ހޯރަފުށި އެއާޕޯޓުގެ މަސައްކަތް 11 ނޮވެމްބަރަށް ނިންމަނީ

ހއ. ހޯރަފުށީގައި ތަރައްގީ ކުރާ އެއާޕޯޓު އަންނަ މަހުގެ 11 ވަނަ ދުވަހަށް ނިންމަން މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ން ބުނެފި އެވެ.


އެމްޓީސީސީން މިހެން ބުނީ ހޯރަފުށީ އެއާޕޯޓުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވައިލެއްވުމަށް އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް މިއަދު ކުރެއްވި ދަތުރަށްފަހު އެވެ. އެއާޕޯޓުގެ މަސައްކަތް ތާވަލާ އެއްގޮތަށް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ހޯރަފުށި އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭއަކާއި 8،635 ސްކޮއާ މީޓަރުގެ އޭޕްރަން އަކާއި ޓެކްސީވޭއެއް ތަރައްގީ ކުރާނެ އެވެ. މި އެއާޕޯޓު ތަރައްގީ ކުރުމަށް މިދިޔަ އަހަރުގެ ތެރޭގައި 842،200 ކިއުބިކް މީޓަރުގެ ބިން ވަނީ ހިއްކައިފަ އެވެ.

މީގެ އިތުރުން ޓެކްސީވޭ އަކާއި، ޓާމިނަލް ކުރިމަތީގެ މަގުތައް ތަރައްގީ ކުރުމާއި 9473 އަކަމީޓަރުގެ ޕާކިން އޭރިއާއަކާއި، 1718 އަކަމީޓަރުގެ ފަޔާ އެކްސެސް މަގެއްގެ އިތުރުން 720 މީޓަރުގެ އެއާޕޯޓް ސެކިއުރިޓީ އަދި ބީޗް ފެންސެއް ވެސް މި މަޝްރޫއުގެ ދަށުން ހަދާނެ އެވެ.

މި މަޝްރޫއަށް 198 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެމްޓީސީސީން ލަފާ ކުރެ އެވެ.

އެ އެއާޕޯޓުގެ ޕެސެންޖާ ޓާމިނަލާއި ފަޔާ ބިލްޑިން ގާއިމުކުރުމުގެ މަސައްކަތްވެސް ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާ އެވެ. އެކަމުގެ އެއްބަސްވުމުގައި މިދިޔަ އޯގަސްޓްމަހު ސޮއި ކޮށްފައިވާއިރު މި މަސައްކަތް ނިންމަން ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ އެމްޓީސީސީއަށް 80 ދުވަހުގެ މުއްދަތެއް ދީފަ އެވެ.