މާފުށީގެ ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފި

ކ. މާފުށީގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ނިންމާލައިފި އެވެ.


މި ޕްރޮޖެކްޓުގެ ދަށުން 25 ހެކްޓަރުގެ ބިން ހިއްކާފައިވާއިރު އެ ބިމަކީ މާފުއްޓާ ކައިރީގައި ވަކި ރަށެއްގެ ގޮތުގައި ހިއްކާފައިވާ ބިމެކެވެ. އަލަށް ހިއްކި ބަޔާއި މާފުއްޓާ ކޯޒްވޭއަކުން ގުޅުވާލެވޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

މި ބިމަކީ މާފުއްޓަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލު ކުރުމަށް ހިއްކާފައިވާ ބިމެކެވެ. މާފުއްޓަކީ ލޯކަލް ޓޫރިޒަމް އެންމެ ފުޅާ ދާއިރާއެއްގައި ކުރިއަރަމުން އަންނަ ރަށަށް ވާއިރު އަލަށް ހިއްކި ބައިން ވިޔަފާރިތަކަށް ބިން ދޫކުރުމަށް ވަނީ ނިންމައިފަ އެެވެ.

މާފުށިީގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދަނީ-- ފޮޓޯ:އެމްޓީސީސީ

އެ ރަށުގެ ބިން ހިއްކުމުގެ މަސައްކަތް ނިންމާފައި ވަނީ މި މަހުގެ 14 ވަނަ ދުވަހު އެވެ. އެ ބައިގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް އަންނަ ބުރާސްފަތި ދުވަހު ފަށާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މާފުށީގެ ބިން ހިއްކުމުގެ ޕްރޮޖެކްޓު އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓް، 27ގަ އެވެ. މި ޕްރޮޖެކްޓަށް 99.98 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެމްޓީސީސީން ލަފާ ކުރެ އެވެ.