އެމްޕީއެލް އިން އިމްޕޯޓަރުންނަށް ލުއިތަކެއް ދީފި

ރާއްޖެ އަށް މުދާ އެތެރެކުރާ މީހުންނަށް ލުއި ގޮތްތަކެއް މޯލްޑިވްސް ޕޯޓްސް ލިމިޑެޓް (އެމްޕީއެލް) އިން ހަމަޖައްސައިފި އެވެ.


ދަރުބާރުގޭގައި ކޮވިޑް-19 އާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން ތަރުޖަމާން މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ، ތަކެތި ރާއްޖެ އަށް މުދާ ގެންނަ އިމްޕޯޓަރުންނަށް ބޮޑެތި ލުއިތަކެއް ހަމަޖައްސާދީފައިވާ ކަމަށެވެ. އެގޮތުން މުދާ ގެނެސް ހުޅުމާލެ އާއި މާލޭގެ ބަނދަރުގައި ބެހެއްޓުމަށް ނަގާ ޑެމަރޭޖު ޗާޖުން 20 ޕަސެންޓް ކުޑަ ކުރުމަށް އެމްޕީއެލް އިން ވަނީ ނިންމައިފަ އެވެ.

މީގެ އިތުރުން ކުޅުދުއްފުށީ ޕޯޓާއި ހިތަދޫ ޕޯޓުގެ ޑެމަރޭޖު ޗާޖުގެ 50 ޕަސެންޓް ކުޑަ ކުރުމަށް ވަނީ ނިންމައިފަ އެވެ. މީގެ އިތުރުން ފްރީ ސްޓޯރޭޖުގެ މުއްދަތު 10 ދުވަހުން 12 ދުވަހަށް ވަނީ އިތުުރުކޮށްދީފަ އެވެ.

އެމްޕީއެލް އިން ކަނޑައަޅާފައިވާ ގޮތުން 20 ފޫޓުގެ ކޮންޓެއިނަރަކަށް ނަގަނީ 853.30ރ. އެވެ. އަދި 40 ފޫޓުގެ ކޮންޓެއިނަރަކަށް 1،706.60ރ. އެވެ. އެއީ ދުވާލަކަށް ނަގާ ޑެމަރޭޖު ފީ އެވެ.

"ބޮންޑެޑް ވެޔާ ހައުސްގެ ލައިސެންސް ފީ 50 ޕަސެންޓް ދަށްކޮށްދިނުމަށް ނިންމާފައިވަނީ،" މަބްރޫކު ވިދާޅުވި އެވެ.

އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ ވިދާޅުވީ، މިހާ ބޮޑު ލުޔެއް ދިނުމަށް ނިންމީ އިކޮނޮމިކް މިނިސްޓްރީއާ މަޝްވަރާކުރުމަށް ފަހު، މިދުވަސްވަރު ކުރިމަތިވެފައިވާ ހާލަތުން އަރައިގަތުމަށް ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކަމަށެވެ.

"އާންމު ގޮތެއްގައި މުދާ ކްލިއާ ކުރެވޭނެ 24 ގަޑިއިރުގެ ތެރޭ. އެހެން ނަމަވެސް ބައެއް ހާލަތްތަކުގައި ޑޮކިއުމެންޓޭޝަން ފުރިހަމަ ނުވުމާއި، ވިޔަފާރިވެރިންގެ ވެޔާ ހައުސް ފުރުމާ އެކު ޕޯޓުގައި މުދާ ބަހައްޓާނެ،" އޭނާ ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ، އިމްޕޯޓަރުންނަށް އިތުރު ލުޔެއް ދިނުމުގެ ގޮތުން ޑެމަރޭޖުގެ ގޮތުގައި ބޮޑު އަދަދެއްގެ ދައްކަން ޖެހޭ ވިޔަފާރިތަކަށް 20 ޕަސެންޓް ދެއްކުމަށްފަހު ބާކީ ދައްކަންޖެހޭ ފައިސާ ހަ މަސް ދުވަހަށް ބަހާލައިގެން ދެއްކޭނެ އިންތިޒާމު ވެސް ހަމަޖައްސާފައިވާ ކަމަށެވެ.

އެމްޕީއެލްއިން ބޮންޑެޑް ވެޔާ ހައުސްގެ ލައިސެންސް ފީ 50 ޕަސެންޓަށް ކުރުމަށް ނިންމީ ރިސޯޓުތައް ބަންދު ކުރުމާ އެކު ބޮންޑު އޮޕަރޭޓަރުންނަށް ބޮޑު ގެއްލުމެއް ލިބޭތީ ކަމަށް ޝާހިދު ވިދާޅުވި އެވެ. ބޮންޑެޑް ވެޔާ ހައުސްގައި އާންމުކޮށް ތަކެތި ބަހައްޓަނީ ރަލާއި އޫރު މަސް އެތެރެ ކުރާ މީހުންނެވެ. އެހެން ނަމަވެސް ގިނަ ރިސޯޓުތައް ބަންދު ކުރުމާ އެކު މިފަދަ ވިޔަފާރި ކުރާ މީހުންނަށް ބޮޑު ގެއްލުމަކާ ވަނީ ކުރިމަތިވެފަ އެވެ.

ބޮންޑެޑް ވެޔާހައުސްގެ ފީގެ ގޮތުގައި ނަގަނީ ކޮންމެ 20 ފޫޓުގެ ޖާގައަކަށް މަހަކު 340 ޑޮލަރެވެ. މިހާރު ގެނައި ބަދަލާ އެކު ދައްކަން ޖެހޭނީ 20 ފޫޓުގެ ޖާގައަކަށް މަހަކު 170 ޑޮލަރެވެ.