މިއަދު ބޭއްވި ނުސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމްރު މައުލޫމާތު ދެއްވަނީ--
23 މެއި 2020 - 17:27
ކުރިއަށް އޮތް ހަ މަސްދުވަހުގެ ބިމު ކުލި ދެއްކުން ފަސްކުރުމުން ސަރުކާރަށް ލިބެން ޖެހޭ 900 މިލިއަން ރުފިޔާ މިއަހަރު މަދުވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
ނޭޝަނަލް އިމާޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީރު ވިދާޅުވީ މިއަހަރު ބިމު ކުލީގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ދައުލަތަށް ލިބޭނެ ކަމަށް ލަފާ ކުރި ކަމަށެވެ. ނަމަވެސް ސަރުކާރުން ރިސޯޓުތަކަށާއި ދަނޑުވެރިކަން ކުރާ ރަށްތަކަށް ދިން މި ލުޔާއެކު މިއަހަރު ލިބޭނީ 800 މިލިއަން ރުފިޔާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަމްރު ވިދާޅުވީ ފަސްކުރާ ކުލި އަންނަ އަހަރުގެ ތެރޭގައި ދައުލަތުން ނަގާނެ ކަމަށެވެ. އެގޮތުން، މި ކުލި ވަކި މުއްދަތަކަށް ބަހާލައިގެން ދެއްކޭ ގޮތް ހަދައިދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ފަހު ހަ މަސްދުވަހުގެ ރެންޓަކީ ގެއްލޭ އެއްޗެއް ނޫން. އަންނަ އަހަރު ބަހާލައިގެން ދައްކާ ގޮތަށް އަޅުގަނޑުމެން ޑިފާ ކޮށްފައި ވާނީ." މިނިސްޓަރު ވިދާޅުވި އެވެ.
ރިސޯޓުތަކާއި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގެ އިތުރުން ފިނޭންސް މިނިސްޓްރީން ދޫކޮށްފައިވާ ބިންތަކުގެ ކުލި ވެސް ސަރުކާރުން ވަނީ އަންނަ އަހަރު ދައްކާ ގޮތަށް ފަސް ކޮށްދީފަ އެވެ. މިއީ ކޮވިޑް-19ގެ ސަބަބުން ދިމާވާ ދަތިތަކަށް ލުއި ގޮތެއް ހޯދައިދިނުމަށް ސަރުކާރުން ދީފައިވާ ލުޔެކެވެ.
"އިގްތިސާދު ކުރިއަށް އޮތްތާނގައި ހުޅުވާލައިގެން މަސައްކަތްތައް ފަށައިގަންނަ އިރުވެސް އަޅުގަނޑުމެން އެބަޖެހޭ ވިޔަފާރިތަކަށް ވެސް ލުއިތަކެއް ދީގެން އެކަންތައްތައް ކުރުވަން. އެހެންކަމުން މިހާތަނަށް އަޅުގަނޑުމެން ނަގާފައި ހުރިހާ މެޝާސްތަކަކީ ވެސް އެންމެ އެކަށީގެންވާ މިވަގުތަށް ކުރަން ޖެހޭ ކަންތައްތައް ގޮތުގައި ދެކިގެން އެޅި ފިޔަވަޅުތަކެއް." އަމްރު ވިދާޅުވި އެވެ.
ފިނޭންސް މިިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުގައި މިދިޔަ އޭޕްރިލް މަހުގެ ނިޔަލަށް ރިސޯޓުތަކާއި ބިންތަކުން ސަރުކާރަށް ވަނީ 531.2 މިލިއަން ރުފިޔާ ލިބިފަ އެވެ. އަދި މި މަހާއި އަންނަ މަހުގެ ކުލި ވެސް ދައުލަތަށް ލިބޭނެ ކަމަށް އަމްރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy