ކޮންސްޓްރަކްޝަން ސަރަހައްދެއްގައި ބަޔަކު މަސައްކަތް ކުރަނީ-- ފޮޓޯ:ނިޝާން އަލީ/މިހާރު
28 އެޕްރީލް 2020 - 15:52
ކޮވިޑް-19އާ ގުޅިގެން ގިނަ މަޝްރޫއުތަކެއް ހުއްޓިފައި ވާއިރު، އިމާރާތް ކުރުމުގެ ދާއިރާގެ ކުންފުނިތައް ހިންގަން މަހަކު 205 މިލިއަން ރުފިޔާ ބޭނުންވާ ކަމަށް މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން މިއަދު ބުނެފި އެވެ.
އޮންލައިންކޮށް ބޭއްވި ބައްދަލުވުމެއްގައި އެ ޖަމިއްޔާގެ ރައީސް މުހައްމަދު އަލީ ޖަނާހު (ޖަނާ) ވިދާޅުވީ، އިމާރާތް ކުރުމުގެ ދާއިރާއަށް ކުރިއަށް އޮތް ތިން މަސް ދުވަހު 617 މިލިއަން ރުފިޔާގެ ގެއްލުން ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
އޭނާ އެ އަދަދު ހާމަކުރެއްވީ މަސީން ކުރި ސާވޭއެއްގެ މައްޗަށް ބިނާކޮށެވެ.
އެ ސާވޭގެ ނަތީޖާއާ ހަވާލާ ދެއްވައި، ޖަނާހް ވިދާޅުވީ މި ހާލަތުގައި މުވައްޒަފުންގެ މުސާރަ އާއި އެކި ތަންތަނުގެ ކުލި ދެއްކުމާއި އެހެނިހެން ހަރަދުތަކަށް މަހަކު 205 މިލިއަން ރުފިޔާ ބޭނުންވާނެ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި، އިމާރާތް ކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކަށް ސަރުކާރުން ހިލޭ އެއްވެސް ފައިސާއެއް ދޫކުރާކަށް އިމާރާތް ކުރުމުގެ ދާއިރާގެ ކުންފުނިތަކުން ބޭނުމެއް ނުވެ އެވެ. މީގެ ބަދަލުގައި އެ ކުންފުނިތަކުން ބޭނުންވަނީ ޖަނާހް ވިދާޅުވި ގޮތުގައި، މިހާރު ބޭންކުތަކުން ދޫކުރާ ރިކަވަރީ ލޯނު ގޮތަށް ގްރޭސް ޕީރިއަޑަކާއެކު، ބޭންކުތައް މެދުވެރިކޮށް ލޯނުތައް ލިބުމެވެ.
"އަޅުގަނޑުމެން އެއްވެސް އިރަކު ނުބުނަން ހިލޭ އެއްވެސް ފައިސާއެއް އަޅުގަނޑުމެންނަށް ދޭށޭ. އަޅުގަނޑުމެން ބޭނުން ނުވޭ ޓެކްސް ޕޭޔަރުންގެ ފައިސާ އެގޮތަށް. އޭގެ ބަދަލުގައި ބޭންކުތައް މެދުވެރިކޮށް ގްރޭސް ޕީރިއަޑަކާއެކު ފައިނޭންސް ކުރެވޭ ގޮތް ހަދައިދޭން އަޅުގަނޑުމެން އެދެނީ،" ޖަނާހް ވިދާޅުވި އެވެ.
މަސީގެ ރައީސް މުހައްމަދު އަލީ ޖަނާހު (ޖަނާ): ކޮވިޑް-19އާ ގުޅިގެން ކޮންސްޓްރަކްޝަން ދާއިރާއަށް 617 މިލިއަން ގެއްލުން ވާނެ ކަމަށް ލަފާކުރޭ-- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/މިހާރު
ކޮންސްޓްރަކްޝަން ދާއިރާއިން ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ތެރެއިން މިހާރު ކުރިއަށް ގެންދަނީ ސަރުކާރުން ފަށާފައިވާ ޕީއެސްއައިޕީ މަޝްރޫއުތައް އެކަންޏެވެ. އެ މަޝްރޫއުތަކުގެ އގަކީ 2.795 ބިލިއަން ރުފިޔާ އެވެ. ނަމަވެސް ކޮވިޑް-19އާ ގުޅިގެން، ސަރުކާރުގެ ޚަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ތެރެއިން 7.2 ބިލިއަން ރުފިޔާގެ އާ ޕީއެސްއައިޕީ ޕްރޮޖެކްޓު ފެށުން ސަރުކާރުން ވަނީ މަޑު ޖައްސާލައިފަ އެވެ.
ޖަނާހް ވިދާޅުވީ އާ މަޝްރޫއުތައް ނުފަށަން މަސީން ކުރިން ވެސް ސަރުކާރަށް ލަފާ ދިން ކަމަށާއި އެއީ މި ދަނޑިވަޅު ވަރަށް މުހިންމު ކަމެއް ކަމަށެވެ. ނަމަވެސް މިހާރު ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ފައިސާ ލަސްނުކޮށް، އެ މަޝްރޫއެއް ހިންގާ ބަޔަކަށް ދިނުމަކީ މިވަގުތު ވަރަށް މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އޭރުން މުވައްޒަފުންނަށް މުސާރަ ދީ، ކުލި ދެއްކުމުގައި އެ ކުންފުނިތަކަށް ފަސޭހަވާނެ،" ޖަނާހް ވިދާޅުވި އެވެ.
މަސީގައި 384 ކުންފުނި ރަޖިސްޓަރީ ކޮށްފައިވާއިރު، މުވައްޒަފުންގެ ރައްކާތެރިކަމަށްޓަކައި ކުންފުނިތަކުގެ ރައްކާތެރިކަން ވެސް މުހިންމު ވާނެ ކަމަށް މަސީން ވަނީ ބުނެފަ އެވެ. މަސީން ބުނާގޮތުގައި އިމާރާތް ކުރުމުގެ ދާއިރާގައި 5،000-7،000 އާ ދެމެދުގެ އަދަދަކަށް ދިވެހި މުވައްޒަފުން މަސައްކަތް ކުރެ އެވެ.
މަސީން ވަނީ ކޮންސްޓްރަކްޝަން ދާއިރާ އަށް މިހާރު ހުރި ގޮންޖެހުންތަކާއި އެ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވޭނެ ކަންތައްތަކާ ގުޅެގޮތުން ރިޕޯޓެއް ތައްޔާރު ކޮށްފަ އެވެ. މި ރިޕޯޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިކޮނޮމިކް މިނިސްޓްރީއާ ހިއްސާ ކުރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގެއްލުން
28 April 2020
ޙަޤީޤަތަކީ އިމާރާތްކުރުުމުގެ ދާއިރާ އަޑިއަޅާލައިފި 2018 ގަ ވެރިކަން ބަދަލުވީން ސުރެން. ޕްރޮޖެކްޓުތައް މަދުވެފަ ލޯނުތައް މަދުވެފަ ހުންނަތާ ދޮޅު އަހަރުވީ! އެމް.އެމް.އޭ ހިސާބުތަކަށް ބަލާލިޔަސް އެނގޭނެ. ކުދި ކޮންސްޓްރަކްޝަން ކުންފުނިތައް ފައިދާނުވެ މާކުރިން ހުއްޓާވެސްލައިފި ކޯވިޑްގެ ކުރިންވެސް
ނިރު
28 April 2020
ތިދާއިރާގަ ޤަވާއިދާ ހިލާފަށް ގެންގުޅުނު ބޭރުމީހުންގެ ފަރާތުން ޤަުއުމަށް ލިބުނު ގެއްލުން ވަކި ކުޑައެއްނޫން... މިހާރު އެއުޅެނީ ސަރުކާރުން އެމީހުނާ ހެދި ހަދާނެ ގޮތެއް ނެތިގެން
ގަޓް ބްރޯ
28 April 2020
ކޮންސްޓްރަކްޝަން ދާއިރާ އަކީ ރާއްޖޭގަ ގަވައިދާ ޚިލާފަށްއުޅޭ ބިދޭސީންގެ ބޭނުން ނަހަމަގޮތުގަ ހިފަމުންދާ އެއް ދާއިރާ. އަދި ސަރުކާރުތަކުގެ ކޮރަޕްޓް ވެރިންނާ ގުޅިގެން ހެސްކިޔާފަ ރާއްޖެއަށް ބިދޭސީން އެތެރެކުރާ ދާއިރާ. ތިޔަ ދާއިރާ އިސްލާހުނުކޮށް މި ގައުމު ސަލާމަތްވާކަށްނެތް.
މުދިމު ކަތީބު
28 April 2020
އިމާރާތް ކުރުމުގެ ދާއިރާގެ ހިންގަން މަހަކު 205 މިލިއަން ރުފިޔާ ބޭނުމޭ މިދަނޑިވަޅުގައި ގޮވާއިރު ހާސްހާހުން ބިދޭސީންތައް އެތެރެ ކުރިމީހާ ގައުމަށް ޖައްސާފައި މިވާ ނިކަމެތި ކަމާ ދޭތެރޭ ވިސްނާކަށް އޭނާ ބޭނުމެއް ނުވާނެ އިތުރު ކޯޓާ ހޯދައިގެން އަދިވެސް ބިދޭސީން ކޮޅެއް ޓްރެފިކް ކޮށް ފައިސާ ކޮޅެއް ޖިބާ ލެވޭތޯ އަދިވެސް މި ބަލަނީ
އިސްމާލުކަލޭފާނު
28 April 2020
މިހާދުވަހު މިމީހުންނަށްވީ ފައިދާ ކޮބާ؟
ހަހަހަހަ
28 April 2020
މިވީހާ އަހަރުތަކު ތިބޭފުޅާ ވަޒީފާ އަދާކޮށްގެން ލިބުނު މުސާރަ ކޮބާ؟ ހަހަހަހަ. ވިޔަފާރިއެއްގައި ލިބޭހާ ފައިސާއަކީ ބޮޑު ފޮށްޓަށްލާ ތަޅުއަޅުވާފަ ހުންނަ އެއްޗެއް ނޫން