ބީއެމްއެލް ކާޑު، ޕޭޕާލް އެކައުންޓަށް ލިންކު ކުރެވޭ ގޮތް ހަދައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޕޭޕާލްގެ ހުރިހާ މާޗެންޓުން އަންބްލޮކްކޮށް، ބީއެމްއެލް ކާޑުން ޕޭޕާލް އެކައުންޓަށް ލިންކު ކުރެވޭ ގޮތް ހަމަޖައްސައިދީފި އެވެ.


ކަސްޓަމަރުންނަށް ނޭނގި ކާޑު ބޭނުންކޮށްގެން ކުރާ މުއާމަލާތުތައް ގިނަވަމުން ދިއުމާ ގުޅިގެން، ބީއެމްއެލުން ވަނީ ޕޭޕާލްގެ ބައެއް މާޗަންޓުން ބްލޮކް ކޮށްފަ އެވެ. ނަމަވެސް، އެ ފިޔަވަޅާ އެކު ކަސްޓަމަރުންނަށް ޕޭޕާލް އެކައުންޓަށް ކާޑުތައް ލިންކު ކުރަން ދަތިވުމުން އެ މާޗަންޓުން އަލުން އަން ބްލޮކް ކުރީ ކަމަށް ބީއެމްއެލުން ބުންޏެވެ.

އެ ބޭންކުން ބުނިގޮތުގައި، މާޗަންޓުން އަލުން އަން ބްލޮކް ކުރިޔަސް ކުރިމަގުގައި ވެސް ސައްހަ ނޫން މުއާމަލާތުތައް ހިންގާތޯ ބަލައި އެފަދަ ހާލަތެއްގައި ކަސްޓަމަރުންގެ ރައްކާތެރިކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ އެވެ.

ކާޑާއި އެކައުންޓުތަކުން ސައްހަ ނޫން މުއާމަލާތައް ހިނގާފައިވާ ނަމަ އެކަން ލަސްނުކޮށް ބޭންކަށް އެންގުމަށް ބީއެމްއެލުން އެދެ އެވެ. އެފަފަ މުއާމަލާތެއް ހިނގާފައިވާ ތާރީޚުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެކަން ބީއެމްއެލަށް އަންގަން ޖެހޭނެ އެވެ.

ބޭންކުން ދޫކުރާ ކާޑުތަކަކީ ވިޔަފާރީގެ މުއާމަލާތުތައް ސައްހަ ކުރުމަށާއި ކަސްޓަމަރަށް ނޭނގި ކުރާ މުއާމަލާތުތައް ހުއްޓުވުމަށާއި ކަސްޓަމަރުންނަށް ލިބިދާނެ މާލީ ގެއްލުމަކުން ރައްކާތެރި ކުރުމަށް "3ޑީ ސެކުއާ އޮތިންޓިކޭޝަން"ގެ ރައްކާތެރިކަން ހިމެނޭ ގޮތަށް ފަރުމާ ކޮށްފައިވާ ކާޑުތަކެކެވެ.