ދިގުރަށުގައި ބީއެމްއެލް އޭޓީއެމެއް ބަހައްޓައިފި

އދ. ދިގުރަށުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމެއް ބަހައްޓައިފި އެވެ.


މި އޭޓީއެމަކީ ބީއެމްއެލުން އަތޮޅުތެރޭގައި ކުރަމުން އަންނަ އިންވެސްޓްމަންޓް ފުޅާކުރުމަށާއި މުޖުތަމައަށް އެހީވުމުގެ ގޮތުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން އޭޓީއެމެކެވެ.

މި އޭޓީއެމް މެދުވެރިކޮށް ވިޔަފާރިވެރިންނަށާއި އާއްމުންނަށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމާއި ފައިސާ ދެއްކުމުގެ އިތުރުން ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބޭނެ އެވެ.

ބޭންކުން ބުނީ މި ސެންޓަރުގެ ސަބަބުން ރަށުގެ ރައްޔިތުންނަށާއި ރަށަށް ޒިޔާރަތްކުރާ މީހުންނަށް ބޭންކިން ހިދުމަތް ހޯދުމަށް ވަރަށް ބޮޑަށް ފަސޭހަވާނެ ކަމަށެވެ. ފައިސާގެ މުއާމަލާތްކުރުމަށް އެންމެ ކައިރި ބްރާންޗުތަކަށް ކުރާ ދަތުރުތަކަށް ނިމުމެއް އައިސް ބޭނުން ކޮންމެ ވަގުތަކު ފަސޭހަކަމާއެކު ބޭންކިން ހިދުމަތް ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ވެސް ބޭންކުން ބުންޏެވެ.

މި އޭޓީއެމްއާއެކު މިހާރު މުޅި ރާއްޖޭގައި ބީއެމްއެލްގެ 127 އޭޓީއެމް އާއި 64 ސެލްފް ސާވިސް ސެންޓަރު ހުންނާނެ އެވެ.

ބީއެމްއެލުން ވަނީ ދާދި ފަހުން ނ. ކެނދިކުޅުދޫ އާއި އއ. އުކުޅަސް އަދި ތ. ތިމަރަފުށީގައި ވެސް އޭޓީއެމް ބަހައްޓައި ހިދުމަތް ދޭން ފަށައިފަ އެވެ.