"ޓްވައިލައިޓް" ގެ އާ ވާހަކަ އޮގަސްޓް 4 ގައި

ބޮޑު މަޝްހޫރުކަމެއް ހޯދި ވާހަކަ "ޓްވައިލައިޓް" އަށް ބިނާކޮށް ފިލްމުތަކެއް ވެސް ހަދައިގެން ބެލުންތެރިންގެ ބޮޑު ތަރުހީބެއް ހޯދާފައި ވަނިކޮށް، މި ސިލްސިލާގެ އިތުރު ވާހަކައެއް ގެނެސްދޭން އެމެރިކާގެ ލިޔުންތެރިޔާ ސްޓެފެނީ މޭޔާ ތައްޔާރުވެއްޖެ އެވެ.


އަންނަ އޮގަސްޓް މަހުގެ 4 ގައި ނެރެން ހަމަޖެހިފައިވާ ވާހަކައިގެ ނަމަކީ "މިޑްނައިޓް ސަން" އެވެ. މި ވާހަކައާ ބެހޭ ގޮތުން ސްޓެފެނީ، 46، ބުނީ މިއީ ކިޔުންތެރިން ޝައުގުވެރިވާނެ ހުރިހާ ކަމެއް ހިމަނައިގެން ގެނެސްދޭ ވާހަކައަކަށް ވާނެ ކަމަށެވެ. އެގޮތުން ކުރީގެ ވާހަކަތަކާ ހިލާފަށް މި ފަހަރު ވާހަކަ ކިޔައިދޭނީ އެޑްވަޑް ކޮލެންގެ ފަރާތުންނެވެ. އަދި އާއި ލޯބިވެރިޔާ ބެލާ ސްވޯންގެ އަނދިރި ލޯބީގެ ހަޔާތުގެ ދުނިޔޭގެ ތެރެއަށް ވެސް ކިޔުންތެރިން ގެންގޮސްދޭނެ ކަމަށް ބުންޏެވެ.

ސްޓެފެނީ ބުނީ "މިޑްނައިޓްސް ސަން" ކިޔުންތެރިންނަށް އޮގަސްޓް މަހުގެ ތެރޭގައި ގެނެސްދޭން އިއުލާންކުރުމުގެ ކުރިން ވާހަކަ ނެރުން ފަސްކުރަން ވިސްނި ކަމަށެވެ. އެއީ ކޮރޯނާވައިރަހުގެ ތެރޭގައި ވާހަކަ ނެރުން އެންމެ ރަނގަޅު ކަމަކަށް ނުވާނެ ކަމަށް ބަލައިފައި ކަމަށް ބުންޏެވެ.

"އެކަމަކު ފަހުން ހިތަށް އެރީ އޮގަސްޓް ނެރޭނީއޭ. އާންމު ހާލަތަކަށް ދެވޭނެ އިރެއް ވެސް ނޭނގޭ. އަނެއްކާ މާ ބޮޑަށް ލަސްކުރުމަކީ ވާހަކަ އަށް އިންތިޒާކުރާ މީހުންނަށް ވެސް އިންސާފަކަށް ނުވާނެ،" ސްޓެފެނީ ބުންޏެވެ.

"މިޑްނައިޓް ސަން" ވެސް ނެރެނީ ލިޓްލް ބްރައުން އެންޑް ކޮމްޕެނީގެ ސްޓޭމްޕްގަ އެވެ. އަދި އާ ވާހަކަ ޒުވާން ކިޔުންތެރިންނަށް ވަރަށް ކަމުދާނެ އެތަނުން ވެސް ބުންޏެވެ.

ސުޕަނުޗެރަލް ކަންތައްގަނޑެއް ދައްކުވައިދޭ "ޓްވައިޓް" ސީރީޒްގެ ހަތަރު ވާހަކައެއް ކުރިން ނެރެފައިވެ އެވެ. އެއީ 2005 ގެ "ޓްވައިލައިޓް" އާއި 2006 ގެ "ފުލްމޫން" އާއި 2007 ގެ "އެކްލިޕްސް" ގެ އިތުރުން 2008 ގެ "ބްރޭކިން ޑޯން" އެވެ.

މި ވާހަކަތަކަށް ބިނާކޮށް ފަސް ފިލްމު ގެނެސްދިނެވެ. އެއީ 2008 ގެ "ޓްވައިލައިޓް" އާއި 2009 ގެ "ދަ ޓްވައިލައިޓް ސާގާ: ނިއު މޫން" އާއި 2010 ގެ "އެކްލިޕްސް" އާއި 2011 ގެ "ބްރޭކިން ޑޯން: ޕާޓް 1" އާއި 2012 "ޕާޓް 2" އެވެ.

މި ފިލްމުތަކަށް ބޮކްސް އޮފީހުގައި ޖުމްލަ 3.346 ބިލިއަން ޑޮލަރު ލިބުނު އިރު، އޭގެ ލީޑް ތަރިންނަކީ ރޮބަޓް ޕެޓިންސަނާއި ކްރިސްޓެން ސްޓްވާޓެވެ.