ކޮންޓެއިނާ ބޯޓުތަކެއް މާލޭ ބަނދަރުގައި: މިދިޔަ މަހު ރާއްޖެއަށް އެތެރެ ކުރި މުދަލުގެ އަދަދު ވަނީ ދަށްވެފައި. -- ފޮޓޯ: މިހާރު
13 ފެބުރުއަރީ 2020 - 14:23
މިދިޔަ ޖެނުއަރީ މަހު ރާއްޖެ އަށް އެތެރެކުރި މުދާ މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާ ބަލާއިރު ހަތަރު ޕަސެންޓު ދަށްވެފައިވާކަން ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ކަސްޓަމްސްއިން ކޮންމެ މަހެއްގެ އެކްސްޕޯޓާއި އިމްޕޯޓް ހާމަކުރުމަށް ނެރޭ ތަފާސްހިސާބުތައް ދައްކާގޮތުގައި މިދިޔަ މަހު ރާއްޖެ އަށް އިމްޕޯޓު ކޮށްފައިވަނީ 3.8 ބިލިއަން ރުފިޔާގެ މުދަލެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އަށް އެތެރެ ކޮށްފައި ވަނީ ހަތަރު ބިލިއަން ރުފިޔާގެ މުދަލެވެ.
ރާއްޖޭގެ އިމްޕޯޓް ދަށްވެފައިވާއިރު ރާއްޖޭގެ އެކްސްޕޯޓް ވަނީ 21 ޕަސެންޓް އިތުރުވެފަ އެވެ. އެގޮތުން، މިދިޔަ މަހު 420 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓް ކޮށްފައިވާއިރު މިދިޔަ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓް ކޮށްފައިވަނީ 347 މިލިއަން ރުފިޔާގެ މުދަލެވެެ.
މިދިޔަ މަހު ރާއްޖެ އަށް އެތެރެ ކުރި މުދަލުން ކަސްޓަމްސް ޑިއުޓީ އާއި އެހެނިހެން ފީ އަދި ޖޫރިމަނާގެ ގޮތުގައި ލިބުނު އަދަދު ވެސް ވަނީ މިދިޔަ އަހަރާ އަޅާ ބަލާއިރު ދަށްވެފަ އެވެ. މިދިޔަ މަހު ކަސްޓަމަސް އަށް ޑިއުޓީ އާއި ފީގެ ގޮތުގައި ލިބިފައި ވަނީ 272 މިލިއަން ރުފިޔާ އެވެ. މިއީ 10 ޕަސެންޓުގެ ދަށްވުމެކެވެ.
ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާގޮތުގައި މިދިޔަ މަހު އެންމެ ގިނައިން ރާއްޖެ އަށް އެތެރެ ކޮށްފައިވަނީ ކާނާގެ ބާވަތްތަކެވެ. ދެވަނަ އަށް އެންމެ ގިނައިން އެތެރެ ކޮށްފައިވަނީ ކޮންސްޓްރަކްޝަން ސާމާނެވެ. މީގެ ތެރެއިން އެންމެ ގިނަ މުދާ އެތެރެކޮށްފައި ވަނީ ޔޫއޭއީންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy