އެހެންކަމުން ތަފާތު ކްރެޑިޓް ސްކީމްތައް ބޭނުންކޮށްގެން ވިޔަފާރި ކުރާ މީހުންނަށް މި ޕްރޮމޯޝަނުގައި ބައިވެރި ނުވެވޭނެ އެވެ. މި ޕްރޮމޯޝަނުގެ އިތުރު ހަރަކާތްތަކެއް މި މުއްދަތުގެ ތެރޭގައި މާލެ ނޯތު ހާބާގައި ކުރިއަށްދާނެ އެވެ.

މި ޕްރޮމޯޝަނަކީ އެ ކުންފުނީގެ ކަސްޓަމަރުންނަށް ލުއި ގޮތްތައް ހޯދައިދިނުމަށް ކޮންމެ އަހަރަކު ކުރިއަށްގެންދާ ހަރަކާތަތްތަކުގެ ތެރެއިން ހަރަކާތެއް ކަމަށް އެމްޓީސީސީން ބުންޏެވެ. ކަށަވަރު ޕްރޮމޯޝަނުގެ އިތުރުން އޮޑި ދޯނިފަހަރު ގެންގުޅޭ މީހުންނަށް ޓްރެއިންނިން ޕްރޮގްރާމްތައް ވެސް އެ ކުންފުނިން ކުރިއަށްގެންދެ އެވެ.