އަންނަ މަހުގެ 15ގައި ރާއްޖޭގެ ހުރިހާ ގެސްޓް ހައުސްތަކެއް އަލުން ހުޅުވުމުގެ ހުއްދަ ދޭން ސަރުކާރުން ނިންމައިފި އެވެ.
މިކަން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް "މިހާރު" އަށް ކަށަވަރުކޮށްދެއްވި އެވެ. ނަމަވެސް މިނިސްޓަރު ވިދާޅުވީ މިކަމާ ގުޅޭ އިތުރު ތަފްސީލް ދެއްވާނީ މާދަމާ ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ކަމަށެވެ. ފަހުން ޓޫރިޒަމް މިނިސްޓްރީން ވަނީ ޓްވީޓަކުން މިކަން އިއުލާންކޮށްފަ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި މި ހުއްދަ ދިނުމަށް ނިންމާފައިވަނީ ރޭ ބޭއްވި ބައްދަލުވުމެއްގަ އެވެ. އަދި މިހާރު ކުރިއަށްދަނީ މިކަމާ ގުޅިގެން އެޗްޕީއޭ އާއި ކަމާބެހޭ ފަރާތްތަކާ ގުޅިގެން ތައްޔާރު ކުރަން ޖެހޭ ގައިޑްލައިންތަކުގެ މަސައްކަތްތަކެވެ.
ކޮވިޑް-19އާ ގުޅިގެން އޭޕްރީލް މަހު ރާއްޖޭގެ ބޯޑަރު ބަންދުކުރި އިރު އެ މަހުން ފެށިގެން ގެސްޓް ހައުސްތައް ވެސް ވަނީ ބަންދުކޮށްފަ އެވެ. ޖުލައި މަހުގެ 15ގައި ބޯޑަރު އަލުން ހުޅުވާލައި ރިސޯޓުތަކަށް ޓޫރިސްޓުން ދިއުމުގެ ހުއްދަ ދިން ނަަމވެސް ރަށްރަށުން ކޮވިޑް-19ގެ ކޭސްތައް ފެންނާތީ ގެސްޓު ހައުސްތައް ހުޅުވުން އޮތީ މަޑުޖައްސާލައިފަ އެވެ.
ރަށްރަށުގެ ގެސްޓް ހައުސްތައް ނުހުޅުވި ނަމަވެސް މާލޭގެ ގެސްޓް ހައުސްތައް ޓްރާންސިޓް ތަންތަނުގެ ގޮތުގައި ބޭންނު ކުރެވެ އެވެ.