އުރީދޫން ބޭއްވި ޕްރެސް ކޮންފަރެންސެއްގެ ތެރެއިން. .-- ފޮޓޯ: އުރީދޫ
16 މެއި 2020 - 12:25
އެމް-ފައިސާ މެދުވެރިކޮށް ޒަކާތް ދެއްކުމުގެ އިންތިޒާމް އުރީދޫ މޯލްޑިވްސް އިން މި އަހަރު ވެސް ފަހިކޮށްދީފި އެވެ.
އުރީދޫން ބުނީ މި އަހަރުގެ ރަމަޟާން މަހަކީ އެހެން އަހަރުތަކާ ހިލާފަށް ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ލޮކްޑައުން އިއުލާނުކޮށްފައިވާ ދުވަސްވަރު ކަމަށްވާ އިރު ރައްކާތެރިކަމާ އެކު ގޭގައި ތިބެގެން ޑިޖިޓަލް ހިދުމަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުން މުހިއްމު ކަމަށެވެ. އެގޮތުން އުރީދޫން ވަނީ ގިނަ ޑިޖިޓަލް ހިދުމަތްތަކެއް ތައާރަފްކޮށްފަ އެވެ.
އެމް-ފައިސާ މެދުވެރިކޮށް ޒަކާތް ދެއްކުމަށްޓަކައި އެ އެޕްލިކޭޝަނަށް ލޮގިން ވުމަށް ފަހު ސާވިސަސް ބަޔަށް ދިއުމުން "ފިތުރު ޒަކާތް" އަށް ހާއްސަ ބައެއް ފެންނާނެ އެވެ. މި ގޮތަށް ޒަކާތް އިހްތިޔާރު ކުރުމަށްފަހު ޒަކާތް ދައްކަން ބޭނުންވާ ބާވަތް ވަކިން ނެގޭނެ އެވެ. އެއަށްފަހު ފައިސާ ދައްކާ މީހާގެ މައުލޫމާތު ފުރިހަމަ ކުރުމަށްފަހު ޕޭމެންޓް ކޮންޕާމް ކޮށްލުމުން އެމް-ފައިސާ މެދުވެރިކޮށް ޒަކާތް ދެއްކުނީ އެވެ.
އެމް-ފައިސާ މެދުވެރިކޮށް މި މަހުގެ 21 ވަނަ ދުވަހުގެ ހަވީރު 6:00 އާ ހަމައަށް ޒަކާތް ދެއްކޭނެ ކަމަށް އުރީދޫން ބުނެ އެވެ.
ޒަކާތުގެ އިތުރުން، ކެންސާ ސޮސައިޓީ، މޯލްޑިވްސް ޑެފް އެސޯސިއޭޝަން، ކުޑަކުދިންގެ ހިޔާ އަދި ފިޔަވަތި އަށް އެމް-ފައިސާ މެދުވެރިކޮށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދެވޭނެ އެވެ.
އެމް-ފައިސާގެ އެހެން ޚިދުމަތްތަކުގެ ތެރޭގައި ކައްކާ ގޭހަށް އޯޑަރުކޮށް ފައިސާ ދެއްކުމާއި އުރީދޫ ބިލްތަކުގެ އިތުރުން ކަރަންޓާއި ފެން ބިލަށް ފައިސާ ދެއްކުމާއި ރެސްޓޯރަންޓްތަކާއި ފިހާރަތަކަށް ފައިސާ ދެއްކުން ހިމެނެ އެވެ. އަދި އާއިލާ އާއި ރައްޓެހިންނަށް ފައިސާ ފޮނުވުމުގެ އިންތިޒާމުތައް ވެސް ވަނީ ހަމަޖެހިފަ އެވެ. އެމް-ފައިސާގެ މި ހިދުމަތްތަކާއި އޮފާތައް ހުރިހާ ނެޓްވޯކެއްގެ ކަސްޓަމަރުންނަށް ވެސް ބޭނުން ކުރެވޭނެ އެވެ.
އުރީދޫގެ އެމް-ފައިސާގައި ރަޖިސްޓާ ވުމަށްޓަކައި ރެޖިސްޓްރޭޝަނަށް ފިތާލުމަށް ފަހު އެ މީހެއްގެ މައުލޫމާތު ފުރިހަމަ ކުރަން ޖެހޭނެ އެވެ. އެކައުންޓް އެކްޓިވޭޓް ކުރުމަށްޓަކައި އޯޓީޕީ ނަންބަރު ޖެހުމަށް ފަހު އެ މީހެއްގެ މޯބައިލް ނަންބަރު ޖަހާފައި ހަތަރު އަކުރުގެ ޕިން ނަންބަރެއް ޖަހަން ޖެހޭނެ އެވެ. އެއަށްފަހު ދެވަނަ ފަހަރަށް މޯބައިލް ނަންބަރު ޖެހުމަށް ފަހު ކުރިން ޖެހި ޕިން ޖަހާފައި ފޯނަށް ލިބޭ އޯޓީޕީ ޖެހުމުން ރަޖިސްޓްރޭޝަން ފުރިހަމަ ވާނެ އެވެ.
އުރީދޫގެ އެމް-ފައިސާ އަށް ބީއެމްއެލް އާއި އެސްބީއައިގެ އިތުރުން އެމްއައިބީ އިންޓަނެޓް ބޭންކިން މެދުވެރިކޮށް ވެސް ފައިސާ ޖަމާކުރެވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy