ކޮވިޑް-19 އާ ގުޅިގެން ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފައި ވުމުން، މުވައްޒަފުންނަށް ގޭގައި ތިބެގެން އޮފީސް މަސައްކަތްކުރަން ފިކްސްޑް ބްރޯޑްބޭންޑް އިންޓަނެޓް މެދުވެރިކޮށް ސަރުކާރުގެ ވިއުގަތަކަށް ހިލޭ ވަދެވޭނެ ގޮތް ދިރާގުން ހަދައިދީފި އެވެ.
ދިރާގުން މި އިންތިޒާމް ހަމަޖައްސައިދިނީ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީއާ ގުޅިގެންނެވެ.
މި ދުވަސްވަރު ސަރުކާރުގެ ހުރިހާ އޮފީސްތަކާއި މުއައްސަސާތަކެއް ބަންދުކޮށްފައި ވުމުން، ގޭގައި ތިބެގެން، ރިމޯޓް ވޯކިންގެ އެކި ވަސީލަތްތަކަށް ވަންނަން މުވައްޒަފުން ގެންދަނީ އިންޓަނެޓް ބޭނުންކުރަމުންނެވެ.
މިފަދަ ހާލަތެއްގައި، ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ސަރުކާރުގެ މުވައްޒަފުންގެ މަސައްކަތް މެދުނުކެނޑި ކުރިއަށް ގެންދަން ލުއި ފަސޭހަ ގޮތްތަކެއް ހޯދައިދޭން ހާއްސަ އިސްކަމެއް ދޭ ކަމަށް ދިރާގުން ބުންޏެވެ.
ދިރާގުން ބުނި ގޮތުގައި އެ ކުންފުނީގެ ފިކްސްޑް ބްރޯޑްބޭންޑް ހިދުމަތް މެދުވެރިކޮށް ސަރުކާރުގެ އެކި ޕޯޓަލްތަކަށް ހިލޭ ވަދެވި، ދުވަހުން ދުވަހަށް ކުރަން ޖެހޭ މަސައްކަތްތައް އޮންލައިންކޮށް ފަސޭހަކަމާ އެކު ކުރެވޭނެ އެވެ.
ކޮވިޑް-19 އާ ގުޅިގެން ދިރިއުޅުމަށް ގެންނަން ޖެހިފައިވާ ބަދަލުތަކާ އެކު އިންޓަނެޓް ބޭނުންކުރާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެގޮތުން ކިޔެވުމަށާއި، އޮފީސް މަސައްކަތަށާއި އާއިލާ އާއި ރައްޓެހިންގެ ހާލުބެލުމަށާއި، ވަގުތުން ވަގުތަށް މައުލޫމާތު ހޯދަން ވެސް އިންޓަނެޓް ބޭނުން ކުރެ އެވެ.
މި ދަނޑިވަޅުގައި ކަސްޓަމަރުންނަށް ލުއިފަސޭހަތަކެއް ފޯރުކޮށްދިނުމުގެ ގޮތުން، ދިރާގުން އަންނަނީ މާޗް މަހުން ފެށިގެން ހިލޭ ޑޭޓާ އެލަވަންސާއި ޑިސްކައުންޓް ވެސް ދެމުންނެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްނެންގެވުމުގެ ދަށުން، ކަސްޓަމަރުންނަށް އިންޓަނެޓް ބޭނުން ކުރުމުގައި އިތުރު ލުޔެއް ދިނުމުގެ ގޮތުން ދިރާގުގެ ހުރިހާ ކަސްޓަމަރުންނަށް ހިލޭ ދީފައިވާ ޑޭޓާގެ މިންވަރު އެޕްރީލް އާއި މޭ މަހަށް ވަނީ އިތުރު ވެސް ކޮށްފަ އެވެ.