ރަޖިސްޓްރީ ކެންސަލްކުރާތީ ވެމްކޯގެ އާމްދަނީ 50 ޕަސެންޓު ދަށަށް

ކުނި އުކާލަން ރަޖިސްޓްރީކޮށްފައިވާ ތަންތަނުން ރަޖިސްޓްރީ ކެންސަލް ކުރަމުން ދިއުމާ ގުޅިގެން ވެމްކޯގެ އާމްދަނީ 50 ޕަސެންޓު ދަށަށް ގޮސްފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.


ވެމްކޯގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އާދަމް ވިދާޅުވީ މިދުވަސްވަރަކީ ކޮވިޑް-19އާ ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާ ދުވަސްވަރަކަށް ވުމުން ރަޖިސްޓްރީ ނުކޮށް ހުރި ގޭބިސީތަކުން ވެސް ކުނި ނަގަމުން އަންނަ ކަމަށެވެ. ނަމަވެސް މިކަމާ ގުޅިގެން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުން ވެސް މިހާރު ރަޖިސްޓްރީ ކެންސަލްކުރަމުން އަންނަ ކަން ފާހަގަކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މެނޭޖިން ޑިރެކްޓަރު ވަނީ އެގޮތަށް ރަޖިސްޓްރީ ކެންސަލް ނުކުރުމަށް ކަސްޓަމަރުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

"އަޅުގަނޑުމެންވަރަށް ބުރަ މަސައްކަތް ރެއާއި ދުވާލު މި ކުރަނީ. އަޅުގަނޑުމެން މަސައްކަތް ކުރަނީ ބޮޑު އަގެއް ނަގައިގެންނެއް ނޫން. އެހެންވެ މިކަމުގައި ވަރަށް ބޮޑަށް ރައްޔިތުންގެ އެއްބާރުލުން އަޅުގަނޑުމެން ބޭނުން،" އާދަމް ވިދާޅުވި އެވެ.

މީގެ އިތުރުން ބައެއް ވިޔަފާރިތަކުން ރަޖިސްޓްރީ ނުވެ ހައުސް ހޯލްޑުތަކުގެ ކުންޏާ އެއްކޮށް ކުނި އުކާކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. އެހެންކަމުން އެފަދަ ވިޔަފާރިތައް ވީހާ ވެސް އަވަހަށް ވެމްކޯގައި ރަޖިސްޓްރީވެގެން، އޮންނަ އުސޫލުގެ ތެރެއިން ކަންތައްތައް ކުރުމަށް އޭނާ ވަނީ އެދިފަ އެވެ.

މަގުމައްޗަށް ކުނި ނެރޭ އިރު ބައެއް ކަންކަމަށް ސަމާލުކަން ދިނުމަށް ވެސް އާދަމް އެދިވަޑައިގަތެވެ. ބޭރަށް ނެރޭ ކުނި ރަނގަޅަށް ބަންދު ކުރުމާއި ކުނި ނެރެން ބުނެފައި އޮންނަ ވަގުތުތަކުގައި ކުނި ބޭރަށް ނެރުމަށް އޭނާ އެދިވަޑައިގަތެވެ.