ސްރީ ލަންކަން އެއާލައިނުގެ ޝެޑިއުލް ދަތުރުތައް ޖޫން 1 ގައި ފެށޭތޯ ބަލަނީ

ކޮލަމްބޯ (މެއި 19) - ސްރީ ލަންކަން އެއާލައިންސްގެ ޝެޑިއުލް ދަތުރުތައް ޖޫން 1 ގައި ފެށޭތޯ ބަލަމުން އަންނަ ކަމަށް އެއާލައިނުގެ ޗެއާމަން އަޝޮކް ޕަތިރާޖް ވިދާޅުވެއްޖެ އެވެ.


"ޖޫން 1 ގައި ޝެޑިއުލް ދަތުރުތައް ފެށޭތޯ އެއާޕޯޓާއި އޭވިއޭޝަން ސާވިސްއާ ގުޅިގެން މި އަންނަނީ މަސައްކަތް ކުރަމުން،" ސްރީ ލަންކާގެ ނޭޝަނަލް ޗެމްބަ އޮފް ކޮމާސް އިން އިންތިޒާމް ކުރި އޮންލައިން ފޯރަމެއްގައި ޕަތިރާޖް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދަތުރުތައް ފެށުމަށް ގައުމީ އެއާލައިން އޮތީ ތައްޔާރަށް ކަމަށާއި އެކަމަކު ޝެޑިއުލް ދަތުރުތައް ފަށާނެ ދުވަހެއް ނިންމާނީ ސަރުކާރާއި ސިއްހީ އޮތޯރިޓީތަކުން ކަމަށެވެ.

ސްރީ ލަންކަން އެއާލައިންސްގެ ދަތުރުތައް ހުއްޓާލީ، ކޮރޯނާވައިރަހާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ދުނިޔޭގެ ގައުމުތަކުގެ އެއާޕޯޓްތައް ބަންދު ކުރަން ފެށުމުންނެވެ. ޕަތިރާޖް ވިދާޅުވީ އެއާޕޯޓް އެއްކޮށް ހުޅުވާލުމުގެ ބަދަލުގައި ހުޅުވަމުން ގެންދާނީ އެކި ބައިތައް ވަކިން ކަމަށެވެ. އިންޑިއާ އިން ވަނީ ޑޮމެސްޓިކް ދަތުރުތަކަށް ހުއްދަ ދީފަ އެވެ.

ސްރީ ލަންކާގެ ލޮކްޑައުން ވެސް މިހާރު ވަނީ އުވާލައިފަ އެވެ.