މާލެ ވިޔަފާރި ބަނދަރުގައި ކޮންޓެއިނަރެއް އުފުލަނީ-- ފޮޓޯ: ކަސްޓަމްސް
16 ޖެނުއަރީ 2020 - 15:19
މިދިޔަ މަހު ރާއްޖޭގެ އިމްޕޯޓު އަދި އެކްސްޕޯޓޫން ދައުލަތަށް 361 މިލިއަން ރުފިޔާ ލިބުނު ކަމަށް ކަސްޓަމްސް އިން ބުނެފި އެވެ.
ކަސްޓަމްސް އިން މިއަދު ނެރުނު ތަފާސް ހިސާބުތައް ދައްކާގޮތުގައި މިދިޔަ މަހު ދައުލަތަށް ލިބުނު އާމްދަނީ އަކީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު ލިބުނު އާމްދަނީއަށް ވުރެ 10 ޕަސެންޓް އިތުރު އަދަދެކެވެ. 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު އިމްޕޯޓާއި އެކްސްޕޯޓުން ދައުލަތަށް ލިބުނީ 329 މިލިއަން ރުފިޔާ އެވެ.
މިދިޔަ މަހު ރާއްޖެ އަށް އެތެރެ ކުރި މުދާ ވެސް ވަނީ 2018 ވަނަ އަހަރާ އަޅާބާލައިރު ހަތަރު ޕަސެންޓް އިތުރުވެފަ އެވެ. އެގޮތުން، މިދިޔަ މަހު 4.4 ބިލިއަން ރުފިޔާގެ މުދާ ރާއްޖެ އަށް އެތެރެ ކުރި އިރު 2018 ވަނަ އަަހަރުގެ މި މުއްދަތުގައި ރާއްޖެ އަށް އެތެރެ ކުރީ 4.2 ބިލިއަން ރުފިޔާގެ މުދަލެވެ.
އިމްޕޯޓު އިތުރުވި ނަމަވެސް މިދިޔަ މަހު ރާއްޖޭގެ އެކްސްޕޯޓު ވަނީ ދަށްވެފަ އެވެ. މިދިޔަ މަހު 426 މިލިއަން ރުފިޔާގެ މުދާ ރާއްޖޭން އެކްސްޕޯޓު ކުރި އިރު މިއީ 2018 ވަނަ އަހަރާ އަޅާ ބަލާއިރު 19 ޕަސެންޓް ދަށް އަދަދެކެވެ.
ކަސްޓަމްސްގެ ރިޕޯޓު ދައްކާގޮތުން މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނަ މުދާ އެތެރެކޮށްފައިވަނީ ޗައިނާއިންނެވެ. އެއީ 753 މިލިއަން ރުފިޔާގެ މުދަލެވެ. މީގެ އިތުރުން ޔޫއޭއީން 654 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު މެލޭޝިއާއިން 445 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލާމަސީލު
16 January 2020
މުދަލުން ޖީއެސްޓީ ނަގަމުން ޑިއުޓީ މިވަރަށް ނެގީމަ ވިޔަފާރިވެރިޔާ މުދަލުގެ އަގަށް ކަސްޓަމްސް ޑިއުޓީލާނެ. އާޚިރުގަ އެއްކަލަ ޑިއުޓީއާއި ޖީއެސްޓީ ވެސް ދައްކަން މިޖެހެނީ ނިކަމެތި މީހާއަށް. މުދަލުން ޖީއެސްޓީ ނަގަމުން ދެން ކޮން ޑިއުޓީއެއް ނަގާކަށްތަ.