އޭޝިޔާ ސަރަހައްދުގައި މިވަގުތު އޮތް އެންމެ ބޮޑު ޑްރެޖާ، އެމްޓީސީސީގެ މަހާއްޖައްރާފު.-- ފޮޓޯ: އެމްޓީސީސީ
07 އޮކްޓޯބަރ 2020 - 21:33
ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު ކޮންނަ ބޯޓު، އެމްޓީސީސީގެ މަހާޖައްރާފުގެ ފަޅުވެރިންނަށް ދިވެހިން ހަމަޖައްސައި އަހަރަކު 6.5 މިލިއަން ރުފިޔާ ސަލާމަތްކޮށްދީފި އެވެ.
އެމްޓީސީސީގެ ޓަވަރުގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި، އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ 2017 ވަނަ އަހަރުން ފެށިގެން ބޭނުންކުރަމުން އަންނަ މަހާޖައްފާރުގެެ ފަޅުވެރިން އެއްކޮށް ދިވެހިންނަށް ބަދަލުކުރުމަކީ ދެކެމުން އައި ހުވަފެނެއް ކަމަށެވެ. އެކަން މިއަދު ހަގީގަތަކަށް ވެފައިވާ ކަމަށް ވިދާޅުވި އެވެ.
މަހާޖައްރާފުގައި މީގެ ކުރިން 13 މުވައްޒަފުން ތިބިއިރު ގިނައީ ބިދޭސީންނެވެ. ނަމަވެސް ވަޒީފާއަށް ދިވެހިން ބަދަލުކުރީ އެ އަދަދު 17 އަށް އިތުރުކޮށްފަ އެވެ.
އާޒިމް ވިދާޅުވި ގޮތުގައި ދިވެހިންނަކީ ކަނޑަށް ގަދަ އަދި ފަރިތަ ބަޔަކަށް ވާއިރު، އޭޝިޔާ ސަރަހައްދުގައި ވެސް އޮތް އެންމެ ބޮޑު ޑްރެޖާގައި ދިވެހިން ނެތުމަކީ ވަރަށް ބޮޑު ނިކަމެތިކަމެއް ކަމަށެވެ. އެކަމަކު ބޯޓުގެ ކެޕްޓަނުން ފެށިގެން ކައްކާއިންނަށް ދިވެހިން ހަމަޖެއްސުމާއެކު، މީގެ ހަތަރު މަސް ކުރިން ވައުދުވިކަން ހާސިލްވީކަމަށް ވިދާޅުވި އެވެ.
އެމްޓީސީސީގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި އެ ކުންފުނީގެ ސީއީއޯ އާޒިމް ވާހަކަދައްކަވަނީ.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު
އެ ބަދަލާ ގުޅިގެން، އަހަރަކު 6.5 މިލިއަން ރުފިޔާ ފައިދާ ވެގެންދާނެ އެވެ. މީގެ ކުރިން 6.5 މިލިއަން ރުފިޔާ ދައްކަމުންދިޔައީ ބިދޭސީ މުވައްޒަފުންގެ މުސާރައަށެވެ.
"..ދިވެހިން ރެކްރޫޓުކުރިއިރު ވެސް އަޅުގަނޑުމެން މި ރެކްރޫޓުކުރީ ތައުލީމީގޮތުން ވެސް ތަޖުރިބާގެ ގޮތުން ވެސް، ކުރިން ޔޫރަޕުން އައިސްތިބި މީހުންނަށްވުރެ އެންމެ ކުޑަތަންކޮޅެއް ވެސް ދަށް ބައެއް ނޫން،" އާޒިމް ވިދާޅުވި އެވެ.
"މިއީ އަޅުގަނޑު ދެކޭގޮތުގައި ދިވެހިރާއްޖޭގައި މިފެންވަރުގެ މީހުން ތިބިކަން އަޅުގަނޑުމެން ހުރިހާ އެންމެންނަށް ސާބިތުވެގެންދިޔަ ކަމެއްގެ ގޮތުގައި އަޅުގަނޑުމެން ދެކެނީ،"
އާޒިމް ވިދާޅުވީ ކަނޑުގެ މަސައްކަތަށް ނުކުންނަން ބޭނުންވާ މީހުންނަށް އެކަމުން މުހިއްމު މެސެޖެއް ލިބިގެންދާނެ ކަމަށެވެ. ރާއްޖޭގައި ވެސް އެ ހިސާބަށް އާދެވިފައި ތިބި މީހުން ތިބި ކަން އެނގިގެންދާ ކަމަށާއި ކުރިއަށް އޮތް ތަނުގައި ކިޔަވައިގެން ތިބި ޒުވާނުންނަށް އެ ބޯޓުގައި މަސައްކަތްކުރުމުގެ ފުރުސަތު ހުޅުވާލެވިގެންދާނެ ކަމަށް ވިދާޅުވި އެވެ.
އެމްޓީސީސީގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި އެ ކުންފުނީގެ ލޮޖިސްޓިކަލް އޮޕަރޭޝަންސް ޑިވިޝަންގެ ޖެނެރަލް މެނޭޖަރު ލަތީފް ވާހަކަދައްކަވަނީ.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު
ދިވެހިންނަށް ބަދަލުވުމުން ބޭރު ފައިސާގެ ގޮތުގައި އަހަރަކު 1 މިލިއަން ޑޮލަރު ސަލާމަތްވެ ރާއްޖޭގެ އިގުތިސޯދުގައި ހިފަހައްޓާނެ ކަން ފާހަގަކުރެއްވި އެވެ
"މި ބަދަލުގެ ސަބަބުން މުވައްޒަފުންތަކަށް ވަޒީފާ ދިނުމާއި އިގުތިސޯދުގައި އެތައް ބައިވަރު ފޮރިން ކަރަންސީ ހިފެހެއްޓިގެން ދިއުން،" އާޒިމް ވިދާޅުވި އެވެ.
އެމްޓީސީސީގެ ޑިޒައިނޭޓެޑް ޕާސަން އެޝޯ ޝިހާން މުހައްމަދު ވިދާޅުވީ މަހާޖައްރާފުގެ ފަޅުވެރިންގެ ގޮތުގައި ތިބި މީހުން ދިވެހިންނަށް ބަދަލުކުރަން މީގެ ކުރިން ވެސް މަސައްކަތްކުރި ކަމަށެވެ. އެ މަސައްކަތް އަލުން ފަށައި އެކި މަރުހަލާތަކުގައި ޓްރެއިނިން ދެމުން އެކަން ހާސިލްވެފައިވާ ކަމަށް ވިދާޅުވި އެވެ. ކޮވިޑް-19 ގެ ހާލަތު ކުރިމަތިނުވިނަމަ މިއަށްވުރެ އަވަހަށް އެ މަގުސަދު ހާސިލްވާނެ ކަމަށް ވިދާޅުވި އެވެ.
ލޮޖިސްޓިކަލް އޮޕަރޭޝަން ޑިވިޝަންގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ލަތީފް ވިދާޅުވީ މަހާޖައްފާރަށް ދިވެހިން ބަދަލުކުރުމަކީ އެ ދާއިރާއަށް ދިވެހިން ނުކުތުމަށް ހޮވުނު ދޮރެއް ކަމަށެވެ.
އެމްޓީސީސީގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި އެ ކުންފުނީގެ ޑިޒައިނޭޓެޑް ޕާސަން އެޝޯ ޝިހާން ވާހަކަދައްކަވަނީ.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު
ބޯޓު ދަތުރުކުރުމަކީ މީގެ ކުރިން އެތައް ދިވެހިންނެއް ބައިވެރިވި އަދި ބޭރު ފައިސާ ވެސް ވައްދައިދިން ދާއިރާއެއް ކަމަށް ވިއަސް އެ ދާއިރާ ފާއިތުވި 10 އަހަރު ދިޔައީ ދަށްވަމުން ކަމަށެވެ. ނަމަވެސް އުއްމީދަކީ އަލުން އެ ދާއިރާ ދިރިގެން ދިއުން ކަމަށް ލަތީފް ވިދާޅުވި އެވެ.
ފަންސާސް މީޓަރު އަޑިން ވެލި ނެގުމުގެ ގާބިލްކަން ލިބިފައިވާ މަހާޖައްރާފުން އެއްފަހަރާ 3،700 ކިއުބިކް މީޓަރުގެ ވެލި ބަރުކުރެ އެވެ. ތިމާވެއްޓަށް ގެއްލުން ނުވާ ގޮތަށް ބިން ހިއްކުމުގެ ގާބިލްކަން ލިބިފައިވާ އެ އުޅަނދު މިހާތަނަށް 13 މަޝްރޫއެއް ހިންގާފައި ވެ އެވެ.
މަހާޖައްފާރުން އެންމެ ފުރަތަމަ ހިންގީ، ހދ. ކުޅުދުއްފުށީ އެއާޕޯޓު އެޅުމަށް ހަމަޖެއްސި ސަރަހައްދު ހިއްކުމުގެ މަސައްކަތެވެ. އޭގެ ފަހުން ހއ. ހޯރަފުށީ އެއާޕޯޓު އަޅާ ސަރަހައްދާއި ކ. މާފުށީ ބިން ހިއްކާފައި ވެ އެވެ. އެ އުޅަނދު ބޭނުންކޮށްގެން ކ. ގުރައިދޫ ބިން ހިއްކުމާއި ސެންޓާރާ ހޮޓެލްސް އެންޑް ރިސޯޓުގެ ތިން ރަށެއް އަންނަނީ ހިއްކަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަށަވަރުކކކ
08 October 2020
އެމްޓީސީގެ އާދަމް އާޒިމް އަށް ވެދުން ސަލާމަށްފަހު ވަރަށް އަދަބުވެރިކަމާއެކު ލިޔަމެވެ، ތިބޭފުޅާގެ ސީއީއޯ ކަމުގަ ތިޔަކުންފުނީގެ މަހާޖައްރާފް ބޯޓް ގަ ޒުވާން ކެޕްޓަނުން ނަށް ފުރުސަތު ދެއްވާށެވެ، މިގައުމުގަ ރަޖިސްޓްރީއަށް އުޅަނދު ބަދަލް ނުކުރައްވަނީ ކީއްވެގެންތޯއެވެ، ތިޔައުޅަނދު މެނުވަރިންގ ކުރެވޭ ފެންވަރުގެ ތަޖްރިބާ ލިބިފައިވާ ކެޕްޓަނުން ނަށް ފުރުސަތުހުޅުވާލާށެވެ، މުސްކުޅި ކެޕްޓަނުން ނަށް އެއްގަމުން ޖާގަދެއްވާށެވެ،
ވަގު ތީ
08 October 2020
މަހާ ޖައްރާފު ވަރަށް ފައްކާ ޕްރޮޖެކްޓެއް ދޮގެއްތޯ ! ޢޭތި ގެނައިމަ ވަޒީފާތަކެއް އުފެދިއްޖެ ނޫންތޯ ؟ ބޭރުގެ ކުންފުނިތަކަށް ކޮންޓްރެކްޓަށް ދީގެން ހިއްކަން ކުރަމުން އައި ޚަރަދުތައް ބޮޑުތަނުން ކުޑަވެއްޖެ ދޯ
މީހަކު
08 October 2020
ތި ރަނގަޅުތޯ. ޔާމީން ހޯއްދެވި އެއްޗެއް ރަނގަޅުވާނެތޯ؟ ރަނގަޅަސް ބޭނުން ހިފާކަށް ނޭނގޭނެ. ހުޅުމާލޭ ދެވަނަ ފޭސް އެއްކޮށް ނިންމީމަ އަދި ފެންހޮޅި ނުގުޅޭ. އިންޑަސްޓްރިއަށް ޒޯންއަށް ހަދާނެ ގޮތެއް ނޭނގޭ. އައިޖީއެއްއެޗް 25 ބުރިއަށް ހަދާނެ ގޮތެއް ނޭނގޭ.
ވަރަފަތް
08 October 2020
އާޒިމްމެނަށް ތިކަހަަލަ ފޮނިކެނޑެނީ ބަޔަކު ވަރަށްބުރަ މަސައްކަތްތަކެއްކޮށް ނަތީޖާ ނެރެފަ އޮތީމަ. ކޯވިޑްގެ މަސަައްކަތަށްވެސް އެންމެ ފަސޭހަވީ ބްރިޖު އޮތީމަ, ދަރުމަވަންތަ ހޮސްޕިޓަލް ހުރީމަ, ދަރިވަރުން އަތުގަ ޓެބް ހުރީމަ. މަސްކައްކައިގެން ރިހާކުރު ކައްކަބަލަ.
ވައިސޫރި
08 October 2020
ނޭނގުނު ކައިރީގަ ބުނެލަން އޮތީ މިސަރުކާރަށް ކަޓެއް ނަގަައިގެންވެސް ފައިދާހުރިކަމެއް ކުރާކަންނޭގުނޭ. ވައްކަންކުރަމުން ތަރައްގީކޮށް ގައުމު ވިދާ ބަބުޅާ ފޯމިއުލާ ޔާމިން އަތުން ހޯދަންވީނުން ނޭނގެންޏާ.
ޢާރާސްކޯރު22
08 October 2020
ތިޔަޖައްރާފުގަ ދިވެހިޒުވާން ގާބިލް ކެޕްޓަނުން ތިއްބާ ކުރީޒަމާނުގެ މުސްކުޅިން ނަށް ފުރުސަތުދެނީ ކީއްވެގެންތޯ؟ މެދުއިރުމަތީ ގައުމުތަކުގަ ތިބާވަތުގެ ބޯޓް ފަހަރުގަ ކެޕްޓަނުން ތިބެނީ ބޮލަކަށް ބޮލެއްގެ ގޮތުގައެއްނުން، އެހެންމިބުނީ ތިޔަބޯޓަށް ލާފަތިބޭ ދިވެހި މުސްކުޅި ކެޕްޓަނުން ތިބެނީ ކޮޓަރިކޮޅުގަ އަވަހާރަ ލައްޕަވާގެން ދެން އޮފިސަރުންނަށް އުޅޭ 3 ވަރަކަށް ކުދިން 12 ގަޑިއިރު ފާޚާނާ ނުކޯށް ގުރުބާންކުރާވާހަކަ އަޑުއިވޭ މީތިކަޑައޭ އިގޭތޯ،
ާއަދުހަމް
08 October 2020
ދިވެހިންނަކަށް ބަދަލެއް ނުވޭ... ދޮގެއް ހަދައިގެން މީހުންނަށް އޮޅުވާލައިގެން ކިހާދުވަހަކު ހުންނަން ތިއުޅެނީ...
އޮޑި
08 October 2020
ތިތާ ސީއެފްއޯ އަހަރަކު ކިތައް މިލިޔަން ޑޮލަރު ގައުމުން ބޭރުކުރޭތޯ؟ ގެޒެޓުގައި ސީއެފްއޯ މަގާމަށް އިއުލާންކުރީމަ ގާބިލް ދިވެއްސެއް ނުލިބުނީތޯ؟ ސަރުކާރު ބޮޑު ކުންފުންޏެއްގެ ސީއެފްއޯ އަކަށް ބޭރުމީހެއް ހުރުމަކީ މާ ރީތި ކަމަކީ ތޯ
ނަޑޭގ
08 October 2020
ހަގީގަތް ބަލާލުމަށް ރައްޔިތުންނަށް ނަސޭހަތްތެރިވަން. ރޯ ބުހުތާނު ދޮގު
ޝިއުނާގެ ބޭބީ
08 October 2020
އަސްލު ވަރަށް ބޮޑު ދޮގެއް. ނޫހުން ވެރިފައިކޮށްލިޔަސް ރަގަޅު. ބޯޓް ކައްޕި އަކީ ނެދަލޭންޑްސް މީހެއް. އަދިވެސް އެހެން 2 މީހަކު އެބަތިބި. ރަނގަޅުކަމެއް ކުރަން އުޅުނަސް ހީލަތާއި މަކަރުވެރިކަން އިސްކޮށް ސިޔާސީ ބާރުވެރިކަން ހޯދައި ކުރާ ވައްކަމަށް ފަސް އަޅަން ހަދަން މި ޖެހެނީ ދޮގު.