ވެރިރަށުގެ ދެ ލައްކައެއްހާ މީހުން ގާތްގަނޑަކަށް ހޯމް ޑެލިވަރީއަށް ބަރޯސާވެފައިވާ ދަނޑިވަޅެއްގައި ރީޓެއިލް ފިހާރަތަކުގެ ހަރުގަނޑުތައް ހުސްވިޔަނުދިނުމުގެ ޒިންމާ އޮތީ، ރާއްޖެއަށް މުދާ އެތެރެކުރާ ވިޔަފާރިވެރިންގެ އަތުގަ އެވެ.
ހޯމް ޑެލިވަރީގެ ހިދުމަތް ދޭން ހުއްދަ ނަގާފައިވާ ގިނަ ފިހާރަތަކުން، ހާއްސަކޮށް ބޮޑެތި ފިހާރަތަކުން މިހާރު ގިނަ ފަހަރަށް އާންމުންގެ އޯޑަރުތައް ނެގޭވަރެއް ނުވެ އެވެ. އެކަމާ ހެދި ގިނަ ބަޔަކު އަދިވެސް ގެއިން ބޭރަށް ނުކުމެ، ކައިރީގައި ހުންނަ ކޮންމެވެސް ފިހާރައެއްގެ ދޮށަށް ދާން ޖެހެ އެވެ.
އެކަމަކު ރާއްޖެއަށް މުދާ އެތެރެކުރާ ހޯލްސޭލަރުންނަށް ވެސް މި ދަނޑިވަޅު ވަނީ ވަރަށް ބޮޑު މައްސަލައެއް ކުރިމަތިވެފަ އެވެ: ކުއްލިއަކަށް ލޮކްޑައުން އިއުލާންކުރުމާ އެކު، ފިހާރަތަކަށް މުދާ ޑެލިވަރީކޮށްދިނުން ހުއްޓުމަކަށް އައުމެވެ. އަދި މިހާރު ފިހާރަތަކަށް އެއްޗެހި ފޮނުވުން ލަސްވަނީ، މަސައްކަތް ނުކުރެވި ދިޔަ ދުވަސްތަކުގައި އޮތް "ބެކްލޮގް" ބޮޑުވުމުން ކަމަށް، ހޯލްސޭލަރުން ބުނެ އެވެ.
ގިނަ ހޯލްސޭލަރުން ބުނީ ބޭނުންވާ ހުއްދަތައް ލިބި މަސައްކަތްތައް ރަނގަޅަށް ފެށުނީ އިއްޔެ ކަމަށެވެ. އެހެންކަމުން ލޮކްޑައުންގެ ފުރަތަމަ ތިން ދުވަހު އެ ދިޔައީ އާންމު ފިހާރަތަކަށް ރަނގަޅަށް މުދާ ޑެލިވަރީނުކޮށްދެވި އެވެ.
ރާއްޖެއަށް ކާނާގެ ބާވަތްތައް ފުޅާ ދާއިރާއެއްގައި އެތެރެކުރާ ޔުނައިޑެޓް ފުޑް ސަޕްލަޔާސްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އާތިފު ޝަކޫރު ވިދާޅުވީ ތަކެތި އިއްޔެ ހުއްދަ ލިބުމާ އެކު މިއަދުން ފެށިގެން ކުދި ފިހާރަތަކަށް ބޭނުންވާ ތަކެތި ފޯރުކޮށްދެވޭނެ ކަމަށެވެ.
"އެވްރެޖުކޮށް 25 ޑެލިވަރީ ޑެއިލީކޮށް އެބަ ކުރަން. މިދުވަސްވަރު ވަރަށް ގިނަ ރެސްޓްރިކްޝަންތަކާ އެކު މިކަން ކުރަން ޖެހޭތީ ލަސްތަކެއް އުޅެނީ،" އާތިފް ވިދާޅުވި އެވެ.
ރާއްޖެއަށް ތަފާތު އެތައް އުފެއްދުމެއް އެތެރެކޮށް ހޯލްސޭލްކުރަމުން އަންނަ ހެޕީ މާކެޓުގެ ޖެނެރަލް މެނޭޖަރު އަލީ އިހްސާނު ވިދާޅުވި ގޮތުގައި ކުދި ފިހާރަތަކަށް ތަކެތި ޑެލިވަރީ ކުރުން އަވަސް ކުރުމުގެ ގޮތުން ރަނގަޅު އުސޫލެއް މިއަދުން ފެށިގެން ވަނީ ގާއިމްކޮށްފަ އެވެ.
"މިހާރު މާލޭގެ ހަތަރު އަވަށަށް ހާއްސަ ހަތަރު ވައިބާ ނަންބަރު ވާނީ ކަނޑައަޅާފައި. އޭރުން ކުދި ފިހާރަތަކުން އޯޑަރު ދޭ އިރު އެ ސަރަހައްދެއްގެ އޯޑަރުތައް އެއްކޮށް ގެންދެވޭނެ. މިކަމުން މިހާރަށް ވުރެ ތަކެތި ޑެލިވަރީ ކުރުން އަވަސް ވާނެ ކަމަށް ބެލެވެނީ،" އިހުސާން ވިދާޅުވި އެވެ.
ހެޕީ މާކެޓުން ޑެލިވަރީ ކުރުމުގައި 50 ވަރަކަށް މުވައްޒަފުން މިހާރު ހަރަކާތްތެރިވެ އެވެ. އެހެންކަމުން އެ އެންމެންނަށް ފާސް ހޯދަން ކޮންމެވެސް ވަރެއްގެ ލަސްތަކެއް އުޅުނެވެ. އެކަމަކު އިއްޔެ އެކަން ހައްލުވެފައިވާ ކަމަށް އިހުސާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިހާރު އޮތް ހާލަތުގައި މަސައްކަތް ކުރަން ޖެހެނީ ބޮޑެތި ދަތިތަކާ އެކު ކަމުން އާންމު އުސޫލުން ޑެލިވަރީ ކުރާ ސްޕީޑުގައި އަދިވެސް އެކަން ނުކުރެވިދާނެ އެވެ. އެކަމަކު މިދިޔަ ތިން ދުވަހަށް ވުރެ މިއަދުން ފެށިގެން ފިހާރަތަކަށް ޑެލިވަރީ ކުރުން އަވަސް ވާނެ ކަމަށް ވިދާޅުވި އެވެ.
މާލޭގައި ފުޅާ ދާއިރާއެއްގައި އިމްޕޯޓް ވިޔަފާރި ކުރާ ބީއެޗްއެމް ޓްރޭޑާސްގެ ހެޑް އޮފް ސޭލްސް އެންޑް މާކެޓިން އިބްރާހިމް ޝަރީފު ވިދާޅުވީ ތަކެތި ޑެލިވަރީ ކުރުން ލަސްވަނީ މަދު މުވައްޒަފުންނާ އެކު އެކަން ކުރަން ޖެހުމުން ކަމަށެވެ. އަދި ފުލުހުން ފާސް ދެމުން އަންނަނީ ވެސް ލިމިޑެޓް ބަޔަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވި ގޮތުގައި ހުޅުމާލޭގައި ތަކެތި ޑެލިވަރީ ކުރުން ލަސްވެގެން އުޅެނީ ޕޯޓަލް މައްސަލަތަކެއް ދިމާވެ، ޕޭމެންޓް ހެދުމުގައި ދަތިތަކެއް ހުރުމުންނެވެ.
"މާދަމާ އެކަމަށް ހައްލެއް ލިބޭނެ. މާލޭގައި މިއަދު ވެސް އެބަ ކުރިއަށްދޭ. ގިނަ އޯޑަރުތަކެއް ޕެންޑިންގައި އެބަހުރި،" ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަސައްކަތް ކުރަނީ އޯޑަރުތައް ވީހާ ވެސް އަވަހަކަށް ކްލިއާކުރަން ކަމަށެވެ.
އެމްއެޗްއޭ ޓްރޭޑާސްގެ މާކެޓިން މެނޭޖަރު މުހައްމަދު ހިލާލު ވިދާޅުވި ގޮތުގައި ކުއްލިއަކަށް ލޮކްޑައުން ކުރުމުން، ވެހިކަލްތަކާއި މުވައްޒަފުންނަށް ބޭނުންވާ ހުއްދަ ހޯދަން އެ ކުންފުންޏަށް ވެސް ވަގުތު ނެގި ކަމަށެވެ.
"ވަރަށް ގިނަ އޯޑަރުތައް ބެކްލޮގްގައި އެބަހުރި. މި ހާލަތުގައި ލަސްތަކެއް އުޅޭނެކަން އެންމެންނަށް ވެސް އެނގޭނެ،" އޭނާ ވިދާޅުވި އެވެ.
ގިނަ ހޯލްސޭލަރުންނަށް ބޭނުންވާ ހުއްދަ ލިބުމުގައި އެރި ލޮޅުންތަކާ އެކު ކަންމަތީ ގިނަ ފިހާރަތަކުން ބައެއް ބާވަތްތަކުގެ ސްޓޮކް ވަނީ ހުސްވެފަ އެވެ. އެހެންކަމުން ގިނަ މީހުންނަށް ހޯމް ޑެލިވަރީ ނުހެދި، ބޭރަށް ނުނިކުމެވި، ގިނަ އުނދަގޫތަކެއް ކުރިމަތިވި އެވެ.
ހޯލްސޭލަރުން ބުނީ ކުރިއަށް އޮތް ތަނުގައި ފިހާރަތަކަށް ތަކެތި ޑެލިވަރީ ކުރުން އަވަސް ކުރަން، މިހާރު އޮތް ލިމިޑެޓް ކެޕޭސިޓީގައި ވެސް މަސައްކަތް ކުރާނެ ކަމަށެވެ.
ފުލުހުން މިހާރު ހަމަޖައްސާފައި ވަނީ ކޮންމެ ތިން ދުވަހަކުން ކޮންމެ ގޭބިސީއެއްގެ އެކަކަށް، އެއް ގަޑިއިރަށް ބޭރަށް ނުކުތުމުގެ ހުއްދަ ދޭށެވެ.