ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ އަދަދު ވަރަށް މަތީގައި ހުރުމަށް ފަހު، އަހަރުގެ ފުރަތަމަ ދުވަހު އެ އަދަދު ދަށްވި ކަމަށް ވިޔަސް އިއްޔެ އަނެއްކާވެސް އަދަދު މައްޗަށް ހިނގައްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ އިއްޔެ 4،160 ޓޫރިސްޓުން ރާއްޖެ އައި ކަމަށެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުގައި މިދިޔަ ޑިސެމްބަރު މަހު، ކޮންމެ ދުވަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 2،500 އާއި 6،000އާ ދެމެދު ހުރުމަށް ފަހު މި އަހަރުގެ ފުރަތަމަ ދުވަހު ވަނީ 2،005 އަށް ދަށްވެފަ އެވެ.
މި އަހަރުގެ ފުރަތަމަ ދެ ދުވަހު އެންމެ ގިނައިން ޓޫރިސްޓުން އައީ ރަޝިއާއިންނެވެ. އެއީ 2،276 ޓޫރިސްޓުންނެވެ. ދެ ވަނަ އަށް ޔުކްރެއިނުން އަދި ތިން ވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައީ އިންޑިއާއިންނެވެ. އިންޑިއާ އަކީ މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައި ގައުމެވެ.
ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު އަލުން ހުޅުވިފަހުން އިއްޔެގެ ނިޔަލަށް 543 ޓޫރިސްޓު ފެސިލިޓީއަކުން އަންނަނީ ހިދުމަތް ދެމުންނެވެ. މީގެ ތެރޭގައި 142 ރިސޯޓާއި 11 ހޮޓަލާއި 133 ސަފާރީ އަދި 257 ގެސްޓު ހައުސް ހިމެނެ އެވެ.
އިއްޔެ ރާއްޖެއަށް ޓޫރިސްޓުން އައި އަދަދު އިތުރުވިޔަސް އެއީ ކޮވިޑް-19 ގެ ކުރިއާ އަޅާބަލާއިރު ދުވާލަކު ރާއްޖެއަށް ޒިޔާރަތް ކުރާ އަދަދަށް ވުރެ 43.7 ޕަސެންޓް ދަށް އަދަދެކެވެ.