ބަރެސްދޫގެ މައްސަލައިގައި ކޯޓަށް ފައިސާ ދައްކައި މިއަދު ނިމޭނެ: އެމްއައިޓީޑީސީ

ބަރެސްދޫ ޕްރޮޖެކްޓު ހިންގުމަށް އެމްއައިޓީޑީސީ އަށް އެކި ފަރާތްތަކުގެ އަތުން ނަގާފައިވާ ފައިސާގެ ތެރެއިން ކޯޓު އަމުރާ އެކު، އަނބުރާ ދޭންޖެހޭ ހުރިހާ ފައިސާއެއް މިއަދު ދައްކައި ނިމެނޭ ކަމަށް އެ ކުންފުނިން ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީގައި އިއްޔެ ބުނެފި އެވެ.


އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރާއިދު، އެސްއޯއީ ކޮމިޓީގައި ވިދާޅުވީ، ކޯޓަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން ބާކީ ނުދެއްކި ހުރި 21،166 ޑޮލަރަށް ވާ ދިވެހި ރުފިޔާ (326،379ރ) މިހާރު ފިނޭންސް މިނިސްޓްރީން ހަމަޖެހިފައިވާ ކަމަށެވެ. ނަމަވެސް ކޯޓަށް ފައިސާ ދައްކަން ޖެހެނީ ޑޮލަރުން ކަމަށް ވާތީ، މޯލްޑިވްސް ޓޫރިޒަމް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) މެދުވެރިކޮށް ޑޮލަރު ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއިދު ވިދާޅުވި ގޮތުގައި، އެމްޓީޑީސީ މެދުވެރިކޮށް ޑޮލަރު ހޯދަނީ މި ދުވަސްވަރު ޑޮލަރު ލިބުމުގައި ދަތިތަކެއް އުޅޭތީ އެވެ.

"އަޅުގަނޑުމެން ޑޮލަރު ހޯދުމަށް މިހާތަނަށް ވެސް ގެންގޮސްފައި ވަނީ އެމްޓީޑީސީ މެދުވެރިކޮށް. މި ފަހަރު ވެސް އެމްޓީޑީސީ މެދުވެރިކޮށް ޑޮލަރު ލިބި، އަޅުގަނޑު މި އައީ އެ ޗެކު އިޝޫ ކޮށްފައި. އެހެންވީމާ މާދަމާ [މިއަދު] އަޅުގަނޑުމެންނަށް ކޯޓަށް ފައިސާ ދެއްކޭނެ،" ރާއިދު ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، އެމްއައިޓީޑީސީގެ އޭރުގެ މެނޭޖުމަންޓުން ވަނީ ބަރެސްދޫ ޕްރޮޖެކްޓު ހިންގުމަށް ޑިޕޮޒިޓުގެ ގޮތުގައި އެކި ފަރާތްތަކުގެ އަތުން 3.5 މިލިއަން ޑޮލަރު ނަގައިފަ އެވެ. މީގެ ތެރެއިން ދެ ކުންފުންޏެއްގެ ފައިސާ އަނބުރާ ދެއްކުމަށް ކޯޓުން ވަނީ އަމުރު ކޮށްފަ އެވެ. އެ ކުންފުނީގެ ބައެއް އެކައުންޓުތައް ފްރީޒްކޮށް، ބޯޑު މެމްބަރުންގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓައިފަ އެވެ. އެކައުންޓުތަކާއި ޕާސްޕޯޓުތައް ދޫކުރާނީ ކޯޓަށް ދައްކަންޖެހޭ ހުރިހާ ފައިސާއެއް ދައްކައި ހަލާސް ކުރުމުންނެވެ.

އެމްޓީޑީސީގެ ޗެއާމަން އަބްދުﷲ ނަސީރު މުހައްމަދު ވިދާޅުވީ، ކޯޓު ހުކުމުގެ ދަށުން ދެ ކުންފުންޏަކަށް މިހާތަނަށް ފައިސާ ދެއްކިޔަސް ބާކީ ހުރި ކުންފުނިތަކަށް ވެސް ފައިސާ ދައްކާނެ ކަމަށެވެ. އެކަމަކު، އެ ކުންފުންޏަށް އާމްދަނީ ލިބުން ދަތިވެފައިވާތީ، ޕޭމަންޓުތައް ލަސްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޑިޕޮޒިޓަށް ފައިސާ ނެގިއިރު ކުރީ މެނޭޖުމަންޓުން އެބައޮތް އެއްބަސްވުމުގަ އެއީ ރިފަންޑެބަލް އެއްޗެކޭ ބުނެފައި. އެހެންވީމާ އަޅުގަނޑުމެން ޖެހޭނެ އެ ފައިސާ އަނބުރާ ދައްކަން،" ޗެއާމަން ވިދާޅުވި އެވެ.

އެމްއައިޓީޑިސީގެ ބޯޑުގެ މެމްބަރުން ވިދާޅުވެފައިވާ ގޮތުގައި، ބަރެސްދޫ ޕްރޮޖެކްޓަށް ނެގި ފައިސާ އިން ކުރީގެ މެނޭޖުމަންޓުން އެ ޕްރޮޖެކްޓަށް ހަރަދު ކޮށްފައިވަނީ މަދު ފައިސާ އެކެވެ. އަމިއްލަ ކަންކަމުގަ އާއި ދަތުރުތަކަށް ފައިސާ ހަރަދު ކޮށްފައިވާ ކަމަށް ވެސް ބޯޑު މެމްބަރުން ވިދާޅުވެފައި ވެ އެވެ.

އިންޓަގްރޭޓެޑް ޓޫރިޒަމް ތަރައްގީ ކުރަން ޔާމީންގެ ސަރުކާރުން އުފެއްދި އެމްއައިޓީޑީސީން ހަވާލުވި ބަރެސްދޫ މަޝްރޫއަށް ލިބުނު ފައިސާގެ ތެރެއިން ބައެއް ފައިސާ، އޭރު ވެރިކަން ކުރި ޕާޓީ، ޕީޕީއެމަށް ހަރަދުކުރި ކަމަށް އެ ކުންފުނިން ކުރިން ބުނެފައިވެ އެވެ. އެ މައްސަލަތައް އެންޓި ކޮޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް އަންނަނީ ބަލަމުންނެވެ.