ސައުދީ އަރަބިއްޔާގެ ނަސް އެއާލައިންގެ ބޯޓެއް: އިތުރު އެއާލައިނެއް އުފައްދަން ވަނީ ނިންމައިފައި -- ފައިލް ފޮޓޯ
30 ޖޫން 2021 - 14:20
ސައޫދީ އަރަބިއްޔާގެ ތެލުގެ މުއްސަނދިކަން ލިބޭ ނަފާ އިތުރުކުރުމަށް ފަށާ މަޝްރޫއެއްގެ ގޮތުން، ގައުމީ އިތުރު އެއާލައިނެއް އުފައްދަން ނިންމާފައިވާ ކަމަށް ސައޫދީ އަރަބިއްޔާގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އިއްޔެ ވިދާޅުވެއްޖެ އެވެ.
ތިން ބައްރު ގުޅުވައިދޭ ލޮޖިސްޓިކް ހަބެއްގެ ގޮތުގައި ސައޫދީ އަރަބިއްޔާ ހެދުމަށްޓަކައި، ގައުމުގެ ދަތުރުފަތުރުގެ ވިއުގަ ފުޅާކުރުމަކީ، ސައޫދީން އިއުލާން ކޮށްފައިވާ، "ސައޫދީ ތަސައްވުރު 2030" ގައި ހިމެނޭ ވަރަށް މުހިންމު ބައެކެވެ. ލޮޖިސްޓިކް ހަބެއްގެ ގޮތުގައި ސައޫދީ އަރަބިއްޔާ ތަރައްގީކުރާ އިރު، ގައުމީ އިތުރު އެއާލައިނެއް އުފެއްދުމުން، ބައިނަލްއަގުވާމީ ވައިގެ ދަތުރުފަތުރުގެ ޓްރާންސިޓްގައި ސައޫދީ އަރަބިއްޔާއަކީ ފަސް ވަނަ ގައުމަށް ވެގެންދާނެ އެވެ.
ގައުމީ އިތުރު އެއާލައިނެއް އުފައްދަވާނެ ކަމަށް ވިދާޅުވުމުގެ އިތުރުން، އެކަން ކުރައްވާނީ ކޮން އިރަކުން ކަމެއް އަދި ކޮން ގޮތަކަށް ކަމެއް ވިދާޅެއް ނުވެ އެވެ.
ސައޫދީ ތަސައްވުރު 3030 އަކީ، ތެލުގެ ވިޔަފާރި ނޫން އެހެން ގޮތްގޮތުން ލިބޭ އާމްދަނީގެ މިންވަރު، 2030 ވަނަ އަހަރުގެ ނިޔަލަށް، އަހަރަކު 45 ބިލިއަން ރިޔާލް (12 ބިލިއަން ޑޮލަރު) އަށް އިތުރު ކުރުމުގެ ބޭނުމުގައި، ވަލީ އަހަދު މުހައްމަދުގެ މޭސްތިރިކަމުގެ ދަށުން، 2016 ވަނަ އަހަރު އިއުލާން ކުރެއްވި މަޝްރޫއެކެވެ.
ސައޫދީ އަރަބިއްޔާގައި އިތުރު ގައުމީ އެއާލައިނެއް އުފެއްދުމުން، އޭޝިޔާ އާއި އެފްރިކާ އާއި ޔޫރަޕާ ދެމެދު ކުރާ ދަތުރުތައް މިހާރަށް ވުރެ އިތުރުވާނެ ކަމަށް ސައޫދީން އަންދާޒާ ކުރެ އެވެ.
ސައޫދީ އަރަބިއްޔާގެ ގައުމީ ދަތުރުފަތުރާއި ލޮޖިސްޓިކްއާ ބެހޭ ސްޓްރެޓީޖީ އިއުލާން ކުރައްވަމުން، ވަލީ އަހުދު މުހައްމަދު ވިދާޅުވީ، މި ސްޓްރެޓީޖީގެ ސަބަބުން، ސައޫދީ އަރަބިއްޔާގެ ދަތުރުފަތުރުގެ ދާއިރާ އާއި ލޮޖިސްޓިކް ދާއިރާގައި އިންސާނީ ގާބިލްކަމާއި ފަންނީ ގާބިލްކަން ވަރުގަދަވެގެން ދާނެ ކަމަށެވެ.
"މި ސްޓްރެޓީޖީގެ ސަބަބުން، ތިން ބައްރުގެ މެދުން ޖިއޮގްރަފީ ގޮތުން އަހަރެމެންނަށް ލިބިފައި މިއޮތް ޖާގައިގައި އިތުރަށް އިންވެސްޓްކޮށް، ބައިނަލްއަގްވާމީ އިގްތިސާދާ އެކު ގުޅުން ހަރުދަނާ ވެގެންދާނެ. އަދި ކުރިއަރާފައިވާ ލޮޖިސްޓިކް ޚިދުމަތުގެ ސިނާއަތަކާއި، ޚިދުމަތުގެ ފެންވަރު މަތީ ނިޒާމެއް ގާއިމުކުރުމުގެ އިތުރުން، ލޮޖިސްޓިކް ދާއިރާގެ ދެމެހެއްޓުންތެރިކަމާއި އުފެއްދުންތެރިކަން ރަނގަޅުކުރެވޭ ފަދަ ވާދަވެރި ވިޔަފާރި މޮޑެލްތަކެއް ތަންފީޒުކުރުމުން، އިގްތިސާދީ ގުޅުން އިތުރަށް ބަދަހިވާނެ،" ވަލީ އަހުދު ވިދާޅުވި އެވެ.
"ސައޫދީ އަރަބިއްޔާ ތަސައްވުރު 2030ގައި ހިމެނޭ މަޝްރޫއުތަކުގެ ތެރެއިން އެންމެ ބޮޑު މަޝްރޫއަކީ ދަތުރުފަތުރާއި ލޮޖިސްޓިކް. އަދި އެއީ ދެމެހެއްޓެނިވި ތަރައްގީއަކަށް ބޭނުންވާ އިގްތިސާދީ ދާއިރާ އަށް ދިރުން ގެނުވައިދޭނެ ދާއިރާއަކީ ވެސް ދަތުރުފަތުރާއި ލޮޖިސްޓިކްގެ ދާއިރާ."
ވަލީ އަހުދު ވިދާޅުވީ ސައޫދީ އަރަބިއްޔާގެ އިތުރު ގައުމީ އެއާލައިނެއް އުފެއްދުމުން، ޓޫރިޒަމާއި ހައްޖާއި އުމްރާ ފަދަ، ގައުމުގެ އިގްތިސާދާ ގުޅިފައިވާ އެހެން ދާއިރާތަކަށް ވެސް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ. އިތުރު އެއާލައިނެއް އުފެއްދުމުން، ސައޫދީން ދުނިޔޭގެ 250 އަށް ވުރެ ގިނަ މަންޒިލަށް ދަތުރުތައް ކުރެވޭނެ އެވެ. އަދި ކާގޯ އުފުލުމުގެ ގާބިލުކަން 4.5 މިލިއަން ޓަނަށް އިތުރުވެގެންދާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަބީބު.
30 June 2021
ފ އަތޮޅު އިންވެއިންވެސްޓް ކުރުމައް ދިންނަމަ ކިހާފައިދާވީސް ނަސީބަކީ އަބަދަކު ލިބޭއެއްޗެއްނޫން ލިބޭފަހަރު ނުހިފުމުން ގެއްލުންވޭ މާލެއިން އަތޮޅުތަކުގެ އެތައްބަޔަކައް ގޯތިވެސްލިބުން ނަމަވެސް ދޫކޮއްފަ ދިޔައީ