ފުރަވެރި ރިސޯޓުގެ މުވައްޒަފުންތަކެއް މުޒާހަރާ ކުރަނީ/ މި މުޒާހަރާގައި ދިވެހި އަދި ބިދޭސީ މުވައްޒަފުން ވެސް ބައިވެރިވި-- ފޮޓޯ: ސޯޝަލް މީޑިއާ
04 އެޕްރީލް 2020 - 18:05
ފާއިތުވި ދެ މަހުގެ މުސާރަ ނުދޭ ކަމަށް ބުނެ ފުރަވެރި އައިލެންޑް ރިސޯޓުގެ މުވައްޒަފުން މުޒާހަރާ ކުރަމުން އެބަ ދެ އެވެ. އެކަމަކު މުޒާހަރާ ކުރާ ކަމަށް ބުނާ ވާހަކަ ރިސޯޓުގެ މެނޭޖްމަންޓުން ދޮގު ކުރެ އެވެ.
އެ ރިސޯޓުގެ ބައެއް މުވައްޒަފުން ބުނި ގޮތުގައި ގޮތުގައި ފެބްރުއަރީ މަހާއި މާޗު މަހުގެ މުސާރަ އާއި ސާވިސް ޗާޖު އެއްވެސް މުވައްޒަފަކަށް ނުލިބެ އެވެ. އަދި ކޮވިޑް-19 އާ ގުޅިގެން ރިސޯޓު ބަންދު ކުރާތީ މުވައްޒަފުން ނޯޕޭ ލީވް ދީފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ. އެ ރިސޯޓުން މިދިޔަ ބުރާސްފަތި ދުވަހު އެކަނި 150 މުވައްޒަފުންނަށް ނޯޕޭ ލީވް ވަނީ ދީފަ އެވެ.
ފުރަވެރި ރިސޯޓުގެ މުވައްޒަފުން މުޒާހަރާ ކުރާ ވީޑިއޯއެއް--
ފުރަވެރި ރިސޯޓުގެ މުވައްޒަފުންނަށް މުސާރަ ނުދޭތާ ދެ މަސް ވެފައިވާއިރު ޖެނުއަރީ މަހުގެ މުސާރަ އާއި ސާވިސް ޗާޖު ދީފައިވަނީ ފެބްރުއަރީ މަހުގެ ފަހުކޮޅު ކަމަށް ބައެއް މުވައްޒަފުން ބުނެ އެވެ. އަދި މި ދަނޑިވަޅު މުވައްޒަފުން ހާލުގައި ނުޖައްސާ ހައްގުތައް ކަށަވަރު ކުރުމަށް އެ ރިސޯޓުގެ މުވައްޒަފުން އަންނަނީ ގޮވާލަމުންނެވެ. މި މުޒާހަރާގައި އެ ރިސޯޓުގެ 40 އަށްވުރެ ގިނަ މުވައްޒަފުން ވަނީ ބައިވެރިވެފަ އެވެ. އޭގެ ބައެއް ވީޑިއޯތައް ވެސް ވަނީ އާންމުވެފަ އެވެ.
އެކަމަކު ފުރަވެރި ރިސޯޓުގެ އެޗްއާރު ޑިރެކްޓަރު އަހުމަދު ސައީދު ވިދާޅުވީ މިއަދުގެ އެއްވެސް ވަގުތެއްގައި އެ ރިސޯޓުގައި މުޒާހަރާ ކޮށްފައި ނުވާ ކަމަށެވެ. އަދި މުވައްޒަފުންނަށް މުސާރަ ނުދޭ ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި އެވެ. އެކަމަކު ބައެއް މުވައްޒަފުން ނޯޕޭ އަށް ފޮނުވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ރ. އަތޮޅުގައި ތަރައްގީ ކޮށްފައިވާ ފުރަވެރި ރިސޯޓަކީ ނައިޑް އިންވެސްޓްމަންޓުން ހިންގާ ރިސޯޓެކެވެ. މިއީ މި ކުންފުނިން ރާއްޖޭގައި ހިންގާ ހަމައެކަނި ރިސޯޓެވެ.
ބައެއް ރިސޯޓުތަކުން މުވައްޒަފުންނަށް ނޯޕޭ ލީވް ދޭން ފަށާފައިވަނީ ކޮވިޑް-19 ފެތުރުމާ ގުޅިގެން ރިސޯތަކުގެ އޮޕަރޭޝަންތައް ހުއްޓުމުގެ ސަބަބުންނެވެ. އެގޮތުން އެކި ރިސޯޓުތަކުން 11،000 އަށްވުރެ ގިނަ މުވައްޒަފުންނަށް ވަނީ ނޯޕޭ ލީވް ދީފަ އެވެ.
މި ދަނޑިވަޅު ވަޒީފާއާ ބެހޭ ގާނޫނާ ހިލާފަށް މުވައްޒަފުން ވަކި ކުރުމާއި ނޯޕޭ ލީވް ދޭ ކަމުގެ ޝަކުވާތައް ޓޫރިޒަމް މިނިސްޓްރީ އަށް ލިބިފައިވާ ކަމަށް އެ މިނިސްޓްރީން ވެސް ވަނީ ބުނެފަ އެވެ. އަދި އެ ރިސޯޓުތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަންޒުކާ
06 April 2020
ފުރަތަމަކަމަކީ ޕޯޓަލްގައި ރަޖިސްޓްރީ ކުރުން. އަދި މުޒާހަރާ ސޯޝަލް މީޑިއާގައި ކުރިއަށް ގެންދިއުން. ޕޯޓަލް ގައި ރަޖިސްޓްރީ ކުރުމުން ސަރުކާރަށް އެހީވާން ފަސޭހަވާނެ. އަދި ރިޒޯޓަށް އެހީވުމުގެ ކުރިން މުސާރަ ދިނުމަށް މަޖުބޫރު ކުރުވޭނެ.
ދިގުމަތް
05 April 2020
މުވައްޒަފުންނަށް ގަވާއިދުން މުސާރަ ނުދޭ ބޮޑެތި މަހުޖަނުން ރާއްޖޭގައި އެބަތިބި. މިއީ ވެސް ޖޮބް ސެންޓަރުން ބަލަންޖެހޭ މައްސަލައެއް. ދެމަސް ތިންމަސް ވަންދެން ރިސޯޓުތަކުގައި މުވައްޒަފުންނަށް މުސާރަނުލިބި މަސައްކަތް ކުރަން ޖެހުމަކީ ވަރަށް ދެރަކަމެއް. މަސް ނިމޭ އިރު ނިމުނު މަހުގެ މުސާރަޔާ ސާވިސްޗާޖު ނުދެވޭ ރިސޯޓްތަށް ދައުލަތަށް ނެގޭގޮތަށް ގާނޫނު ހަދަންޖެހޭ. އެކަމު މަޖިލީހުގަވެސް މިމީހުން. ބޮޑެތި ގާނޫނުތައް ހަދާފަ އެޔަށް ތިމާމީހާ އަށް އަމަލު ނުކުރެވޭ.
ހާސް
05 April 2020
11000 ތީ ޓީމުން ހަދައިގެން އުޅޭ ނަމްބަރެއް. ހަގީގީ ރަނގަޅު އަދަދު ހޯދަން ނޫސްވެރިން މަސައްކަތްކުރަން އެބަޖެހޭ
އެންދެރި
05 April 2020
ރިސޯޓް ތަކުގައި ގަވާއިދާ ހިލާފައް ހުރި ބަންގްލަދޭޝް މީހުން މިހާރު ފޮރނުވާލަން ވީ އެވެ.
ރިސޯޓު
05 April 2020
ރިސޯޓަށް ވަދެވޭނީ ރިސޯޓު މެނޭޖްމެންޓުން ވެއްދި ބައެއް ނުން
ޝީޒާ
05 April 2020
11000މުއައްޒަފުން
ހަމީންޝާހް
05 April 2020
މޮޅެތި ނަންކިޔާފ ރިސޯޓު ހަދައިގެން ތިބޭނެ.. މި ރަށް އަތުލުމައް ސަރުކާރައް ގޮވާލަން.. މިހެން ނުތިބެވޭނެ މުސާރަ ނުދީއެއް.. އޯނަރުންގެ ގެދޮރު އަތުލަންވީ..
މަނީޒ
05 April 2020
ތިޔަ ރިސޯޓު ތީ ހިނގާތަނެއްހެނެއް ހިޔެއް ނުވޭ.. ކޮވިޑު ފެށުމުގެ ކުރިންވެސް ކިރިޔަކިރިޔާ ދެކޮޅުޖެހެނީ.. ތީ އަދި އަލައް ރިސޯޓު ހިންގަންފެށިބަޔެއް.. މުސާރަތައްވެސް އެހާ ކުޑަވާނެ..
ބޮޑުމީހާ
05 April 2020
މުޒާހަރާކޮށްގެން ހައްގު ލިބޭނީ. އެންމެން އެކައްޗެއް ކިޔާތި. ދެވަނަ އީސައެއް ތި މުޒާހަރާތަކުން ނުއުފައްދާތި.
ހަޒާނާ
04 April 2020
ކޮންމެ ވެސް ބަޔަކު ނޯޕޭ ލީވް ގަބޫލު ނުކޮށް ކެނޑިގެން މައްސަލަ ހުށަހަޅަން ވި އެވެ.
ހޯރަފުށި މީހާ
04 April 2020
އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާގޮތުގައި ފުރަވެރި ރިސޯރޓަކީ މީގެކުރިން ބަރާބަރަށް މުސާރަދޭ ރިސޯރޓެއް. ނަމަވެސް ކުންފުނީގެ އޯނަރުން ހިތްހަމަނުޖެހޭ މެނޭޖްމަންޓެއް މިހާރު ރިސޯރޓްގައި އޮންނާތީ ގަސްތުގައި މުސާރަ ލަސްކުރާކަމައްވަނީ.
ޒިރނޒ
05 April 2020
އޯނަރުން ބޭނުންނުވާ މެނޭޖްމަންޓަކައް އޮވެވޭނެތަ.. އެއީ އޯނަރުން ހިންގާ ރަށެއް. އޯނަރުންނަކީ ޓޫރިޒަމާއި ތަހުޒީބައް އާ ބަޔެއް.. ޕުރޮފެޝަނަލް މީހުންނެއް ނުތިބޭ އޯނަރުންގާތުގަ..ހުސަ ތިމާގެ މީހުންނާއި ބޮލުރޮދީން ލައިގެން ހިންގާ ގޮނޑެއް ތަނަކީ. މުއައްޒަފުންގެ މުސާރަ އެހާކުޑަ.