ދުނިޔޭގެ އެންމެ ބޮޑު ސްޓާޓްއަޕް މުބާރާތް ރާއްޖެ އަށް

ދުނިޔޭގެ އެންމެ ބޮޑު ސްޓާޓްއަޕް މުބާރާތް، ސީޑްސްޓާސް ވޯލްޑް (އެސްއެސްޑަބްލިޔު) މުބާރާތް ފުރަތަމަ ފަހަރަށް ރާއްޖޭގައި ބާއްވަން ނިންމައިފި އެވެ.


ދިރާގާއި ސްޕާކްހަބް ގުޅިގެން ބާއްވާ މި މުބާރާތަކީ އަކީ ސްވިޒަލޭންޑްގެ ޕްރައިވެޓް ކުންފުންޏެއް ކަމަށްވާ ސީޑްސްޓާސް އިން އިންތިޒާމު ކުރާ ހަރަކާތެކެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ޓެކް ސްޓާޓްއަޕް ކުންފުނިތަކަށް ވަނީ ހުޅުވާލައިފަ އެވެ.

މި މުބާރާތުން އެއްވަނައަށްދާ ކުންފުންޏަކަށް "ގްލޯބަލް މެންޓަރިން"ގެ ފުރުސަތު ލިބޭނެ އެވެ. އަދި ސީޑްސްޓާއިން 50،000 ޑޮލަރު އިންވެސްޓު ކުރުމަށް ނަގާ 10 ކުންފުނީގެ ތެރޭގައި ހިމެނުމުގެ ފުރުސަތު ވެސް އެ ކުންފުންޏަކަށް ލިބޭނެ އެވެ.

މީގެ އިތުރުން 500،000 ޑޮލަރުގެ "ގްލޯބަލް ވިނާ އިންވެސްޓްމަންޓް" އިނާމަށް ވާދަ ކުރުމުގެ ފުރުސަތު ވެސް މި މުބާރާތުން އެއްވަނަ އަށް ދާ ކުންފުންޏަކަށް ލިބޭނެ އެވެ.

މި މުބާރާތަކީ ޓެކްނޮލަޖީ ސްޓާޓްއަޕްތަކަށާއި ޓެކް އެނޭބްލްޑް ވިޔަފާރިތަކަށް އޮތް ފަހި ފުރުސަތެކެވެ. މި މުބާރާތުގައި ވާދަކުރާ ވިޔަފާރިއަކީ "މިނިމަމް ވަޔަބްލް ޕްރޮޑަކްޓެއް" (އެމްވީޕީ) އޮތް އެ ބޭނުންކުރާ ކަސްޓަމަރުން ތިބި އަދި މިހާރުވެސް އޮޕަރޭޝަން ކުރިއަށްގެންދާ ކުންފުންޏަކަށް ވާންޖެހޭނެ ކަމަށް ދިރާގުން ބުންޏެވެ. ކުރިން އެއް މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓެއް ކޮށްފައިވާ އެއްވެސް ވިޔަފާރިއަކަށް މި މުބާރާތުގައި ބައިވެރިއެއް ނުވެވޭނެ އެވެ.

ސީޑްސްޓާސްގެ ކޯ ފައުންޑާ ޕިޔާ އަަލަން މޭސަން ވިދާޅުވީ މި މުބާރާތުގެ ޒަރީއާއިން ކޮންމެ އަހަރަކު ވެސް ކުރިއަރަމުން އަންނަ މާކެޓުގައި އެންމެ ރަނގަޅު ސްޓާތްއަޕްތައް ހޮވައި އާއްމުންނާއި ގުޅުވައިދޭ ކަމަށެވެ. އަދި މިހާރުވެސް 94 ސިޓީއެއްގައި މި ޕްރޮގްރާމް ކުރިއަށްގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސީޑްސްޓާއިން ބުނެފައިވާ ގޮތުގައި މި މުބާރާތުގައި 1800އަށްވުރެ ގިނަ ސްޓާޓްއަޕްތަކަށް ތަމްރީން ދޭނެ އެވެ. މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ކުންފުނިތަކަށް https://www.seedstarsworld.com/event/seedstars-city-2020/ މެދުވެރިކޮށް މި މަހުގެ 15ގެ ނިޔަލަށް ރަޖިސްޓްރީ ކުރެވޭނެ އެވެ.