ސްޓެލްކޯގެ އެޕުން ބިލް ދައްކައިގެން 1000ރ. ލިބުމުގެ ފުރުސަތު

ސްޓެލްކޯގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ބިލް ދައްކާ ކަސްޓަމަރުންނަށް 1000ރ. ހޯދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.


އަންނަ ޖުލައި މަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި 10 ނަސީބުވެރިން ހޮވަން ސްޓެލްކޯ އިން ވަނީ ނިންމައިފަ އެވެ. މި މުއްދަތުގައި މިހާތަނަށް ނުދައްކާ ހުރި މަސްތަކުގެ ބިލް ދައްކާ ކަސްޓަމަރުންނަށް ވެސް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ އެވެ.

މި ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވުމަށް ގުރުއަތު ނެގުން އޮގަސްޓު މަހުގެ ކުރީކޮޅު އޮންނާނެ ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.

ސްޓެލްކޯގެ އެޕް--

ސްޓެލްކޯގެ މޯބައިލް އެޕްލިކޭޝަނަކީ ފަސޭހަކަމާ އެކު ގޭގައި ތިބެގެން ބިލް ދެއްކުމަށް ތައާރަފު ކުރި އެޕްލިކޭޝަނެކެވެ. މި އެޕް މެދުވެރިކޮށް ބިލް ދެއްކުމުގެ އިތުރުން ބިލަށް އަރާ ވަރު ބަލާލެވޭނެ އެވެ. އަދި ފާއިތުވި ހަ މަސްދުވަހު ކަރަންޓު ބޭނުން ކުރެވިފައި ހުރި ގޮތް ބަލާލުމުގެ އިތުރުން އެއް މީޓަރަށް ވުރެ ގިނަ މީޓަރުގެ މައުލޫމާތު އެޕުން ބަލާލެވޭނެ އެވެ.

ސްޓެލްކޯ އެޕް ޕްލޭ ސްޓޯރުންނާއި އެޕް ސްޓޯރުން ޑައުންލޯޑު ކުރެވޭނެ އެވެ.