ވިޔަފާރި / ކެފޭ/ރެސްޓޯރެންޓް

ރެސްޓޯރެންޓު އެސޯސިއޭޝަންގެ މަސައްކަތް އަލުން ފަށައިފި

ރެމްގެ މެމްބަރު ހުސެއިން އިސްމާއީލް (ކ) އާއި ފައުންޑާ މެމްބަރު ނުޒައިރު އަލީ (މ) އަދި އެ އެސޯސިއޭޝަންގެ ވަގުތީ ޖެނެރަލް ސެކެޓްރީ މަރިޔަމް ސުހާނާ (ވ)-- ފޮޓޯ: މިހާރު

ރެސްޓޯރެންޓް އެސޯއިއޭޝަން އޮފް މޯލްޑިވްސް (ރެމް)ގެ މަސައްކަތް މަޑުޖެހިފައި އޮތުމަށްފަހު އަލުން ފަށައި ޖަމިއްޔާގެ އެކި މަގާމުތަކަށް މީހުން އައްޔަންކުރަން ނިންމައިފި އެވެ.

ރެމް އަކީ ރާއްޖޭގައި ކާބޯތަކެތި އުފައްދައި އެ ދާއިރާގެ ހިދުމަތްދެމުން އަންނަ ތަންތަން ކުރިއަރުވައި އެތަންތަނުގައި ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމުގެ ގޮތުން 2009 ވަނަ އަހަރު އުފެއްދި ޖަމިއްޔާއެކެވެ. މި ޖަމިއްޔާގެ މަސައްކަތް ފެށިގެން ދެތިން އަހަރު ދުވަހު ރަނގަޅަށް ހިންގި ނަމަވެސް އެކި ސަބަބުތަކާ ހެދި ޖަމިއްޔާގެ މަސައްކަތް އޮތީ މަޑުޖެހިފަ އެވެ.

އެ ޖަމިއްޔާގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އެސޯސިއޭޝަންގެ ފައުންޑަރެއް ކަމަށްވާ ނުޒައިރު އަލީ ވިދާޅުވީ ރެމްގެ މަސައްކަތް އަލުން ފަށަން ނިންމީ ކޮވިޑް-19 ގެ ސަބަބުން ރެސްޓޯރެންޓުތަކަށް ދިމާވެފައިވާ ގޮންޖެހުންތަކުގެ ސަބަބުން ކަމަށެވެ. އަދި އަލުން ފަށާއިރު ޖަމިއްޔާގެ މަސައްކަތްތަކުގައި ވީހާވެސް ގިނަ ޒުވާނުން ހިމަނައިގެން ކުރިއަށް ގެންދަން ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރެމް އިން އަންނަނީ އެ އެސޯސިއޭޝަންގެ އަހަރީ އާއްމު ޖަލްސާއެއް ބާއްވައި މަގާމަށް މީހުން އައްޔަން ކުރުމަށް ވެސް ތައްޔާރުވަމުންނެވެ. އަންނަ މަހުގެ ހަ ވަނަ ދުވަހު ބާއްވަން ތާވަލު ކޮށްފައިވާ މި ޖަލްސާގައި އެކި މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ މިހާރު ހުޅުވާލައިފަ އެވެ. މި މަގާމުތަކަށް ގިނަ އަދަދެއްގެ ޒުވާނުން ކުރިމަތިލަމުން އަންނަ ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ.

ރެމްގެ މެމްބަރެއް ކަމަށްވާ ހުސެއިން އިސްމާއީލް ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން ކާބޯތަކެތި އުފައްދާ ވިއްކާ ގިނަ ބަޔަކަށް އުނދަގޫތަކާ ކުރިމަތިވެފައިވާ ކަމަށެވެ. އެހެންކަމުން ދާއިރާގެ ހުރިހާ އެންމެން ގުޅިގެން މަސައްކަތް ކުރުމަށް މުޅި ދާއިރާ ތަމްސީލު ކުރާނެ ޖަމިއްޔާއެއް އޮތުން މުހިންމު ކަމެއްގެ ގޮތުގައި ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި އިންޑަސްޓްރީ ކުރިއެރުވުމަށް މި އެސޯސިއޭޝަނަށް ކުރެވޭނެ ބައިވަރު ކަންތައްތައް އެބަހުރި. ،މީގެ ތެރޭގައި މި އިންޑަސްޓްރީގައި ދިވެހިންނަށް ހުރި ފުރުސަތުތައް ކިޔައިދީ ދިވެހިން މި ދާއިރާއިން ތަމްރީނު ކުރެވިދާނެ. އަދި ސަރުކާރުގެ ފަރާތުން އިންޑަސްޓްރީއަށް އެހީވުމަށް ބާރު އެޅުމަކީ ވެސް ކުރެވޭނެ ކަންތައްތައް،" ހުސައިން އިސްމާއިލް ވިދާޅުވި އެވެ.

ނުޒައިރު ވިދާޅުވީ އެ ޖަމިއްޔާއިން ކުރިއަށް އޮތްތާނގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ދިވެހި ޒުވާނުން ދާއިރާއަށް ނެރުމަށް ކަމަށެވެ. އެގޮތުން، ދިވެހިން އެ ދާއިރާގެ އެކި މަސައްކަތްތަކާ ގޮތުން ދެކޭ ގޮތް ބަދަލުކޮށް ހޭލުންތެރިކުރުވުމަށް ވެސް މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދިވެހިން ވަރަށް މަދު މިދާއިރާގައި. އަޅުގަނޑުމެން އެބަޖެހޭ ދިވެހިން މިކަމަށް ހޭލުންތެރިކުރުވަން. ދެވަނަ ކަމަކަށް އެބަޖެހޭ ދިވެހިންނަށް ތަމްރީން ދޭން. އެހެންވީމާ މި ޖަމިއްޔާއިން އެންމެ އިސްކަމެއް ދޭނީ ދާއިރާއަށް ދިވެހިން ނެރެފައި ދާއިރާގައި ދިވެހިން ހަރުލެއްވޭނެ ގޮތެއް ހެދުން." ނުޒައިރު ވިދާޅުވި އެވެ.

ރަޖިސްޓްރީކޮށްގެން ކާބޯތަކެތި އުފައްދައި ވިއްކާ ކޮންމެ މީހަކަށް ވެސް ރެސްޓޯރެންޓު އެސޯސިއޭޝަންގެ މެމްބަރަކަށް ވެވޭނެ އެވެ. މީގެ ތެޜޭގައި ހޮޓަލާއި ކެފޭތަކާއި ރެްޓޯރެންޓުތަކާއި ޓެކްއަވޭތަކާއި ޞޭކަރީތަކުގެ އިތުރުން ރަޖިސްޓްރީކޮށްގެން ގޭގައި ކާބޯތަކެތި ހަދައި ވިއްކާ މީހުން ވެސް ހިމެނޭނެ އެވެ.

1 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޑރފަލަޑޭ

28 July 2020

ކޮންމެ ކަމަކަށްވެސް އެސޯސިއޭޝަނެއް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454