އެމްޕީއެލް ވެހިކަލެއްގައި ކޮންޓެއިނަރެއް ގެންދަނީ-- ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
13 ސެޕްޓެމްބަރ 2020 - 10:25
މާލޭ ވިޔަފާރި ބަނދަރަށް ގެންނަ މުދަލުން ނަގަމުން އަންނަ ހޭންޑްލިން އާއި ވަފޭޖު ޗާޖަށް ގެނައި ބަދަލަށް އަމަލު ކުރުން އެމްޕީއެލުން ފަސްކޮށްފި އެވެ.
އެ ކުންފުނިން މި މަހުގެ ހަތަރު ވަނަ ދުވަހު ނެރުނު އިއުލާނެއްގައި ބުނީ ރޭގަނޑު ކުރާ މަސައްކަތުން ނަގަމުން އައި 30 ޕަސެންޓު ސާޗަޖު މިއަދުން ފެށިގެން ހުއްޓާލާނެ ކަމަށެވެ. އޭގެ ސަބަބުން ކުންފުނީގެ އާމްދަނީ އަށް ކުރާ އަސަރު ކުޑަ ކުރުމަށް ހޭންޑްލިން އާއި ވާފޭޖުން ހަތް ޕަސެންޓު އިތުރު ކުރުމަށް ވަނީ ނިންމައިފަ އެވެ.
ނަމަވެސް އިއްޔެ އެ ކުންފުނިން ނެރުނު ނޯޓިސްއެއްގައި ބުނެފައިވަނީ ހޭންޑްލިންއާ ވޯފޭޖަށް ގެނައި ބަދަލަށް އަމަލު ކުރަން ފަށާނީ އޮކްޓޯބަރުން ފެށިގެން ކަމަށެވެ. އަދި 30 ޕަސެންޓު ޗާޖު މިއަދުން ފެށިގެން ނުނަގާނެ ކަމަށް ވެސް އެ ނޯޓިސްގައި އެމްޕީއެލުން ބުންޏެވެ.
ސާޗާޖުގެ ގޮތުގައި ނަގާ 30 ޕަސެންޓު އުނިކުރަން އެ އެމްޕީއެލުން ނިންމީ އެ ޗާޖާ ގުޅިގެން ޝިޕިން އެޖެންޓުން ވިޔަފާރިވެރިންގެ އަތުން އިތުރު ފީތައް ނަގަމުން އައުމާ ގުޅިގެން ކަމަށް އެ ކުންފުނީގެ ހެޑް އޮފް ކަގޯ އޮޕަރޭޝަންސް އަހުމަދު އިނާން ވަނީ ވިދާޅުވެފަ އެވެ. އެހެންކަމުން މި ބަދަލާއެކު އެ ފީތައް ނަގަން ޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޕީއެލުން ނަގާ ޗާޖުތަކާ ގުޅުވައިގެން ރާއްޖޭގައި އޮޕަރޭޓު ކުރާ ބައެއް ޝިޕިން ކުންފުނިތަކުން ޑެލިވަރީ އޯޑާ (ޑީއޯ)އަށް އިތުރު ޗާޖުތައް ނަގާތީ ގިނަ ވިޔަފާރިވެރިން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެގޮތުން، ބޭރުން މުދާ ގަންނަން ދާ ހަރަދަށްވުރެ ޑިއޯއަށް ދައްކަން ޖެހޭ ފައިސާ ގިނަ ކަމަށް ވިޔަފާރިވެރިން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy