މިދިޔަ އަހަރު ބޭއްވި ދިރާގު ރޯޑް ރޭސްގައި ބައިވެރިވި ބީވީއައިއެސްއެމްގެ މެމބަރުންތަކެއް-- ފޮޓޯ: ދިރާގު
10 ސެޕްޓެމްބަރ 2020 - 17:27
ލޯފަން މީހުންގެ ހައްގުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރާ ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސް (ބީވީއައިއެސްއެމް) އަށް ދިރާގުން ދޭ ހާއްސަ ޑިޖިޓަލް މުއާސަލާތުގެ ހިދުމަތް ކަމަށްވާ "ފޯންމީޓިން 130" މިއަހަރު ވެސް ދޭން ދިރާގުން ނިންމައިފި އެވެ.
ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ފޯރުކޮށްދޭ މި ހިދުމަތަކީ 2016 ވަނަ އަހަރުން ފެށިގެން އެ ޖަމިއްޔާ ހިލޭ ފޯރުކޮށްދެމުން އަންނަ ހިދުމަތެކެވެ. މި ހިދުމަތަކީ އެ ޖަމިއްޔާ ހާއްސަކޮށްގެން ދިރާގުން ފަރުމާކޮށްފައިވާ ހިދުމަތެކެވެ.
ދިރާގުން ބުނި ގޮތުގައި އެހެނިހެން އިޖުތިމާއީ ޖަމިއްޔާތައް ހިންގުމުގައި މެދުވެރިނުވާ ގިނަ ގޮންޖެހުންތައް ބީވީއައިއެސްއެމް ހިންގުމުގައި ދިމާވެ އެވެ. އެގޮތުން، ޖަލްސާތައް ބާއްވަން ނުވަތަ އެންމެން އެއްތަނަކަށް އެއްކޮށްގެން ބައްދަލުވުންތައް ބޭއްވުމަކީ ފަސޭހަ ކަމަކަށް ނުވާއިރު ދިރާގުން ދޭ މި ހިދުމަތުގެ ސަބަބުން ފަސޭހަކަމާއިއެކު ޖަމިއްޔާ ހިންގުމުގެ ކަންތައްތައް ކުރިއަށް ގެންދެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބޭ އެ ޖަމިއްޔާގެ 200 މެންބަރުންނަށް ޖަމިއްޔާގެ ޖަލްސާތައް ބާއްވަން ފަސޭހަވެ، މެންބަރުންގެ މެދުގައި އެކުވެރިކަމާއި ރަހުމަތްތެރިކަން ބަދަހިކުރަން މި ހިދުމަތުން ވަރަށް ބޮޑު އެހީއަކަށް ވެގެން ދާ ކަމަށް ވެސް ދިރާގުން ބުންޏެވެ.
ބީވީއައިއެސްއެމް އިން އަންނަނީ މި ހިދުމަތް ބޭނުންކޮށްގެން މަދަހަ މުބާރާތްތަކާއި، ގުރުއާން ކިޔަވައިދިނުމާއި ދީނީ ނަސޭހަތް ދިނުން ފަދަ ޕްރޮގުރާމްތައް ހިންގަމުންނެވެ. މީގެ އިތުރުން ފާއިތުވި އަހަރުތަކުގައި ބީވީއައިއެސްއެމް އިން ވަނީ މި ހިދުމަތް މެދުވެރިކޮށް ހިސާބާއި ލެޓިން އާއި އަރަބި އަދި ގުރުއާން، ފަދަ ކްލާސްތައް ކުރިއަށް ގެންގޮސްފަ އެވެ.
ކޮވިޑް-19ގެ ސަބަބުން ލޮކްޑައުންގެ ހާލަތުގައި ވެސް ބީވީއައިއެސްއެމް އިން ވަނީ "ފޯންމީޓިން 130" މެދުވެރިކޮށް މެދުކެނޑުމެއްނެތި ޖަމިއްޔާގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފަ އެވެ. އެގޮތުން ކޮވިޑް-19އާ ގުޅިގެން އެ ޖަމިއްޔާއިން ވަނީ ސިއްހީ ހޭލުން ތެރިކަން އަދި އަމިއްލަ ނަފްސަށް އިތުބާރުކުރުމުގެ ހޭލުންތެރިކަން އިތުރު ކުރުމުގެ މުހިންމު ޕްރޮގްރާމްތައް ވެސް ކުރިއަށް ގެންގޮސްފަ އެވެ.
ދިރާގުން ބުނިގޮތުގައި އެ ކުންފުނިން މި ހިދުމަތް ދިނުމުގެ މައިގަޑު ބޭނުމަކީ ރާއްޖޭގައި ލޯފަން މީހުންގެ ހައްގުގައި މަސައްކަތްކުރާ ފަރާތްތައް ބާރުވެރިކުރުވައި، އެފަދަ ފަރާތްތަކަށް ހިތްވަރުދީ، މުޖުތަމައަށް ނެރުމަށް ކުރެވޭ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. އަދި މުސްތަގުބަލުގައި ވެސް މިފަދަ އިޖުތިމާއީ ކަންކަމުގައި އިތުރަށް ބައިވެރިވެ، އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy