"މަރުހަބާ 2020" ގެ ނަމުގައި އުރީދޫން ހޮޓެލް ޖެންގައި ބޭއްވި ހާއްސަ ހަފްލާގެ ތެރެއިން.-- ފޮޓޯ: ހުސެން ވަހީދު /މިހާރު
27 މާޗް 2020 - 12:03
ކޮވިޑް-19އާ ގުޅިގެން، ކުރިމަތިވެފައިވާ އިގްތިސޯދީ ދަތިތަކަށް އެހީތެރިވުމުގެ ގޮތުން، އުރީދޫގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް 25 ޕަސެންޓްގެ ޑޭޓާ ހިލޭ ދޭން އެ ކުންފުނިން ނިންމައިފި އެވެ.
މި ގޮތަށް ނިންމީ، މިއީ އާދަޔާ ޚިލާފަށް ޑޭޓާ ބޭނުންކުރާ ދުވަސްވަރަކަށް ވާތީ ކަސްޓަމަރުންނަށް ލުޔެއް ދިނުމަށް ކަމަށް އުރީދޫން ބުންޏެވެ.
އަދި މިއީ، މަހުގެ ފަހުކޮޅު ކަމަށް ވެފައި، ޑޭޓާ އެލަވަންސްތައް ހުސްވެފައިވާ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އިތުރު ލުއި ފަސޭހަކަމެއް މި ބޯނަސް ޑޭޓާ މެދުވެރިކޮށް ލިބޭނެ ކަމަށް އުރީދޫން ބުނެ އެވެ. މީގެ އިތުރުން، އަންނަ މަހު ވެސް 25 ޕަސެންޓް ބޯނަސް ޑޭޓާ ދިނުމަށް އުރީދޫން ވަނީ ނިންމައިފަ އެވެ.
އުރީދޫން ވަނީ ޕޯސްޓްޕެއިޑް ކަސްޓަމަރުންގެ އިތުރުން ޕްރިޕެއިޑް އަދި ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ވެސް 25 ޕަސެންޓް ބޯނަސް ޑޭޓާ ފޯރުކޮށްދީފަ އެވެ.
އުރީދޫގެ މޮބައިލް ކަސްޓަމަރުންނާއި ފައިބާ އަދި ވަޔާލެސް ބްރޯޑްބޭންޑް ގެންގުޅޭ މީހުންގެ މި މަހުގެ ބިލް، އެހެން މަސްތަކެކޭ އެއްގޮތަށް ދައްކަން ޖެހޭ ތާރީޚަށް ނުދެއްކުނު ކަމުގައި ވިޔަސް ޚިދުމަތް މެދު ނުކެނޑި ބޭނުންކުރެވޭ ގޮތަށް ހަމަޖައްސާފައިވެ އެވެ. އަދި ކުދި ވިޔަފާރިތަކަށް ވެސް އެ އިނާޔަތް ލިބެ އެވެ.
އުރީދޫން މިގޮތަށް ނިންމީ ކޮވިޑް-19އާ ގުޅިގެން މެދުކެނޑުމަކާ ނުލައި، ލުއިފަސޭހަކަމާ އެކު، ފޯނާއި އިންޓަނެޓް މެދުވެރިކޮށް، ފުރިހަމަ މައުލޫމާތު ލިބި، އެކަކު އަނެކަކުގެ ހާލުބަލައި ގުޅުން ބޭއްވުމުގެ ފުރުސަތު ލިބުމަކީ މި ވަގުތު އެންމެ މުހިންމު ކަމެއްގެ ގޮތުގައި ދެކިގެން ކަމަށް އެ ކުންފުނިން ބުނެ އެވެ.
އުރީދޫން ވަނީ މި ދުވަސްވަރާ ގުޅުވައިގެން، އެޑިއުކޭޝަން މިނިސްޓްރީއާ އެކު ގޫގްލް ކްލާސްރޫމް ޚިދުމަތް ދަރިވަރުންނަށް ފޯރު ކޮށްދިނުމަށް 5ޖީބީ ޑޭޓާ ގެ އެލަވަންސެއް ވެސް ހަމަޖައްސައިފަ އެވެ. މީގެ އިތުރުން، ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ހަރަކާތްތެރިވާ އިމަޖެންސީ ރެސްޕޮންސް ޓީމުތަކަށް އެހީތެރިވުމުގެ ގޮތުން، އިމަޖެންސީ ސެންޓަރު ތަކަށާއި ފްލޫ ކްލިނިކް ތަކަށް އަދި އައިސޮލޭޝަން ފެސިލިޓީތަކަށް ހިލޭ އިންޓަނެޓްގެ ޚިދުމަތް ވެސް އުރީދޫން އަންނަނީ ދެމުންނެވެ.
އަދި ކޮވިޑް-19 އަށް ހޭލުންތެރި ކުރުމަށް މެސެޖްތައް ފޮނުވުމާއި ރިންގްޓޯން ތަކުން މެސެޖް ދިނުމުގައި އެޗްޕީއޭ އާއި ރެޑް ކްރެސެންޓާއި މޯލްޑިވްސް މީޑިއާ އެސޯސިއޭޝަނާ ގުޅިގެން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުން އަންނަ ކޮވިޑް-19 އިން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އުރީދޫ ފިހާރަތައް ވެސް މިހާރު ވަނީ ބަންދު ކޮށްފަ އެވެ. އަދި މި ހާލަތުގައި، އުރީދޫ އެޕް މެދުވެރިކޮށް ޑިޖިޓަލް ހިދުމަތްތައް ބޭނުން ކުރުމަށް އެ ކުންފުނިން އެދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝެލަރީ
28 March 2020
މީދެން ކިހާދެރަ ކަމެއް ބޯނަސްތަ ނުލިބެގެން މިއުޅުނީ އަގުހެޔޮކޮށްދީބަލަ ރަށްޔިތުން ގުނބޯ ހައްދާނީ ފަހުން
ހައްސާ222
27 March 2020
ޑިސްކައުންޓް ދިން ކަމަށްވާނީ އެމީހަކު ނަގާފައިވާ ޕެކޭޖް އެއްގެ އަގުން ޑިސްކައުންޓް ދިނުމުން. ތިއީ ޑިސްކައުންޓެއްނޫން. އަދި ތިޔަ ކުންފުނިން ގެއްލިދާނެ ލޯލާރިއެއްވެސް ތިޔަކުން ނެތް.
މުލޭ
27 March 2020
ޑިސްކައުންޓެއް ނޫން. ބޯނަސް އެލަވަންސެއް ދިންވާހަކަދޯ ޚަބަރުގަ އޮތީ.
ސާބަހޭ
27 March 2020
ތިޔަށް ޑިސްކައުންޓެކޭ ނުކިޔާނެ. އަތުން ބިލަށް ދައްކަން ޖެހޭ ވަރު ކުޑަ ނުވާ އިރު ޑިސްކައުންޓޭ ކިޔަން ލަދުވެސް ނުގަނޭތަ ކަލޭމެން.
ކަކުނިބޯ
27 March 2020
އެވެސް ޑިސްކައުންޓެއް ޝުކުރުކުރަންވާނެ