ގެސްޓުހައުސް ވިޔަފާރިތައް އަލުން ފެށުމުގެ ގޮތުން ކުރަމުން އަންނަ މަސައްކަތަށް އެހީތެރިވުމުގެގޮތުން، ގެސްޓުހައުސްތައް ހިންގާ ރަށްތަކަށް މާސްކު ހަދިޔާކުރަން ސަރުކާރުން ނިންމައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އިން ހަދިޔާކުރި "ނޮން ސާޖިކަލް" މާސްކު ގެސްޓުހައުސްތަކަށް ހަދިޔާކުރަން ހަމަޖެހިފައިވާ ކަމަށެވެ. އަދި ސިންގަޕޫރުގެ ޓެމަސްކު ފައުންޑޭޝަނުން ހަދިޔާކުރި "ރީޔޫސެބަލް" މާސްކު، ގެސްޓުހައުސްތައް ހުޅުވާ ރަށްތަކުގެ ރައްޔިތުންނަށް ހަދިޔާކުރަން ހަމަޖެހިފައިވާ ކަމަށް ވެސް އެ މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.
މި މާސްކުތައް ޓޫރިޒަމް މިނިސްޓްރީން ރަށްތަކާ ހަވާލު ކުރާނީ ލޯކަލް ގަވަމެންޓް އޮތޯރިޓި މެދުވެރިކޮށް އެ ރަށެއްގެ ކައުންސިލާ އެވެ.
ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ރަށްތަކުގައި ހިންގާ ގެސްޓުހައުސް ވިޔަފާރިތައް ވަގުތީ ގޮތުން ހުއްޓާލުމަށްފަހު އަލުން ހުޅުވާނީ މާދަމާއިން ފެށިގެންނެވެ. މި ނިންމުމާއެކުު ގެސްޓުހައުސް ހުޅުވާ ކޮންމެ ރަށެއްގެ ވެސް ރައްޔިތުން ބޭރަށް ނުކުމެ އުޅޭއިރު މާސްކު އެޅުން އެޗްޕީއޭ އިން ވަނީ މަޖުބޫރުކޮށްފަ އެވެ.
މީގެ އިތުރުން ގެސްޓުހައުސްތައް ހުންނަ ރަށަކުން އެހެން ރަށްތަކަށް ދާ، ޒަރޫރީ ނޫން ކަންކަމުގައި ދާ މީހުން 14 ދުވަހު ކަރަންޓީނުގައި ތިބެން ޖެހޭ ގޮތަށް ވެސް އެޗްޕީއޭ އިން ވަނީ ނިންމައިފަ އެވެ.